ޗައިނާއިން ކެނެޑާގެ ޑިޕްލޮމެޓަކު ބޭރުކޮށްފި
ކެނެޑާގައި ޗައިނާގެ ނުފޫޒު ފޯރުވަމުންދާކަމުގެ ކަންބޮޑުވުންތަކާ އެކު، އޮޓާވާ އިން ޓޮރޮންޓޯގެ ޗައިނާ ޑިޕްލޮމެޓަކު އެތަނުން ނުކުތުމަށް އަންގާފައި ވަނިކޮށް، ޗައިނާއިން ޝަންހާއީގައި ހުންނަ ކެނެޑާގެ ޑިޕްލޮމެޓަކު މަގާމުން ވަކިކޮށްފި އެވެ.
ކެނެޑާއިން ޗައިނާގެ ޑިޕްލޮމެޓް ޒާއޯ ވެއި ބޭރުކުރީ ޗައިނާގެ އުއިގޫރު މުސްލިމް މައިނޯރިޓީއާ މެދު ޗައިނާއިން އަމަލުކުރާ ގޮތާ މެދު ފާޑުކިޔާ ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް އަމާޒުކުރަން މަސައްކަތް ކުރާ ކަމަށް އިންޓެލިޖެންސް ރިޕޯޓެއްގައި ތުހުމަތުކޮށްފައި ވަނިކޮށެވެ.
ކެނެޑާގެ ޚާރިޖީ ވަޒީރު މެލަނީ ޖޯލީ ވިދާޅުވީ ބޭރުގެ އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވުމަކީ އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކެނެޑާގެ "ބޭއިންސާފު އަމަލުތަކަށް" ރައްދު ދިނުމުގެ ގޮތުން ޗައިނާއިން ޝަންހާއީގައި ހުންނަ ކެނެޑާގެ ކޮންސިއުލޭޓްގެ ކޮންސުލް ޖެނިފާ ލިން ލަލޮންޑޭއަށް އަންގާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ކުރިން ޗައިނާ ދޫކޮށް ދިއުމަށެވެ.
އަދި އިތުރު ޖަވާބެއް ދިނުމުގެ އިހްތިޔާރު ޗައިނާއަށް ލިބިގެންވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަންގް ވެންބިން ވިދާޅުވީ ކެނެޑާގެ ފަރާތުން ބޭއިންސާފުން ހިތްވަރު ދިނުމާ ގުޅިގެން ޗައިނާއިން ވަނީ ބަދަލުހިފުމުގެ ގޮތުން އެފަދަ ފިޔަވަޅުތަކެއް އަޅާފައި ކަމަށެވެ. "މިއީ ވަރަށް އިންސާފުވެރި އަދި ކޮންމެހެން ކުރަން ޖެހޭ ކަމެއް. އަދި ކެނެޑާއިން ހިންގަމުން ގެންދާ ބޭއިންސާފު ހަރުކަށި އަމަލުތައް ވަގުތުން ހުއްޓާލުމަށް އިލްތިމާސްކުރަމެވެ.
ވަންގް އިތުރަށް ވިދާޅުވީ، ބެއިޖިންގެ އިންޒާރަށް ކެނެޑާއިން އިޖާބަ ނުދީ ފަރުވާކުޑަކޮށް އަމަލު ކުރަމުން ގެންދާނަމަ، ޗައިނާ އިން "ސާބިތުކަމާއި ގަދަބާރުން ހަނގުރާމަ ކުރާނެ ކަމަށާއި އެކަމުގެ ހުރިހާ ނަތީޖާއެއް ކެނެޑާގެ ފަރާތުން އުފުލަން ޖެހޭނެ" ކަމަށެވެ.
ވާވޭ ޓެކްނޮލޮޖީސްގެ އެގްޒެކެޓިވް މެންގް ވަންޒޫ 2018 ވަނަ އަހަރު ހައްޔަރުކޮށް، އޭގެ ފަހުން ޖާސޫސް ކުރުމުގެ ތުހުމަތުގައި ކެނެޑާގެ ދެ މީހަކު ބެއިޖިން އިން ހައްޔަރުކުރުމާ ގުޅިގެން ޑިޕްލޮމެޓިކް ނުތަނަވަސްކަން ދަނީ އިތުރުވަމުންނެވެ. އެ ތިން މީހުން ވެސް މިނިވަންކުރީ 2021 ވަނަ އަހަރު އެވެ.
ވިޔަފާރީގެ ކުންފުނިތައް ކަމަށްވާ ރިޗަޑްސަން އިންޓަނޭޝަނަލް އާއި ވިޓެރާ އިން ކެނެޑާގެ އެންމެ ބޮޑު ބާވަތް ކަމަށްވާ ކެނޯލާ އެތެރެކުރުން ތިން އަހަރަށް މަނާކޮށްފައި އޮތް އޮތުން މިދިޔަ އަހަރު ބެއިޖިން އިން ވަނީ އުވާލައިފަ އެވެ. މެންގް ހައްޔަރުކުރުމާ އެކު އެ ފިޔަވަޅުތައް އެޅި ނަމަވެސް ޗައިނާއިން ވަނީ ޕެސްޓްތަކާ މެދު ހުރި ކަންބޮޑުވުންތައް ފާހަގަކޮށްފަ އެވެ. ޗައިނާއަކީ ކެނެޑާގެ ޕޮޓޭޝް އާއި ހުއިފިލަނޑާ ވެސް އެންމެ ގިނައިން އެތެރެކުރާ ގައުމެވެ.