ދުނިޔެ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމާ ގުޅިގެން އޭނާއަށް ތާޢީދުކުރާ މީހުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ފެށިއްޖެއެވެ. ޚާން ހައްޔަރުކޮށްފައި ވަނީ، އޭނާއާ ދެކޮޅަށް އުފުލާފައިވާ ކޮރަޕްޝަންގެ ދަޢުވާތަކެއްގެ އަޑުއެހުމުގައި ބައިވެރިވުމަށް އެ ޤައުމުގެ ހައި ކޯޓަށް ހާޒިރުވުމުންނެވެ. ޚާނަށް ތާޢީދުކުރާ އެތަކެއް ހާސް ބަޔަކު ދަނީ ވެރިރަށް އިސްލާމްއާބާދުގެ އިތުރުން އެހެން ބޮޑެތި ރަށްތަކުގެ މަގުތަކަށް އެއްވެ އޭނާ މިނިވަން ކުރުމަށް ގޮވައިލާ މުޒާހަރާ ކުރަމުންނެވެ. އަދި، ފުލުހުންނާ ކުރިމަތިލަމުންނެވެ.

Ads by Sosun Fihaara

ޚާން ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައި ވަނީ، ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިއަކަށް އަމާޒުކޮށް އޭނާ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. 2022 ވަނަ އަހަރު ޚާން އަވަހާރަކޮށްލަން ދީފައިވާ ޙަމަލާގެ ފަހަތުގައި ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސް އޮފިސަރެއް ކަމަށް އޭނާ ތުހުމަތު ކުރެއެވެ. ނަމަވެސް، ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ ޚާންގެ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި، މި ފަދަ ސާބިތުނުހިފޭ ދޮގު ވާހަކަތަކާއި ތުހުމަތުތައް ފެތުރުން ހުއްޓައިލުމަށް އޭނާއަށް ގޮވައިލާފައެވެ.

ޚާން ތުހުމަތު ކުރާ ގޮތުގައި އޭނާ އަވަހާރަކޮށްލަން ރާވާފައި ވަނީ އަސްކަރިއްޔާގެ ޖާސޫސީ އިސް އޮފިސަރެއް ކަމުގައިވާ މޭޖަރ ޖެނެރަލް ފައިޞަލް ނަސީރެވެ. އެ ޙަމަލާގައި އޭނާގެ ފަޔަށް ވަނީ ވަޒަން އަރައި ޒަޚަމުވެފައެވެ. ނަމަވެސް، އަސްކަރިއްޔާގެ އިންޓަރ-ސަރވިސަސް ޕަބްލިކް ރިލޭޝަންސް (އައި.އެސް.ޕީ.އާރް)އިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ޚާން އަވަހާރަކޮށްލަން ދިން ޙަމަލާ ރޭވުމުގައި ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ އަތެއް ވާކަމަށް ވެސް ޚާން ތުހުމަތު ކުރެއެވެ. "އެއްވެސް ހެއްކެއް ނެތި ޖެނެރަލް ފައިޞަލް ނަސީރާ ދެކޮޅަށް މި ފަދަ ތުހުމަތުތައް ކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން،" ޚާންގެ ތުހުމަތުތަކަށް ރައްދުދެއްވައި ކުރެއްވި ޓްވީޓެއްގައި ޝަރީފް ވިދާޅުވިއެވެ.

ޚާން މިނިވަން ކުރުމަށް ގޮވައިލާ އޭނާއަށް ތާޢީދުކުރާ މީހުން މުޒާހަރާ ކުރަމުންދާ ރަށްތަކުގެ ތެރޭގައި ވެރިރަށް އިސްލާމްއާބާދުގެ އިތުރުން ކަރާޗީއާއި، ލާހޯރާއި، ރާވަލްޕިންޑީ އަދި ޕެޝާވަރު ހިމެނެއެވެ. އޭނާއަށް ތާޢީދުކުރާ މީހުން ވަނީ މަގުތަކަށް ނިކުމެ، އެއްގަމު ދަތުރުފަތުރަށް ހުރަސް އަޅާފައެވެ. އެ މީހުން ހުއްޓުވުމަށް ފުލުހުން ދަނީ ކަރުނަ ގޭސް ފަދަ ހަތިޔާރު ބޭނުން ކުރަމުންނެވެ.

