ޗައިނާގެ ޕްރެޝަރާހެދި ޑަބްލިއުއެޗްއޯގެ ބައްދަލުވުމުގައި ޓަައިވާނަށް ބައިވެރިނުވެވުނު
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އަހަރީ އެސެމްބްލީގެ ދައުވަތު ހޯދުމަށް ޓައިވާނުން ކުރި މަސައްކަތް މިދިޔަ ހޯމަ ދުވަހު ނާކާމިޔާބުވީ އެ ޖަމިއްޔާގެ ބައިވެރިވުމަށް ތާއީދު އިތުރުވަމުންދާ ކަމަށް ޓައިވާނުން ބުނަމުން ދަނިކޮށެވެ.
ޖެނީވާގައި ބާއްވާ އަހަރީ އެސެމްބްލީން ނިންމީ މިމަހުގެ 21 އިން 30 އަށް ކުރިއަށްދާ މި ހަރަކާތަށް ޓައިވާނަށް ދައުވަތު ނުދިނުމަށެވެ. ޗައިނާ އާއި ޕާކިސްތާނުން ޓައިވާނުން ހިމެނުމަށް ދެކޮޅު ހެދުމަށް މެންބަރުންގެ ކިބައިން އެދިފައިވާއިރު، އީސްވަތީނީ އާއި މާޝަލް އައިލެންޑްސް އިން ވަނީ ތާއީދުކުރައްވައި ވާހަކަ ދައްކަވާފަ އެވެ.
ޓައިވާނުގެ އިސްތިގުލާލު ޗައިނާއިން އުފުލާއިރު، އެ ރަށަކީ ވަކި ގައުމެއް ނޫން ކަމަށާއި އެއީ ބެއިޖިން އިން ވެރިކަން ކުރާ "އެއް ޗައިނާ"ގެ ބައެއް ކަމަށް ޗައިނާއިން ބުނެ އެވެ. ޓައިވާނަކީ ގައުމެއް ނޫން ކަމަށް ޗައިނާއިން ބާރުއެޅުމުގެ މާނައަކީ ބައިނަލްއަގްވާމީ ގިނަ ޖަމިއްޔާތަކުން އެ ރަށް ބާކީކުރުމެވެ.
ޑަބްލިއުއެޗްއޯގެ މި ނިންމުން ކުށްވެރިކޮށް ޓައިވާނުން ބުނީ ދުނިޔޭގެ ޖަމިއްޔާތަކުގައި ބައިވެރިވުމަށް ހުރަސް އެޅުމަކީ ޗައިނާއަށް އިހާނެތި ކަމެއް ކަމަށާއި އެ ރަށުގެ ހައްގުގައި ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް ބެއިޖިންއަށް ނޯންނާނެ ކަމަށެވެ.
"ޑަބްލިއުއެޗްއޯ އާއި ބައިނަލްއަގުވާމީ އެހެނިހެން ޖަމިއްޔާތަކުގައި ޓައިވާނުގެ 23 މިލިއަން ރައްޔިތުން ތަމްސީލުކޮށް، ޓައިވާނުގެ ރައްޔިތުންގެ ސިއްހަތާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރެވޭނީ ޑިމޮކްރެޓިކް އުސޫލުން އިންތިހާބުކޮށްފައިވާ ޓައިވާނުގެ ސަރުކާރަށް،" އެ ގައުމުގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ.
މި ނިންމުމަށް ޗައިނާއިން ވަނީ މަރުހަބާ ކިޔާފައެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިކަމުން ވަރަށް ފުރިހަމައަށް ދައްކުވައިދެނީ އެއް ޗައިނާގެ އުޞޫލަކީ ރައްޔިތުންގެ އުންމީދާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ޒަމާނުގެ ޓްރެންޑް ކަމަށާއި، އެއްވެސް ގޮތަކުން އެއުޞޫލަށް ގޮންޖެހުމެއް ނުކުރެވޭނެކަމަށެވެ.
އެ މިނިސްޓްރީން ބުނީ މި ކޮންފަރެންސް ފެށުމުގެ ކުރިން ގާތްގަނޑަކަށް 100 ގައުމަކުން ވަނީ އެއް ޗައިނާގެ އުސޫލަށް ބޯލެނބުމާއި ޑަބްލިއުއެޗްއޯއަށް ހާއްސަ ސިޓީތަކާއި ބަޔާންތައް މެދުވެރިކޮށް ވޯލްޑް ހެލްތު އެސެމްބްލީގައި ޓައިވާނުން ބައިވެރިކުރުމާ ދެކޮޅުކަން ހާމަކޮށްފައި ކަމަށެވެ.