ދުނިޔެ

އިންޑިޔާގެ އެންޓި ޓެރަރ އޭޖެންސީ އިން އައިސިސްއާ ގުޅުން ހުރި ބަޔަކު ހޯދައި ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިޔާގެ އެންމެ މަތީ އެންޓި ޓެރަރ އޭޖެންސީ ކަމަށްވާ ނެޝަނަލް އިންވެސްޓިގޭޝަން އޭޖެންސީ (އެން.އައިއޭ) އިން، އައިސިސްއާ ގުޅުންހުރި ޓެރަރިސްޓް ހަރަކާތްތަކެއް ރާވައި ހިންގަން އުޅުނު ތިން މީހުން ހައްޔަރުކޮށްފިއެވެ.

Ads by WAMCO

ސެންޓްރަލް އިންޑިއަން ސްޓޭޓެއް ކަމަށްވާ މަދްޔަ ޕްރަދޭޝް އިން ހޮނިހިރު ދުވަހު އެ މީހުން ހައްޔަރުކޮށްފައިވަނީ ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކުރީރޭ 13 ލޮކޭޝަނެއް ބަލާފާސް ކުރުމަށް ފަހުއެވެ. އެންއައިއޭ އިން ބަލާފާސްކުރި ތަންތަނުން ތޫނު ހަތިޔާރާއި ގޮވާތަކެއްޗާއި ޑިޖިޓަލް ޑިވައިސްތަކުގެ އިތުރުން ޒުވާނުންގެ ފިކުރު ބަދަލު ކުރުމަށް ބޭނުންކުރާ ފޮތްތަކާއި ލިޔުންތައް ވެސް ފެނި ހިފަހައްޓާފައިވެއެވެ.

އައިސިސް ފިކުރުގެ ޓެރަރިސްޓް ހަމަލާތައް ރާވައި ހިންގަން އުޅޭކަމަށް ތިން މީހުންގެ ތެރެއިން ޚާން ކިޔާ މީހާގެ މައްޗަށް މިދިޔަ އަހަރުގެ އޮގަސްޓްމަހު ވެސް ޝައްކުވުމާއި ގުޅިގެން އެންއައިއޭއިން އައީ އޭނާއަށް ފާރަލަމުންނެވެ.

އެންއައިއޭގެ ތަރުޖަމާން ބުނި ގޮތުގައި ޚާން އާއި އޭނާގެ ބައިވެރިން ސޯޝަލް މީޑިޔާ ޕްލެޓްފޯމްތައް މެދުވެރިކޮށް އައިސިސްގެ ޕްރޮޕަގެންޑާ ފަތުރަމުންދާ ކަމަށް އެންއައިއޭ އަށް ވަނީ މައުލޫމާތުލިބިފައެވެ. މީގެ އިތުރުން "ދާވާ" ޕްރޮގްރާމްގެ ނަމުގައި ވެސް ހަރަކާތްތަކެއް ހިންގާ އައިސިސްގެ އެންގުމަށް ހަރުކަށި ޓެރަރިސްޓް ހަމަލާތައް ހިންގާނެ މީހުން ހޯދަން މަސައްކަތް ކޮށްފައިވެއެވެ. މިގޮތުން މިސްކިތްތަކާއި ބައެއް ގޭއްގޭގައި ބައްދަލުވުންތައް ބާއްވާ މިފަދަ ރޭވުންތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށް ވެސް ތަރުޖަމާން ބުނެފައި ވެއެވެ.

އޮފިޝަލް ބުނި ގޮތުގައި ހައްޔަރުކުރެވުނު ތިން މީހުންނަކީ ވެސް ވަރަށް ބޮޑަށް ހަރުކަށި ވިސްނުމުގެ ތެރެއަށް ވަދެ، ޖިހާދުގެ ނަމުގައި ވަރުގަދަ ޓެރަރިސްޓް ހަމަލާތައް ދޭން ފަސްނުޖެހޭނެ ބައެއްކަން ތަހުގީގުތަކުން ހާމަވެފައިވެއެވެ. ހައްޔަރުކުރެވުނުއިރު ވެސް އެމީހުން ގެންދިޔައީ އެފަދަ ހަރަކާތްތަކަށް ޚަރަދު ކުރުމަށް ފަންޑު އަދި ހަތިޔާރު ހޯދުމަށް މަސައްކަތް ކުރަމުން ކަމަށާއި މީގެ އިތުރުން ހަމަލާތަކުގައި ބައިވެރިވުމަށް ޒުވާނުން ރެކްރޫޓް ކުރަމުންދާ ކަމަށް ވެސް އޮފިޝަލް ބުންޏެވެ.

މިތިން މީހުންގެ ތެރެއިން ޝާހިދު ނަމަކަށް ކިޔާ މީހާ، ވަގަށް ހަތިޔާރު ވިއްކާ ގްރޫޕްތަކާ ގުޅައިގެން ފިސްތޯލަ، އައިއީޑީ، އަދި އަތުބޮން ފަދަ ހަތިޔާރު ހޯދުމަށް ރާވާފައިވާކަމަށް ވެއެވެ. އެއީވެސް އިންޑިޔާގައި ޓެރަރިސްޓް ހަމަލާތައް ދިނުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!