އަފްޣާނިސްތާނުގައި ފެންބޮޑުވެ ހަ މީހުން މަރުވެއްޖެ
އަފްޣާނިސްތާނުގެ މެދުތެރޭ ސަރަޙައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި ހަ މީހުން މަރުވެއްޖެއެވެ. ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ޣޫރް ޕުރޮވިންސަށެވެ. ޣޫރް ޕުރޮވިންސުގެ ފަރުބަދަމަތީ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން ތިރީގައިވާ ވާދީތަކުގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެންގަނޑު ފައިބާ ބޮޑު ސަރަޙައްދެއްގައި ފެން ބޮޑުވެފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.
ޣޫރް ޕުރޮވިންސުގެ ގަވަރުނަރު ޢަބްދުލް ވާޙިދު ހަމާސް ބުނީ ފެންބޮޑުވުމާ ގުޅިގެން އެ ސަރަޙައްދުގައި ހުންނަ 100 އަށްވުރެ ގިނަ ގެ އެއްކޮށް ހަލާކުވެފައިވާ ކަމުގައެވެ. އަދި، ފާއިތުވި އަހަރުތަކުގެ ތެރޭގައި އެ ސަރަޙައްދުގައި ފެންބޮޑުވެފައި ނުވާ މިންވަރަކަށް ފެންބޮޑުވެފައިވާ ކަމުގައި އޭނާ ބުންޏެވެ.
ފެންބޮޑުވުމާ ގުޅިގެން މަރުވެފައިވާ މީހުންގެ ތެރޭގައި އެއް ޢާއިލާއަކަށް ނިސްބަތްވާ ތިން އަންހެނުންނާއި ކުޑަކުއްޖަކު ވެސް ހިމެނެއެވެ. ޣޫރް ޕުރޮވިންސުގެ ވެރިރަށް ފީރޯޒްކޯގައި ދިރިއުޅޭ އެ މީހުން މަރުވީ، ފެންބޮޑުވެ އެ މީހުން ދިރިއުޅޭ ގެ އޮޔާ ގެންދިޔުމުގެ ސަބަބުންނެވެ.
އެ ޕުރޮވިންސުގެ ޕާސާބަންދްގައި ވެސް ދެ މީހުން މަރުވިއެވެ. އެއީ އަންހެނަކާއި ފިރިހެނެކެވެ. އެ ދެ މީހުންގެ ހަށިގަނޑު ފެނިފައިވާއިރު، ފެންބޮޑުވުމާ ގުޅިގެން ގެއްލުނު އިތުރު މީހެއްގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ހަމާސް ބުންޏެވެ.
100 އަށްވުރެ ގިނަ ގެއަށް ގެއްލުން ލިބުމުގެ އިތުރުން ޣޫރް ޕުރޮވިންސުގެ 200 ހެކްޓަރުގެ ދަނޑުބިމުގައި ވެސް ވަނީ ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ފެންބޮޑުވުމާ ގުޅިގެން އެ ސަރަޙައްދަށް ލިބިފައިވާ މާލީ ގެއްލުން އަންދާޒާ ކުރަން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ހަމާސް ބުންޏެވެ. ޣޫރް ޕުރޮވިންސުގައި ފެންބޮޑުވެފައި މި ވަނީ ވާރޭނުވެހުމުގެ ސަބަބުން އެ ސަރަޙައްދަށް ހަނަފަސްކަމާ ކުރިމަތިވެފައިވާތާ އަހަރުތަކެއް ފަހުންނެވެ.
2021 ވަނަ އަހަރުގެ އޮގަސްޓު މަހު އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލާ ތާލިބާނުން އެ ޤައުމުގެ ވެރިކަމާ ހަވާލުވި ފަހުން އެ ޤައުމަށް ވަނީ އިންސާނީ މުސީބާތެއް ކުރިމަތިވެފައެވެ. ވެރިރަށް ކާބުލް ނޫން ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ތަލިބާނުން ވަނީ ނުކުޅެދިފައެވެ.
އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ އަދި ޖަމާޢަތްތަކަށް ތާލިބާނުން ވަނީ ގިނަ ހުރަސްތަކެއް ކުރިމަތިކުރުވާފައެވެ. އަފްޣާނިސްތާނުގެ ކޮންމެ 10 ޢާއިލާއެއްގެ ތެރެއިން ނުވަ ޢާއިލާއެއް ކާބޯތަކެއްޗަށް ޖެހިފައިވާ ކަމުގައި ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމުން ބުނެއެވެ.