އިންޑިއާގެ ދިފާއީ އުފެއްދުންތެރިކަން ފުރަތަމަ ފަހަަރަށް 20 ބިލިޔަނަށް
ރަޝިއާ ފަދަ ގައުމުތަކުން އެތެރެކުރާ އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކުރަން މަސައްކަތް ކުރަމުން ދަނިކޮށް އިންޑިއާގެ ދިފާއީ އުފެއްދުންތެރިކަން މިދިޔަ އަހަރު 12 ޕަސެންޓަށް ވުރެ މައްޗަށް ގޮސް ފުރަތަމަ ފަހަރަށް އެއް ޓްރިލިއަން ރުޕީސް (12 ބިލިއަން ޑޮލަރު) އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ދުނިޔޭގައި އެންމެ ގިނައިން ހަތިޔާރު އެތެރެކުރާ އިންޑިއާއަކީ އަސްކަރީ ސަޕްލައިގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ރަޝިޔާއަށް ބަރޯސާވެފައިވާ ގައުމެކެވެ. ނަމަވެސް ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން އިންޑިއާއަށް އެގައުމުގެ ޓޭންކާއި ފައިޓާ ޖެޓް ފްލީޓްތައް ބެލެހެއްޓުމަށް މުހިންމު ރަޝިއާގެ ސްޕެއާތައް ހިފަހައްޓައި، ރަޝިއާގެ ވައިގެ ދިފާއީ ނިޒާމުތައް ފޯރުކޮށްދިނުން ވަނީ ލަސްވެފަ އެވެ.
ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހު ނިމުނު އަހަރު އިންޑިއާގެ ލޯކަލް ޑިފެންސް ޕްރޮޑަކްޝަންގެ އަގު 1.07 ޓްރިލިއަން ރުޕީސްއަށް އުފުލިފައިވާ ކަމަށާއި ބައެއް ޕްރައިވެޓް ޑިފެންސް ކުންފުނިތަކުގެ ޑޭޓާ އައުމުން އިތުރަށް އުފުލޭނެ ކަމަށް ބެލެވޭ ކަމަށެވެ.
"ދިފާއީ ސިނާއަތްތަކާއި އެ ފަރާތްތަކުގެ އެސޯސިއޭޝަންތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތައް ނައްތާލައި ދިފާއީ އުފެއްދުންތެރިކަން ކުރިއެރުވުމަށް ސަރުކާރުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން،" މިނިސްޓްރީން ބުންޏެވެ.
އަދި ފާއިތުވި އަހަރުތަކުގައި ޑިފެންސް އިންޑަސްޓްރީގެ ލައިސަންސް ދޫކުރި އަދަދު ގާތްގަނޑަކަށް ތިން ގުނަ އިތުރުވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
އިންޑިއާގެ ދިފާއީ އެކްސްޕޯޓް ވެސް އިތުރުވެ، މިދިޔަ އަހަރު 24 ޕަސެންޓް އިތުރުވެ، ގާތްގަނޑަކަށް 160 ބިލިއަން ރުޕީސް އަށް އަރާފައިވާ ކަމަށް ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެއީ ޑޯނިއާ-228 މަރުކާގެ މަތިންދާ ބޯޓާއި އާޓިލަރީ ގަން އާއި ރަޝިއާއާ ގުޅިގެން އުފައްދާފައިވާ ބްރަހްމޯސް މިސައިލާއި ރާޑަރުތަކާއި އާމާޑް ވެހިކަލްތަކާއި ރޮކެޓާއި ލޯންޗާއާއި ބަނގުރަލާއި އެހެނިހެން އާލާތްތަކެވެ.