ދުނިޔެ

އިމްރާން ޚާން ހައްޔަރުކުރުމުން ޕާކިސްތާން ހަމަނުޖެހުމަކަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާންހާން މިއަދު ހައިކޯޓަށް ވަޑައިގެން އިންނަވަނިކޮށް ހަތިޔާރުއެޅި ޕެރަމިލިޓަރީ (ސިފައިން ގޮތަށް ހަރަކާތްތެރިވާ އަމިއްލަ ޖަމާއަތެއް) އިންގެ ބޮޑު ފައުޖަކުން ވަދެ އިމްރާން "ދަމައިގަނެގެން" ގެންދިޔަ މައްސަލައިގައި އޭނާގެ ސަޕޯޓަރުން ރަށުތެރޭގެ އެތަަން މިތަނަށް އެއްވެ ހަމަނުޖެހުން ހިންގަމުން އެބަދެއެވެ.

Ads by WAMCO

ހަތިޔާރާއެކު ޕެރަމިލިޓަރީން ހައިކޯޓަށް ވަން އިރު އިމްރާން އިންނެވީ، މައްސަލައަކަށް ބައޫމެޓްރިކް (އިނގިލީގެ ސްކޭން) ދެއްވަން ވަޑައިގެންނެވެ. އެވަގުތު އޭނާގެ އަރިހުގައި ބައެއް ލޯޔަރުންނާއި އެތާނގެ ބައެއް މުވައްޒަފުން ތިއްބާ ޕެރަމިލިޓަރީން އެތަނަށް ވަނީ ކުޑަ ދޮރުގެ ބިއްލޫރިތައް ތަޅާލައިގެންނެވެ. އޭރު އެމަންޒަރު ބައްލަވަން ދަތްދޮޅީގައި އަތް ވިދެލައިގެން އިމްރާން އިންނެވިއެވެ.

އެމީހުން އިމްރާން ދަމައިގަނެގެން ގެންދިޔަ އިރު އޭނާގެ ވަށައިގެން ގިނަ އަދަދެއްގެ ޕެރަމިލިޓަރީން ހަރަކާތްތެރިވަމުން ދިޔައެވެ. އެއްވަޔަކު އޭނާގެ ހަށިކޮޅުގައި ހިފައިގެން ބާރުބާރުބާރަށް ގެންދިޔައިރު ފިތި ބާރުވެގެން ބާކީ ތިބި ސިފައިން ދިޔައެވެ. ގެންދިޔަގިތަށް ގެންގޮސް އެމީހުންގެ އަސްކަރީ ވެހިކަލަކަށް އަރުވައިގެން ނައްޓާލިއެވެ.

އިމްރާނަކީ ޕާކިސްތާންގައި ބޮޑު ސަޕޯޓެއް އޮތް ޝަހުސަކަށް ވާއިރު އެހާދިސާގެ ހަބަރުތަކާއެކު އޭނާގެ ސަޕޯޓަރުން ވަނީ ހިނި ދަރުގަނޑަކުން ހިނި ނިކުންނަހެން މަގުތަކަށް ނިކުމެ ފުރާލާފައެވެ. އެތަން މިތާނަގައި ހަމަނުޖެހުން ހިންގާ، މަގުމަތީގައި ޓަޔަރު ރޯކޮށް، އެއްބަޔަކު އިހުތިޖާޖު ކުރަމުން ދާ އިރު އަނެއްބަޔަކު ދަނީ މުދަލާއި ތަކެއްޗަށް ގެއްލުން ދެމުންނެވެ. އެގޮތުން އެއްބަޔަކު މިހާރު ވަނީ އާމީ ކޮމާންޑަރެއްގެ ގެއަށް ވަދެގަނެ އެއްޗެހި ތަޅާ ސުންނާފަތި ކޮށްލާފައެވެ. މި ހަމަނުޖެހުންތައް ފުޅާވެ ބޮޑުވަމުން ދާ އިރު، ބައެއް އާންމުންނަށް އަނިޔާވަމުން ދާ ކަމުގެ ހަބަރުތައްވެސް އެބަ ލިބެއެވެ.

މުޅި ޕާކިސްތާން ހުއްޓުމަކަށް ގެނައުމަށް އިމްރާން ނިސްބަތްވާ ޕީޓީއައި އިން، ސަޕޯޓަރުންނަށް ގޮވާލާފައި ވާ އިރު ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިންވެސް މިހާރު މަގުތަކަށް ވަނީ ނިކުމެފައެވެ. ރުޅިއައިސްފައި ވާ ސަޕޯޓަރުން ކޮންޓްރޯލް ކުރަން ސަލާމަތީ ބާރުތަކުން މަސައްކަތް ކުރާއިރު ދެފަރާތުގެ ދެމެދުގައި ދަނީ ހަމނުޖެހުން އުފެދި ފުޅާވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!