މާރާމާރީ ހިންގަން އުޅެނިކޮށް ހައްޔަރު ކުރެވުނު މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

މާލޭގައި މާރާމާރީއެއް ހިންގަން އުޅެނިކޮށް ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ރޭ 23:25 ކަންހާއިރު މަޖީދީމަގުގައި ހުންނަ ޑައިންމޯ ކައިރީގައި ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު، ހައި ވިޒިބިލިޓީ ފުލުހުން ވަނީ ހުއްޓުވައިފައެވެ.
މާރާމާރީ ހިންގަން އުޅުނު އެކަކު ހައްޔަރު ކުރެވުނު ނަމަވެސް، އެހެން މީހުން އެމީހުން ދިޔަ ސައިކަލު ވެސް ދޫކޮށް، އެސަރަހައްދުން ވަނީ ފިލައިފައެވެ.
ފުލުހުން ވިދާޅުވީ، މިމައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.