ދުނިޔެ

ޗައިނާގެ މަސް ބޯޓެއް އިންޑިޔާ ކަނޑަށް ފެތި 39 މީހުން ގެއްލިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ މަސްވެރިކަން ކުރާ ބޯޓެއް އިންޑިޔާ ކަނޑުގެ ސަރަޙައްދަށް ފެތި އޭގައި ދަތުރުކުރި 39 ފަޅުވެރިން ގެއްލިއްޖެއެވެ. ފެތިފައި ވަނީ "ލޫ ޕެންގް ޔުއާން ޔޫ 28" ގެ ނަން ދީފައިވާ ބޯޓެކެވެ. މި ހާދިސާ ހިނގި ވަގުތުގައި އޭގައި ތިބީ ޗައިނާގެ 17 ފަޅުވެރިންނާއި، އިންޑޮނީޝިޔާގެ 17 ފަޅުވެރިންގެ އިތުރުން ފިލިޕީންސްގެ ފަސް ފަޅުވެރިންނެވެ. އެ މީހުން ހޯދުމަށް ގިނަ ޤައުމުތަކެއް ގުޅިގެން ދަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.

Ads by WAMCO

"ބޯޓު ފެތުނު ކަމަށް ބެލެވޭ ސަރަޙައްދުގައި ޗައިނާއާއި އެހެން ޤައުމުތަކުގެ ބޯޓުތަކުން ދަނީ ހަރަކާތްތެރިވަމުން. ގެއްލިފައިވާ މީހުން ހޯދައި ސަލާމަތް ކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް އިތުރު އުޅަނދުފަހަރު ދަނީ އެ ސަރަޙައްދަށް ދަތުރުކުރަމުން،" ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވޮންގް ވެންބިން ވިދާޅުވިއެވެ. ފިލިޕީންސާއި އިންޑޮނީޝިޔާއިން ވަނީ، ގެއްލިފައިވާ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ވަރަށް ގާތުން ބަލަމުންދާ ކަމުގައި ބުނެފައެވެ.

ބޯޓު ފެތިފައިވާ ކަމަށް ބެލެވެނީ އޮސްޓްރޭލިޔާގެ ސަރޗް އެންޑް ރެސްކިޔު ސަރަޙައްދަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގައި އޮސްޓްރޭލިޔާގެ އަސްކަރީ މަތިންދާބޯޓުތަކާއި ކަނޑުއުޅަދުފަހަރު ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި، އިތުރު އުޅަނދުފަހަރު ފޮނުވައިދިނުމަށް ޗައިނާއިން ވަނީ އޮސްޓްރޭލިޔާގެ ސަރުކާރުގައި އެދިފައެވެ.

ފެތިފައި ވަނީ ޗައިނާގެ ސަރުކާރުގެ މަސް ކުންފުނި ޕެންގްލައި ޖިންގްލޫ ފިޝަރީޒް ކޮމްޕެނީން އޮޕަރޭޓް ކުރާ އުޅަނދެކެވެ. އެ އުޅަނދު ހޯދުމަށް އެ ކުންފުނީގެ އިތުރު އުޅަނދުފަހަރު ވެސް ހަރަކާތްތެރިވަމުންދާ ކަމުގައި ޗައިނާއިން ބުނެއެވެ. އެ އުޅަނދު ފެތިފައި ވަނީ ދެކުނު އެފްރިކާގެ ކޭޕް ޓައުނުން ފުރައިގެން ދެކުނު ކޮރެޔާގެ ބުސާނަށް ދަތުރުކުރަމުން ދަނިކޮށެވެ. ކޭޕް ޓައުނުން ބޯޓު ފުރާފައި ވަނީ މޭ މަހުގެ 5 ވަނަ ދުވަހުއެވެ. އެންމެ ފަހުން އެ ބޯޓު ފެނިފައި ވަނީ އިންޑިޔާ ކަނޑުގައި އޮންނަ ފަރަންސޭސިވިލާތުގެ ސަރަޙައްދެއް ކަމުގައިވާ ޣެޔޫނިއަންގެ އިރުދެކުނުންނެވެ.

މި ހާދިސާއާ ގުޅިގެން މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ޗައިނާގެ ބޯޓުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން އެ ޤައުމުގެ ބޮޑުވަޒީރު ލީ ޗިއަންގް ވަނީ އަމުރު ކުރައްވާފައެވެ. ބައިނަލްއަޤުވާމީ ކަނޑުގެ ދުރު ސަރަޙައްދުތަކަށް ދަތުރުކޮށް މަސްވެރިކަން ކުރާ އެންމެ ބޮޑު ސިނާޢަތެއް އޮންނަ ޤައުމަކީ ޗައިނާއެވެ. ބައިނަލްއަޤުވާމީ ކަނޑުތަކުގައި މަސްވެރިކަން ކުރާ ޗައިނާގެ އުޅަނދުފަހަރުގެ ޢަދަދު 3,000 އަށް ދަށްކުރަން އެ ޤައުމުން 2017 ވަނަ އަހަރު ވަނީ ވަޢުދުވެފައެވެ. ނަމަވެސް، 2020 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު، އެ ޤައުމުން 17,000 އަށްވުރެ ގިނަ އުޅަނދު އޮޕަރޭޓްކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!