ދުނިޔެ

ޕާކިސްތާނުގެ ގާނޫނީ ވަކީލު އަދި އެކްޓިވިސްޓް ޖިބްރާން ނާސިރު ވަގަށް ނަގައިފި: އަނބިކަނބަލުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ މަޝްހޫރު އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް އަދި ގާނޫނީ ވަކީލެއްގެ އަނބިކަނބަލުން ވިދާޅުވާ ގޮތުގައި އޭނާގެ ފިރިމީހާ "ވަގަށް ނެގީ" ދެކުނުގެ ސިޓީއެއް ކަމަށްވާ ކަރާޗީއިންނެވެ.

Ads by Sosun Fihaara

ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ޖިބްރާން ނާސިރުގެ އަނބިކަނބަލުން މަންޝާ ޕާޝާ ވިދާޅުވީ ރޭގަނޑުގެ ކެއުމަށްފަހު ދެމަފިރިން އެނބުރި ގެއަށް ދަނިކޮށް ބައެއް ފިރިހެނުން ގަދަކަމުން ނާސިރު ގޮވައިގެން ދިޔަ ކަމަށެވެ.

އަހަންނަށް އެނބުރި ގެއަށް އާދެވުނެވެ. ހުދު ކުލައިގެ ވީގޯ ކާރެއް އަހަރެމެންގެ ކާރު ހުއްޓުވައި އަހަރެމެންގެ ވެހިކަލާ ދިމާލަށް ދުއްވައިގަތެވެ. ސާދާ ހެދުންއަޅައިގެން ތިބި ގާތްގަނޑަކަށް 15 ވަރަކަށް ފިރިހެނުން ގަދަކަމުން އޭނާ ގެންދިޔައީ،" ނާސިރު ސަލާމަތުން އެނބުރި އައުމަށް ގޮވާލަމުން ރޮމުން ރޮމުން އޭނާ ވީޑިއޯގައި ބުނެފައިވެ އެވެ.

ނާސިރު ގޮވައިގެން ދިޔަ ގޮތް ނޭނގޭ މީހުންނާ މެދު ފިޔަވަޅު އެޅުމަށް އެދި އެކަމަނާ ވަނީ ފުލުހަށް މައްސަލަ ހުށަހަޅުއްވާފަ އެވެ.

އުމުރުން 36 އަހަރުގެ ނާސިރަކީ މީގެ ކުރިން ވެސް ކަރާޗީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ބޭފުޅެއް ކަމަށާއި އޭނާ އަކީ ހައްގުތަކަށް އަރައިގަތުމާ ދެކޮޅަށް އެ ގައުމުގައި އެންމެ އަޑު އުފުލާ އެއް ބޭފުޅާ ކަމަށް ބެލެވެ އެވެ.

މިނިވަން ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ޕާކިސްތާނުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ވަނީ ނާސިރު ވަގަށް ނެގި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ގާނޫނީ ވަކީލު އަދި އެކްޓިވިސްޓް @MJibranNasir ކަރާޗީގައި ހަތިޔާރު އެޅި ބަޔަކު ވަގަށް ނަގާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެޗްއާރުސީޕީން ވަރަށް ކަންބޮޑުވޭ. އަދި އޭނާ މިހާރުން މިހާރަށް ރައްކާތެރިކަމާއެކު ހޯދުމަށާއި އޭނާ ވަގަށް ނެގި މީހުން ގާނޫނުގެ ދަށުން ޖަވާބުދާރީ ކުރުވުމަށް ގޮވާލަން،" އެ ބަޔާނުގައި ވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!