ޚާން ހައްޔަރުކޮށްފައިވާ ކަން އިޢުލާނުކޮށްފައި ވަނީ އިސްލާމްއާބާދުގެ ފުލުހުންނެވެ. އޭނާ ކޯޓަށް ހާޒިރުވި ވަގުތުގެ މަންޒަރުތައް އެ ޤައުމުގެ ޓީވީ ސްޓޭޝަންތަކުން ވަގުތުން ދުރަށް ދައްކަމުން ދިޔައެވެ. އަދި، ޕާކިސްތާނުގެ ޕެރެމިލިޓަރީ ރޭންޖަރސްގެ އޮފިސަރުން އޭނާ ހައްޔަރު ކުރާ މަންޒަރު ވެސް ވީޑިޔޯތަކުން ފެނެއެވެ.

"ހައި ކޯޓުގެ ޢިމާރާތަށް އަޅުގަނޑުމެން ވަން ތަނާ ގިނަ ޢަދަދެއްގެ ފުލުހުން އައިސް ވަނީ ޚާނަށް ޙަމަލާދީފައި. އަދި، އޭނާއަށް އަނިޔާކުރުމަށް ފަހު އޭނާ ހައްޔަރުކޮށްގެން ގެންގޮސްފައި. އޭނާ ގެންގޮސްފައި ވަނީ ބިންމަތީގައި ދަމާ ކޫއްތާފައި،" ޚާންގެ ޕާކިސްތާން ތަހްރީކް އަލް-އިންސާފު (ޕީ.ޓީ.އައި) ޕާޓީގެ ޤާނޫނީ ވަކީލުންގެ ޓީމުގެ މެންބަރެއް ކަމުގައިވާ ޢަލީ ބުޚާރީ ކިޔައިދިނެވެ. ހައްޔަރުކޮށްގެން ޚާން ގެންގޮސްފައި ވަނީ ކޮން ތަނަކަށް ކަން ސާފު ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

ހުސްވި އަހަރު ބޭއްވި މުޒާހަރާއެއްގައި ބަޑިން ޙަމަލާދީ ޚާން އަވަހާރަކޮށްލަން ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސް އޮފިސަރަކު މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ތުހުމަތު ކުރާ އިރު، 2018 ވަނަ އަހަރު ޕާކިސްތާނުގެ ވެރިކަމަށް އޭނާ އައިސްފައި ވަނީ އެ ޤައުމުގެ އަސްކަރިއްޔާގެ އެހީތެރިކަމާ އެކު ކަން ފާހަގަކޮށްލަން ޖެހެއެވެ. ނަމަވެސް، ހުސްވި އަހަރު އޭނާއާ ދެކޮޅަށް ނެގި އިތުބާރު ނެތް ކަމުގެ ވޯޓުގެ ކުރިން އަސްކަރިއްޔާއިން ވަނީ ޚާނަށް ދިން ތާޢީދު އަނބުރާ ގެންގޮސްފައެވެ.

ޚާން ހައްޔަރު ކުރުމުގެ ކުރިން ރެކޯޑުކޮށްފައިވާ ވީޑިޔޯ މެސެޖެއް، އޭނާ ހައްޔަރު ކުރުމުން ޕީ.ޓީ.އައިއިން ވަނީ ޢާންމުކޮށްފައެވެ. "މި ޤައުމުގެ ލޮބުވެތި ރައްޔިތުން. އަޅުގަނޑުގެ މި ބަސްތައް ތިޔަ ބޭފުޅުންނަށް އަޑުއިވޭއިރު، އަޅުގަނޑު ހުންނާނީ ފުލުހުންގެ ހައްޔަރުގައި. އަޅުގަނޑާ ދެކޮޅަށް އުފުލާފައި ވަނީ ސައްޙަ ދަޢުވާތަކެއް ނޫން. އަޅުގަނޑަށް ސާފުވާ ހަމައެކަނި ކަމަކީ، ތިޔަ ރައްޔިތުންގެ ހައްޤުތަކާއި ޑިމޮކުރަސީ ވެސް މިއަދު އެ ވަނީ ކަފުންކޮށް ވަޅުލާފައި ކަން،" ވީޑިޔޯ މެސެޖުގައި ޚާން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!