ޑަބްލިއުޓީއޯގައި އީޔޫގެ ކާބަން ޓެކްސްއަށް ގޮންޖަހަން އިންޑިއާއިން ނިންމައިފި
އިންޑިއާއިން އެތެރެކުރާ ސްޓީލް، ދަގަނޑު އަދި ސިމެންތި ފަދަ ހައި ކާބަން މުދަލުން 20 އިންސައްތައާއި 35 އިންސައްތައާ ދެމެދުގެ އަދަދަކަށް ޓެރިފް ނަގަން ޔޫރަޕިއަން ޔޫނިއަންއިން ހުށަހަޅާފައިވާތީ އިންޑިއާއިން ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް މައްސަލަ ހުށަހަޅަން ނިންމާފައިވާކަމަށް ސަރުކާރާއި އިންޑަސްޓްރީގެ އިސް ފަރާތްތަކުން ބުނެއެވެ.
މިއީ އީޔޫގެ ކާބަން ބޯޑަރ އެޑްޖަސްޓްމަންޓް މެކޭނިޒަމް (ސީބީއޭއެމް) އާ ދެކޮޅަށް ނިއު ދިއްލީން އެކުލަވާލާފައިވާ ސްޓްރެޓެޖީގެ ދަށުން ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށް އާ ޓެކްނޮލޮޖީތަކަށް އިންވެސްޓްކުރުމަށް ލޯކަލް އިންޑަސްޓްރީތަކަށް ބާރުއެޅުމުގެ އިތުރުން ބައިލެޓަރަލް މަޝްވަރާތަކުގައި ވެސް މި މައްސަލަ އުފުލުމެވެ.
އިންޑިއާގެ ވިޔަފާރީގެ ވަޒީރު ޕިޔޫޝް ގޯޔަލް ބްރަސަލްސްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އީޔޫގެ ލީޑަރުންނާ ބައްދަލުކުރައްވައި ދެގައުމުގެ މައްސަލަތައް ހައްލުކޮށް ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
"އަޅުގަނޑަށް ޔަޤީން، އެ ވިސްނުމަކީ ވިޔަފާރީގެ ހުރަހަކަށް މަގުފަހިވާ ކަމެއް ނޫންކަން،" ބައްދަލުވުންތަކަށް ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންގޭޖްވެފައި މިތިބީ، މިކަމާ ބެހޭގޮތުން މަޝްވަރާ ކުރަމުން މިދަނީ، އަޅުގަނޑުމެންގެ ކުރިމަތީގައި ވަރަށް ގިނަ ދުވަސްތަކެއް އެބައޮތް، އަޅުގަނޑުމެން ގުޅިގެން މިކަމަށް ރަނގަޅު ހައްލެއް ހޯދުމުގެ މަސައްކަތް ކުރާނަން."
އީޔޫގެ ޓްރޭޑް ޗީފް ވަލްޑިސް ޑޮމްބްރޮވްސްކީސް ވިދާޅުވީ ޔޫރަޕިއަން ކޮމިޝަނުން ސީބީއޭއެމް ފަރުމާކޮށްފައިވަނީ ޑަބްލިއުޓީއޯގެ އުސޫލާ އެއްގޮތަށް، އިމްޕޯޓް ކުރާ މުދަލުގައި ވެސް އީޔޫގެ އެތެރޭގެ އުފެއްދުންތެރިންނާ އެއްވަރުގެ ކާބަން އަގެއް އެޕްލައި ކުރާ ގޮތަށް ވަރަށް ފަރުވާތެރިކަމާއެކު ކަމަށެވެ.
2070 ވަނަ އަހަރު އިންޑިއާއިން ކަނޑައަޅާފައިވާ އަމާޒަށްވުރެ ކުރިން 2050 ވަނަ އަހަރުގެ ނިޔަލަށް ގްރީންހައުސް ގޭސް ބޭރުކުރާ ނެޓް ޒީރޯ އެމިޓަރަކަށް ހެދުމަށް އަމާޒުހިފާފައިވާ ސްޓީލް، ސިމެންތި، އެލުމިނިއަމް، ފާޓިލައިޒަރ، ކަރަންޓް އަދި ހައިޑްރޯޖަން އިމްޕޯޓުކުރުމަށް އަމާޒުކޮށްގެން 2026 ވަނަ އަހަރުން ފެށިގެން ހައި-ކާބަން މުދަލުން ޓެކްސް ނެގުމަށް ދުނިޔޭގެ ފުރަތަމަ ޕްލޭނަށް ޔޫރަޕިއަން ޔޫނިއަންއިން ވަނީ ރުހުން ދީފައެވެ.
"ތިމާވެށި ހިމާޔަތް ކުރުމުގެ ނަމުގައި އީޔޫއިން ތައާރަފް ކުރަނީ ހަމައެކަނި އިންޑިއާގެ އެކްސްޕޯޓަށް ނޫނީ ތަރައްގީވަމުން އަންނަ އެހެން ގިނަ ގައުމުތަކުގެ އެކްސްޕޯޓަށް ވެސް އަސަރުކުރާނެ ވިޔަފާރީގެ ހުރަހެއް،" ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އީޔޫއިން އެއްފަރާތްކޮށް ނިންމި ނިންމުމާ ދެކޮޅަށް ޑަބްލިއުޓީއޯއަށް މައްސަލަ ހުށަހަޅަން ސަރުކާރުން ވިސްނަމުންދާ ކަމަށާއި އެކްސްޕޯޓްކުރާ ފަރާތްތަކަށް ހާއްސަކޮށް ކުދި ކުންފުނިތަކަށް ލުޔެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.