ޓޯކިޔޯގައި ނޭޓޯގެ ލައިޒަން އޮފީހެއް ހުޅުވުމަށް ޖަޕާނުން މަސައްކަތް ކުރަނީ
ޖަޕާނުން ޓޯކިޔޯގައި ނޭޓޯގެ ލައިޒަން އޮފީހެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޖަޕާނުން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޯޖީ ޓޮމިޓާ ވިދާޅުވެއްޖެ އެވެ.
ޓޮމިޓާ މިހެން ވިދާޅުވީ މި ސަރަހައްދުގައި މަޝްވަރާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އޭޝިއާގައި ފުރަތަމަ ފަހަރަށް އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ އިއްތިހާދުން މިފަދަ އޮފީހެއް ހުޅުވަން ވިސްނަމުންދާ ކަމަށް ބުނެ މި މަހު ނިކީ އޭޝިއާގައި ނެރުނު ރިޕޯޓަކާ ގުޅޭ ގޮތުން ވޮޝިންޓަންގައި ނެޝަނަލް ޕްރެސް ކްލަބުން ބޭއްވި އިވެންޓެއްގައި ސުވާލު ކުރުމުންނެވެ.
"ތިޔަ ވިދާޅުވި ނުކުތާއަކީ އަޅުގަނޑުމެންގެ ޕާޓްނާޝިޕް ހަރުދަނާ ކުރުމަށް ޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަމުން އަންނަ އެއް ކަންތައް. އެކަމަކު ހަގީގަތުގައި ވެސް އަޅުގަނޑަށް އެކަމުގެ އެންމެ ފަހުގެ ޔަގީންކަމެއް އިވިފައެއް ނުވޭ، އެކަމަކު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އެ މަގަށް،" އޭނާ ވިދާޅުވި އެވެ.
ނޭޓޯގެ ބައިވެރިން މިހާރު ކުރަމުންދާ މަޝްވަރާތަކުގެ ތަފްސީލަށް ނުދާނެ ކަމަށް ބުނެ، ނިކްކީ ރިޕޯޓް ނޭޓޯއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މިމަހުގެ 19 އިން 21 އަށް ޖަޕާނުން ހިރޯޝީމާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ-7 ސަމިޓާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޓޮމިޓާ ވިދާޅުވީ މި ބައްދަލުވުމަކީ ޗައިނާއާ މެދު އެ ޖަމާއަތުން ދެކޭ ގޮތް ގާތުން ބައްޓަން ކުރުމަށް މަސައްކަތް ކުރާނެ ބައްދަލުވުމެއް ކަމަށެވެ.
ނިކްކީ އޭޝިއާ އިން ބުނީ އަންނަ އަހަރު ލައިޒަން އޮފީސް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި، ޗައިނާ އާއި ރަޝިއާގެ ޖިއޮޕޮލިޓިކަލް ގޮންޖެހުންތަކަށް ރިއާޔަތްކޮށް، ނޭޓޯގެ ސަލާމަތީ ބައިވެރިން ކަމަށްވާ ދެކުނު ކޮރެއާ، އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑާއެކު މަޝްވަރާ ކުރެވޭނެ ކަމަށެވެ.
ނޭޓޯގެ ވެރިޔާ ޖެންސް ސްޓޮލްޓެންބާގް މިދިޔަ ޖެނުއަރީ މަހު ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި، ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމާއި ޗައިނާގެ އަސްކަރީ ބާރު އިތުރުވަމުންދާ ކަމަށް ވިދާޅުވެ، ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ "ތާރީހީ" ގޮންޖެހުންތަކާ ކުރިމަތިލުމުގައި ގުޅުން ބަދަހިކުރައްވާނެ ކަމަށް ބޮޑުވަޒީރު ފުމިއޯ ކިޝިދާއާ އެކު ވައުދުވެވަޑައިގެންނެވި އެވެ.
ނިކްކީ އޭޝިއާގެ ރިޕޯޓަށް ފަހު ޗައިނާއިން ބުނީ ނޭޓޯގެ "އިރުމަތީ ފަރާތް ފުޅާކުރުމާ" ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި "ހައި ވިޒިލެންސް" ބޭނުންވާ ކަމަށެވެ.