ޗައިނާގެ ޗިޕްސް އެކްސްޕޯޓް ކުރުން މަނާާ ކުރުމުން ނުރުހިއްޖެ
ޗައިނާގެ ކޮމާސް މިނިސްޓަރު ވަންގް ވެންޓާއޯ ޖަޕާނަށް ގޮވާލައްވާފައި ވަނީ ސެމިކޮންޑަކްޓާ އެކްސްޕޯޓް ކޮންޓްރޯލް ކުރުން ހުއްޓާލުމަށެވެ.
ޗައިނާއިން އެންމެ ފަހުން އެކްސްޕޯޓް ކުރުން ކުށްވެރިކޮށްފައި ވަނީ މިމަހުގެ 26 ވަނަ ދުވަހު ޑެޓްރޮއިޓްގައި ބޭއްވި އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ކޮންފަރެންސްގައި ޖަޕާނުގެ ޓްރޭޑް މިނިސްޓަރު ޔަސުޓޯޝީ ނިޝިމުރާއާ އެކު ވަންގް ކުރެއްވި މަޝްވަރާތަކުގަ އެވެ.
ޗައިނާއަށް ޗިޕް އުފެއްދުމުގެ ބައެއް ވަސީލަތްތައް ވިއްކުން ލިމިޓްކުރާ އެމެރިކާގެ އެކްސްޕޯޓް ކޮންޓްރޯލްތަކާ އެއްވަރުކުރުމަށް ނެދަލޭންޑްސްއާއެކު ޖަޕާނުން މިދިޔަ ޖެނުއަރީ މަހު އެއްބަސްވެ، އަވަށްޓެރި ގައުމަށް 23 ބާވަތެއްގެ ސެމީކޮންޑަކްޓަރު އުފައްދާ ސާމާނު އެކްސްޕޯޓު ކުރުން ވަނީ މަނާކޮށްފަ އެވެ.
އެމެރިކާއިން މިދިޔަ އަހަރު މި ފިޔަވަޅުތައް އެޅީ ނިއުކްލިއާ ހަތިޔާރުގެ ނިޒާމުތަކާއި އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމްތައް އުފެއްދުމަށް ބޭނުން ކުރެވޭނެ ސުޕަކޮމްޕިއުޓަރުތަކާ ބެހޭ ގޮތުން ޗައިނާއިން ކުރަމުން އަންނަ މަސައްކަތް މަޑުޖެއްސުމުގެ މަގްސަދުގަ އެވެ.
އެކްސްޕޯޓް ކޮންޓްރޯލްތަކާ ބެހޭ ގޮތުން ޖަޕާނުން ދައްކާ ވާހަކަތަކުގައި ޗައިނާއިން ވަކި އެއްޗެއް ނުބުނެ، ހަމައެކަނި ބައިނަލްއަގުވާމީ ސުލްހަ އާއި ހަމަޖެހުމަށް އެހީތެރިވުމުގެ މަސްއޫލިއްޔަތު އަދާކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
ޗައިނާގެ ކޮމާސް މިނިސްޓްރީން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިގްތިސާދީ އަދި ވިޔަފާރީގެ މުހިންމު ދާއިރާތަކުން އަމަލީ ގޮތުން އެއްބާރުލުން ދިނުމަށް ޖަޕާނާ އެކު މަސައްކަތް ކުރަން ޗައިނާ އިން ތައްޔާރަށް އޮތް ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ނިޝިމުރާ ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ކޮމާސް ޖީނާ ރައިމޮންޑޯއާ ބައްދަލުކުރައްވައި، ކުއަންޓަމް ކޮމްޕިއުޓިން އާއި އާޓިފިޝަލް އިންޓެލިޖެންސް ފަދަ އެޑްވާންސް ޗިޕްތަކާއި ޓެކްނޮލޮޖީތައް ދިރާސާކޮށް ތަރައްގީ ކުރުމުގައި ގުޅުން ބަދަހިކުރުމަށް އެއްބަސްވެފަ އެވެ.
މި ސަމިޓުގައި ބައިވެރިވެވަޑައިގެން ވެންގް ވަނީ ރައިމޮންޑޯ އާއި އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް ކެތަރިން ޓައީއާ ވެސް ބައްދަލުކުރައްވައި، ޗައިނާއާ މެދު އެމެރިކާގެ އިގްތިސާދީ އަދި ވިޔަފާރީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އެމެރިކާ، ޖަޕާން އަދި ގްރޫޕް އޮފް ސެވަން (ޖީ7) ގެ ކުރިއަރާފައިވާ ގައުމުތަކުގެ އެހެން ގައުމުތަކުން މި މަހު އެއްބަސްވެފައި ވަނީ "ޑީ ރިސްކް" ނަމަވެސް ޗައިނާއިން ޑިކަޕްލް ނުކުރުމަށެވެ.