ދުނިޔެ

އިމްރާން ޚާންގެ ގޮވައިލެއްވުމަށް ޕާކިސްތާނުގައި ހޫނު މުޒާހަރާތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން, އެމަނިކުފާނުގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ މުޒާހަރާކުރަން ގޮވައިލެއްވުމާއެކު، އެތައް ހާސް ބަޔަކު ވަނީ ޕާކިސްތާނުގެ މަގުތައްމައްޗަށް ނުކުމެ މުޒާހަރާކުރަން ފަށައިފައެވެ.

Ads by Sosun Fihaara

ހައްޔަރުކުރުމަށްފަހު, ކަފާލާތުގެ ދަށުން އިމްރާން ޚާން ދޫކޮށްލުމާއެކު، އެމަނިކުފާނު ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކުރައްވައި، އެމަނިކުފާނުގެ ސަޕޯޓަރުން އަޑު އުފުލުމަށް މަގުތައް މައްޗަށް ނުކުތުމަށް ގޮވާލައްވާފައެވެ. އެގޮތުން އިމްރާން ޚާން ވަނީ އާންމުން މަގުތައް މައްޗަށް ނުކުންނައިރު، "ހަގީގީ އާޒާދު" (ހަގީގީ މިނިވަންކަން)، "އާޔެން ބަޗާއޯ" (ގާނޫނުއަސާސީ ސަލާމަތްކުރޭ) އަދި "ޕާކިސްތާން ބަޗާއޯ" (ޕާކިސްތާން ސަލާމަތްކުރޭ)، މި ސްލޯގަންތައް ލިޔެފައިވާ ޕެލެކާޑްތައް ހިފައިގެން ސަޕޯޓަރުން މަގުމައްޗަށް ނުކުތުމަށް އެދިވަޑައިގެންފައެވެ.

އިމްރާން ޚާންގެ ބައެއް ސަޕޯޓަރުން ވަނީ އެމަނިކުފާނު ވިދާޅުވާ ކޮންމެ ކަމެއް ކުރަންވެސް އެމީހުން ތައްޔާރަށް ތިބިކަމަށް ބުނެފައެވެ. އަދި އިމްރާން ޚާން ވިދާޅުވާނީ އަބަދުވެސް އެންމެ ރަނގަޅު ގޮތް ކަމަށްވެސް ސަޕޯޓަރުން ވަނީ ބުނެފައެވެ.

މިދިޔަ އަހަރު މަގާމުން ވަކިކުރެއްވުނުފަހުން އިމްރާން ޚާންގެ މައްޗަށް ވަނީ ކޮރަޕްޝަންގެ އެތައް ދައުވާއެއް އުފުލާފައެވެ. އަދި މޭ 1 ވަނަ ދުވަހު އެންޓިކޮރަޕްޝަން ބިއުރޯއިން ވަނީ އިމްރާން ހައްޔަރުކުރުމުގެ އަމުރެއްވެސް ނެރެފައެވެ.

އުމުރުފުޅުން 70 އަހަރުގެ އިމްރާން ޚާން މަގާމުން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހު، މަޖިލީހުގައި ނެގުނު އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އެދުވަހުން ފެށިގެންވެސް އޭނާ ގެންދަވަނީ އަވަސް އިންތިޚާބަކަށް ގޮވާލައްވައި ކެމްޕެއިން ކުރައްވަމުންނެވެ.

މިހާރު އޮތް ގޮތުން، ޕާކިސްތާނުގެ އިންތިޚާބު ބާއްވާނީ އަންނަ އޮކްޓޯބަރު މަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!