ދުނިޔެ

އިމްރާން ޚާންގެ ގެކޮޅު ފާސް ކުރާތީ ހަމަނުޖެހުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ގެކޮޅު ބަލައިފާސްކުރަން އުޅޭކަން ފުލުހުން ހާމަކުރުމުން މަސްރަޙު އަނެއްކާ ވެސް ހޫނުވެއްޖެއެވެ. ފުލުހުން ވަނީ ޕުންޖާބު ޕުރޮވިންސުގެ ލާހޯރުގައި ހުންނަ ޚާންގެ ގެކޮޅު ބަލައިފާސްކުރާނެ ކަން އިޢުލާނުކޮށްފައެވެ. މި ނިންމުމާ އެކު، މަސްރަޙު އިތުރަށް ހޫނުވެ، އިތުރު ހަމަނުޖެހުންތަކެއް ހިނގައިފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

Ads by Sosun Fihaara

ޕުންޖާބު ޕުރޮވިންސުގެ އިންފޮމޭޝަން މިނިސްޓަރ އާމިރް މީރް ވިދާޅުވީ، ޚާންގެ ގެކޮޅު ބަލައިފާސްކުރުމުގައި 400 އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވާނެ ކަމުގައެވެ. އަދި، އިސްކޮށް ހުންނަވާނީ އެ ސިޓީގެ ޕޮލިސް ކޮމިޝަނަރު ކަމުގައި ވެސް އޭނާ އިޢުލާނު ކުރެއްވިއެވެ.

"އިމްރާން ޚާންގެ ގެކޮޅުގައި 40 އަށްވުރެ ގިނަ ޓެރެރިސްޓުން ފަލައި ތިބި ކަމުގެ މަޢުލޫމާތު ވަނީ ލިބިފައި. އެ ތަން ބަލައިފާސްކުރުމަށް 400 އަށްވުރެ ގިނަ ފުލުހުން ފޮނުވާނަން،" މީރް ވިދާޅުވިއެވެ. ޓެރެރިސްޓުންގެ ގޮތުގައި އޭނާ ސިފަކުރައްވާފައި އެ ވަނީ އިމްރާން ޚާނަށް ތާޢީދުކުރާ މީހުންނާއި، އޭނާގެ ޕާކިސްތާން ތަހްރީކް އަލް-އިންސާފް (ޕީ.ޓީ.އައި) ޕާޓީގެ މެންބަރުންނަށެވެ.

ޚާންގެ ގެކޮޅުގައި ފިލައިގެން އުޅޭ މީހުން ފުލުހުންނާ ހަވާލު ކުރުމަށް ޕުންޖާބް ސަރުކާރުން ވަނީ ޚާނަށް އަންގާފައެވެ. ނަމަވެސް، ގެކޮޅުގައި އެއްވެސް ބަޔަކު ފަލައިގެން ނޫޅޭ ކަމުގައި ޚާން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި، އޭނާގެ ގެކޮޅު ބަލައިފާސްކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން އެކަނި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޚާންގެ ގެކޮޅު ހުންނަނީ ލާހޯރުގެ ޒަމާން ޕާކު ސަރަޙައްދުގައެވެ. މާރިޗު މަހުގެ ތެރޭގައި ޚާން ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރުމުން އެ ސަރަޙައްދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގިއެވެ. އަދި، މޭ މަހުގެ 9 ވަނަ ދުވަހު އިސްލާމްއާބާދުގެ ހައިކޯޓަށް ވަޑައިގެންނެވުމުން ޚާން ހައްޔަރުކުރުމާ ގުޅިގެން އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގިއެވެ. ނަމަވެސް، ޚާން ހައްޔަރުކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން ހައިކޯޓުން ވަނީ ކަފާލާތުގެ ދަށުން އޭނާ މިނިވަންކޮށްފައެވެ.

ޚާން ހައްޔަރު ކުރުމާ ގުޅިގެން އޭނާއަށް ތާޢީދުކުރާ މީހުންނާއި، ޕީ.ޓީ.އައިގެ އެތަކެއް ހާސް މެންބަރުން ވަނީ ވެރިރަށް އިސްލާމްއާބާދުގެ އިތުރުން ބޮޑެތި އެހެން ރަށްތަކުގެ މަގުތަކަށް އެއްވެ މުޒާހާރާކޮށްފައެވެ. އަދި، އޭނާ މިނިވަން ކުރުމަށް ގޮވައިލާ ކުރަމުންދިޔަ މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވެ، މުޒާހަރާގެ ބައިވެރިން ވަނީ މުދަލަށް ގެއްލުންދީފައެވެ. ފުލުހުންނާއި މުޒާހަރާ ކުރާ މީހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 12 ވަރަކަށް މީހުން މަރުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!