ގްލޯބަލް ވިމެންސް އިޝޫސް އޮފީހުގެ މަންދޫބަކަށް އިންޑިއާ ދަރިކޮޅު މީހެއް
އެމެރިކާގެ ސެނެޓުން ވަނީ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފީސް އޮފް ގްލޯބަލް ވިމެންސް އިޝޫސްގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް އިންޑިއާ ދަރިކޮޅުގެ އެމެރިކާގެ ޑޮކްޓަރ ގީތާ ރާއޯ ގުޕްތާ އައްޔަންކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.
"އެމެރިކާގެ ސެނެޓުން ޑރ ގީތާ ރާއޯ ގުޕްތާ ކަށަވަރުކުރީ އޮފީސް އޮފް ގްލޯބަލް ވިމެންސް އިޝޫސްގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް. އެމެރިކާގެ ހާރިޖީ ސިޔާސަތުގެ ތެރެއިން އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް ކުރިއެރުވުމަށް އެކަމަނާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް @StateDept އުންމީދު ކުރައްވާ،" ސެކްރެޓަރީ އޮފީސް އޮފް ގްލޯބަލް ވިމެންސް އިޝޫސްގެ ޓުވީޓުގައި ވެއެވެ.
މި މަގާމަށް ރައީސް ޖޯ ބައިޑަން ގުޕްތާ ނޮމިނޭޓް ކުރެއްވިއިރު، މި ހަފުތާގެ ކުރީކޮޅު 51-47 ގެ ވޯޓާއެކު އެކަމަނާއަށް ވަނީ ޔަގީންކަން ލިބިވަޑައިގެންފަ އެވެ.
ގުޕްތާ އަކީ ޖިންސީ ހަމަހަމަކަމާއި އަންހެނުންގެ އިގްތިސާދީ ރައްކާތެރިކަން ކުރިއެރުވުމުގައި ލީޑަރެއްގެ ގޮތުގައި ބައިނަލްއަގްވާމީ ފެންވަރުގައި މަޝްހޫރު ވެފައިވާ ބޭފުޅެއް ކަމަށާއި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އޭނާ އެ މަގާމަށް އައްޔަން ކުރުމަށް މަރުހަބާ ކިޔާފަ އެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން ހުކުރު ދުވަހު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތައް ކުރިއެރުވުމަށް އެކަމަނާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އުއްމީދު ކުރައްވާ ކަމަށެވެ.
ގުޕްތާ ވަނީ އދ.ގެ އެކި އިދާރާތަކާއި ޕްރޮގްރާމްތަކާ ގުޅިގެން މަސައްކަތް ކުރައްވާފައެވެ. ޔޫއެން ފައުންޑޭޝަންގެ ތްރީޑީ ޕްރޮގްރާމް ފޯ ގާލްސް އެންޑް ވިމެންގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރެއްވި އެވެ.
ޔޫއެންއެއިޑްސް ގްލޯބަލް ކޯލިޝަން އޮން ވިމެން އެންޑް އެއިޑްސް އަށް ނަސޭހަތްތެރިވާ އެކަމަނާ އަކީ އިންޓައެކްޝަން އަދި މޮރިއާ ފަންޑުގެ ބޯޑުތަކުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އަދި ޔޫއެން މިލޭނިއަމް ޕްރޮޖެކްޓް ޓާސްކްފޯސް އޮން އެޑިއުކޭޝަން އެންޑް ޖެންޑަރ އިކުއަލިޓީގެ ކޯޗެއާގެ މަގާމު ވެސް އެކަމަނާ ވަނީ ފުރުއްވާފައެވެ.