ޕާކިސްތާނުގައި ހިނގި ހަމަނުޖެހުންތަކުގައި 8 މަރު
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރުމާ ގުޅިގެން އޭނާ މިނިވަން ކުރުމަށް ގޮވައިލާ ކުރަމުންދާ މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ޢަދަދު އަށަކަށް އަރައިފިއެވެ. ޚާން ހައްޔަރުކޮށްފައި ވަނީ އޭނާއާ ދެކޮޅަށް އުފުލާފައިވާ ކޮރަޕްޝަންގެ ތުހުމަތުގެ ދަޢުވާތަކުގެ އަޑުއެހުމަކަށް ހާޒިރުވުމަށް ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ހައި ކޯޓަށް ހާޒިރުވި ވަގުތު މޭ މަހުގެ 9 ވަނަ ދުވަހުއެވެ.
ޚާން ހައްޔަރުކުރުމާ ގުޅިގެން އޭނާއަށް ތާޢީދުކުރާ މީހުންނާއި، އޭނާގެ ތަހްރީކް އަލް-އިންސާފު (ޕީ.ޓީ.އައި) ޕާޓީގެ މެންބަރުން ވަނީ ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މުޒާހަރާތަކެއް ފަށާފައެވެ. މުޒާހަރާގެ ބައިވެރިން ދަނީ ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގަމުންނެވެ. އަދި، އަސްކަރިއްޔާގެ ޢިމާރާތްތަކާއި ފުލުހުންގެ ވެހިކަލްތަކަށް ގެއްލުންދީ، ބައެއް ޢިމާރާތްތަކުގައި ހުޅުޖަހާފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ރާވަލްޕިންޑީއާއި، ލާހޯރާއި ޕެޝާވަރުގައި ހުންނަ އަސްކަރިއްޔާގެ މައި މަރުކަޒުތަކަށް ވެސް ޙަމަލާދީފައެވެ.
މުޒާހަރާ ކުރާ މީހުން ހުޅުޖަހައި ގެއްލުންދީފައިވާ ބައެއް ޢިމާރާތްތަކުގެ ތެރޭގައި ޚައިބަރް ޕަޚްތުންޚްވާ ޕުރޮވިންސުގެ ވެރިރަށް ޕެޝާވަރުގައި ހުންނަ ރޭޑިޔޯ ޕާކިސްތާންގެ ޢިމާރާތް ވެސް ހިމެނެއެވެ. ޕެޝާވަރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 84 އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވާ ކަމުގައި އެ ސަރަޙައްދުގައި ހުންނަ ލޭޑީ ރެޑިންގް ހޮސްޕިޓަލުން ބުނެއެވެ.
މި ހަމަނުޖެހުންތަކުގައި މަރުވެފައިވާ މީހުންގެ ޢަދަދު 50 އަށްވުރެ އިތުރުވާނެ ކަމަށް ޕީ.ޓީ.އައިއިން ބުނެއެވެ. އަދި، 120 އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވާ ކަމުގައި ވެސް އެ ޕާޓީން ބުނެއެވެ. ނަމަވެސް، ޕާކިސްތާނުގެ އެއްވެސް ރަސްމީ އިދާރާއަކުން މި ޢަދަދުތައް ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އެ ޕާޓީގެ އެތަކެއް ހާސް ބަޔަކު ހައްޔަރުކޮށްފައިވާ ކަމުގައި ވެސް އެ ޕާޓީން ބުނެއެވެ. ޕީ.ޓީ.އައިއަކީ 231 މިލިޔަނަށް ވުރެ ގިނަ ޢާންމު މެންބަރުން ތިބޭ ޕާޓީއެކެވެ.
މުޒާހަރާކޮށް ހަމަނުޖެހުން ހިންގަމުންދާ މީހުން ހުއްޓުވަން ފުލުހުން ދަނީ ބާރުގެ ބޭނުން ކުރަމުންނެވެ. މި ހަމަނުޖެހުންތަކުގައި 130 އަށްވުރެ ގިނަ ފުލުހުން ޒަޚަމުވެފައިވާ ކަމުގައި ފުލުހުން ބުނެއެވެ. އަދި، ފުލުހުންގެ 25 އުޅަނދަކާއި، ސަރުކާރުގެ 14 ޢިމާރާތެއްގައި ހުޅުޖަހައި ގެއްލުންދީފައިވާ ކަމުގައި ވެސް ފުލުހުން ބުނެއެވެ. މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި އެ ޤައުމުގެ އަސްކަރިއްޔާގެ އެހީތެރިކަން ހޯދުމަށް ވެސް ވަނީ އެދިފައެވެ.
ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ޕާކިސްތާން ސަރުކާރުން ވަނީ ވެރިރަށް އިސްލާމްއާބާދުގެ އިތުރުން ޚާންގެ އުފަން ރަށް ކަމުގައިވާ ޕުންޖާބްގައި އެއްވުމާއި މުޒާހަރާ ކުރުން މަނާކޮށްފައެވެ. އަދި، މޯބައިލް އިންޓަރނެޓުގެ ޚިދުމަތް ވެސް ވަނީ ކަނޑައިލާފައެވެ.
ޕާކިސްތާނުގެ ވެރިކަމާ ޚާން ހަވާލުވެވަޑައިގަތީ 2018 ވަނަ އަހަރުއެވެ. އޭނާގެ އެންމެ މުހިންމު ވަޢުދުތަކުގެ ތެރޭގައި ކޮރަޕްޝަނާއި ފަގީރުކަމާ ދެކޮޅަށް މަސައްކަތް ކުރުމާއި، ޕާކިސްތާނުގެ އިޤުތިޞާދީ ހާލަތު ބަދަލުކުރުން ހިމެނެއެވެ. ނަމަވެސް، 2022 ވަނަ އަހަރުގެ އޭޕްރިލް މަހު ޚާނާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ފަހު އޭނާ ވަނީ ވެރިކަމުން ދުރުކޮށްފައެވެ. އަދި، އޭނާގެ މައްޗަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއްގައި ވަނީ ދަޢުވާ އުފުލާފައެވެ.