ޕާކިސްތާންގެ ކޯލް މައިންއެއްގައި ހިނގި ހަމަނުޖެހުމެއްގައި 16 މީހަކު މަރުވެއްޖެ
ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ކޯލް މައިންގެ މިލްކުވެރިކަމާ ގުޅިގެން ދެ ގަބީލާއެއްގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި 16 މީހުން މަރުވެ 10 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
އޮފިޝަލުން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ހިނގި މި ހާދިސާއަކީ އަފްޣާނިސްތާނުގެ ބޯޑަރު އޮންނަ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ ޑާރާ އާދަމް ކޭލް ސަރަހައްދުގައި ހުރި މައިންގެ މައްސަލާގައި ޒަމާނުއްސުރެ ހިނގަމުން އައި ޓްރައިބަލް ވާދަވެރިކަމުގެ ތެރެއިން ހިނގި ހާދިސާއެއް ކަމަށެވެ.
އެ ސަރަހައްދުގެ ސަނީ ކޭލް އާއި އަޚޯރްވާލް ގަބީލާއާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި 16 މީހުން މަރުވެފައިވާ ކަން އެ ގައުމުގެ ފުލުސް އޮފިސަރު ޒާހިދު ޚާން ވަނީ ކަށަވަރުކޮށްދީފަ އެވެ.
"ސަނީ ކޭލް ދަރިކޮޅުގެ 11 މީހުން މަރުވި އިރު އަޚޯރްވާލް ދަރިކޮޅުގެ ފަސް މީހުން ރޭ ވަޅުލާފައި ވޭ،" އަލްޖަޒީރާއަށް އަންގާރަ ދުވަހު ދިން އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.
އިމްރާން އިތުރަށް ވިދާޅުވީ އެކަމުގައި ޝާމިލްވާ ގަބީލާތަކުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށާއި މައްސަލަ ހައްލުކުރުމަށް ޖިރްގާއެއް [ޓްރައިބަލް ކައުންސިލް ބައްދަލުވުމެއް] ބާއްވާފައިވާ ކަމަށެވެ.
ޖިރްގާ އަކީ އެކި ޤަބީލާތަކަށް ނިސްބަތްވާ މުސްކުޅިންގެ ގުރޫޕަކަށް ނިސްބަތްކޮށް، ޤަބީލާތަކުގެ މެދުގައި އުފެދިފައިވާ ވާދަވެރިކަމާއި ހަމަނުޖެހުންތައް ޙައްލުކުރުމުގެ ބާރު ލިބިގެންވާ ބައެކެވެ. ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކުގައި ޕަޝްތޫން ނަސްލުގެ އާބާދީގެ ބާރު ގަދަ ސަރަހައްދުތަކުގައި ގިނަފަހަރަށް ބޭނުންކުރެއެވެ.
"މިއީ ދެ މީހުންގެ ދެމެދުގައި ހިނގި ފުރަތަމަ ހަމަނުޖެހުން ނޫން ކަމަށާއި މީގެ ކުރިން ވެސް މައްސަލަ ހައްލުކުރަން އެތައް ޖިރްގާއެއް ހިނގާފައި ވީ ނަމަވެސް އެކަން ދަނީ ފެންމަތިވަމުން ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މި ހަމަނުޖެހުންތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައި،" އިމްރާން ވިދާޅުވި އެވެ.
ފުލުހުންގެ އޮފިސަރު ވިދާޅުވީ ސަނީ ކޭލް ދަރިކޮޅުގެ މީހުން އެ ސަރަހައްދުގެ ހައިވޭއެއްގައި މުޒާހަރާކުރީ ކުށްވެރިން ހައްޔަރު ކުރުމަށް ގޮވާލައި ކަމަށެވެ.