ޕާކިސްތާންގައި އަސްކަރީ ޤާނޫން ހިންގަނީ
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރުމާ ގުޅިގެން އުފެދުނު މުޒާހަރާތަކުގައި ޕާކިސްތާނުގެ ދައުލަތުގެ މުދަލާއި އަސްކަރީ މަރުކަޒުތަކަށް ހަމަލާދިން ހަމަނުޖެހުން ހިންގާ މީހުންނާއި އެމީހުންނަށް ތާއީދުކުރާ މީހުންގެ މައްޗަށް އަސްކަރިއްޔާގެ ގާނޫނުތަކުގެ ދަށުން ޝަރީއަތް ހިންގާނެ ކަމަށް އެ ގައުމުގެ މަދަނީ އަދި އަސްކަރީ ލީޑަރުން ވިދާޅުވެއްޖެ އެވެ.
މިނިންމުން އިއުލާނުކޮށްފައިވަނީ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ރިޔާސަތު ބަލަހައްޓަވާ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ބައްދަލުވުމަށް ފަހު އެވެ.
މިދިޔަ މެއި މަހުގެ ނުވަ ވަނަ ދުވަހު އިމްރާން ކޮރަޕްޝަންގެ މައްސަލައެއްގައި ހައްޔަރުކުރުމާ އެކު އޭނާގެ އެތައް ހާސް ސަޕޯޓަރުން ވަނީ މަގުތަކަށް ނުކުމެފަ އެވެ. ފުލުހުންނާއި ސަރުކާރުގެ އިމާރާތްތަކާއި ރަސްމީ އަދި އާންމު ވެހިކަލްތަކާއި އަސްކަރީ މުދަލާއި އިންސްޓޯލްމަންޓްތަކުގައި މީހުން ރޯކޮށް ހަމަލާދޭ މަންޒަރު ފެނެ އެވެ.
ޝަރީފްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާގެ ގާނޫނާއި ރަސްމީ ސިއްރުތަކާ ބެހޭ ގާނޫނު ފަދަ ގާނޫނުތަކުގެ ދުސްތޫރީ މާއްދާތަކުގެ ދަށުން އެ މީހުންގެ މައްޗަށް ޝަރީއަތް ހިންގައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދިން މީހުންނާއި އެ މީހުންގެ ފެސިލިޓޭޓަރުން ބަނދަރު ކުރުމަށް މި ބައްދަލުވުމުގައި ތާއީދުކޮށްފައިވާ ކަމަށެވެ.
މި ހަމަނުޖެހުންތައް ކުށްވެރިކުރައްވައި ޝަރީފް ވިދާޅުވީ އެއީ ޓެރަރިޒަމްގެ ކެޓަގަރީގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އަސްކަރިއްޔާގެ ހެޑްކުއާޓަރާއި ވައިގެ ސިފައިންގެ މަރުކަޒަކާއި އިންޓަ ސާވިސަސް އިންޓެލިޖެންސް އެޖެންސީގެ އޮފީހަކަށް ހަމަލާ ދީފައިވާ ކަމަށެވެ.
"ރޭވުންތެރިންނަކީ ކާކުކަމާއި، މި ހަރުކަށި ފިކުރުތަކަށް ހިތްވަރުދިން މީހާ ... އެމީހުންނަށް އެއްވެސް ލުޔެއް ހައްގު ނޫން،" ޝަރީފް ވިދާޅުވި އެވެ.