ދުނިޔެ

ޖީ7ގައި ބޮޑު ވަޒީރު މޯދީ ދުނިޔޭގެ ވެރިންނާ ބައްދަލު ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދެކުނު ކޮރެޔާ އަދި ވިއެޓްނާމްގެ ލީޑަރުންނާ ބައްދަލުކުރައްވައި ބައިލެޓަރަލް ވާހަކަތައް ބާއްވަވައިފިއެވެ. މި ބައްދަލުކުރެއްވުންތައް ބޭއްވުނީ ޖަޕާނުގެ ހީރޯޝީމާގައި މިހާރު ކުރިޔަށްދާ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ހަތް ގައުމު، ޖީ ހަތެއްގެ ބައްދަލުވުމުގެ ހަވާސާގައެވެ. އިންޑިޔާއާ ދެކުނު ކޮރެޔާއާ ދެމެދު ޒަމާންވީ ސަގާފީ ގުޅުންތައް ދެމިގެންގޮސްފައިވާއިރު، މިއަދުގެ ބައްދަލުވުމުގައި ރައީސް ޔޫން ސުކް ޔިއޯލްއާއެކު މޯދީ ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މައިގަނޑުގޮތެއްގައި މަޝްވަރާކުރެއްވީ މި ގުޅުންތައް ދެމެހެއްޓުމާ ބެހޭގޮތުންނެވެ. މީގެ އިތުރުން، ބޮޑުވަޒީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވީ؛ އެނަރޖީ، ޓެކްނޮލޮޖީ، ކޮމަރސް، އަދި ޑިފެންސުގެ ދާއިރާއިން ގުޅުންތައް ރަނގަޅުކުރުމާ ބެހޭގޮތުން ކަމަށް، ބޮޑުވަޒީރުގެ އޮފީހުން ހާމަކޮށްފައިވެއެވެ.

Ads by Sosun Fihaara

މި ދެބައްދަލުވުމުގެ ކުރިން ބޮޑުވަޒީރު މޯދީ ވަނީ ޖީ ހަތެއްގެ ހޯސްޓް، ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާއާވެސް ބައްދަލުކުރައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ބާއްވަވާފައެވެ. މީގެ އިތުރުން މޯދީ ވަނީ ޖީ ހަތެއްގެ ބައްދަލުވުން އެހާ ކާމިޔާބުކަމާއެކު ކުރިޔަށްގެންދަވާތީ އެކަން ފާހަގަކުރައްވައި، ކިޝީޑާއަށް ތައުރީފްކުރައްވައި މަރުހަބާ ވިދާޅުވެފައެވެ. އަދި މޯދީ ކުރިން ހަދިޔާކުރެއްވި ގަހެއް ހީރޯޝީމާގައި އިންދަވާފައިވާކަން ފާހަގަކުރައްވައި މޯދީ ވިދާޅުވީ، އެ ގަސް ހެދޭވަރަކަށް އިންޑިޔާއާ ޖަޕާނުގެ ގުޅުންތައްވެސް ކުރިލައި އާރޯވަމުން ދާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ހަމަ މި ދަތުރުފުޅުގެ ތެރޭގައި މޯދީ ވަނީ، ހީރޯޝީމާގައި ބެހެއްޓުނު  މަހާތުމާ ގާންދީގެ ބަސްޓް (ބުދެއްގެ މަތީބައި) ކަޝްފުކޮށްދެއްވާފައެވެ. އަދި ގާންދީގެ ސިފަފުޅު ހީރޯޝީމާއިން ފެންނަން ހުރުމަކީ، ސުލްހަވެރިކަމާއި ހިމޭންކަމާއެކު ކަންކަން ހައްލުކުރުމަށް ބާރުއަޅާނެ ކަމަކަށް ވާނެކަމަށް މޯދީ ވިދާޅުވެފައެވެ.

ނަރެންދުރަ މޯދީގެ މިދަތުރުފުޅުގައި ކުއަޑް ގްރޫޕްގައި ހިމެނޭ ގައުމުތަކުގެ ވެރިންގެ އިތުރުން، ފްރާންސްގެ ރައީސް އިމެނުއަލް މެކްރޯން، އަދި ޔޫކްރެއިންގެ ރައީސް ވްލަޑިމިއަރ ޒެލްންސްކީއާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިއްޔެ ފެށުނު ޖީ ހަތެއް ގްރޫޕްގެ ރަސްމީ ވާހަކަތައް އޮންނާނީ މިއަދުއެވެ. އަދި ބައްދަލުވުން ނިންމުން އޮންނާނީ މާދަމާއެވެ.

އިންޑިޔާއިން މިސަމިޓްގައި ބައިވެރިވަނީ މެހެމާނެއްގެ ހައިސިއްޔަތުންނެވެ. ޖީ ހަތެއްގައި ހިމެނޭ ގައުމުތަކަކީ: އިނގިރޭސިވިލާތް، ކެނެޑާ، ފްރާންސް،، ޖަރުމަނު، އިޓަލީ، ޖަޕާން އަދި އެމެރިކާއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!