މިއީ ﷲގެ މަގުގައި ހޭދަ ކުރަންވީ ވަގުތު ، ތަކެތި އަގުބޮޑު ކުރަންވީ ވަގުތެއް ނޫން
މުޅި ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ އަސަރު އެންމެ ފަހުން އަޅުގަނޑުމެންގެ މި ޤައުމަށްވެސް ވަނީ ކޮށްފައެވެ. ރާއްޖެއިން ވެސް އެވައިރަހަށް ޕޮސިޓިވް ދެމީހަކު އިއްޔެ ފެނިފައިވުމާއެކު ރައްޔިތުންގެ ތެރޭގައި މިވަނީ ނުތަނަވަސްކަން ފެތުރިފައެވެ.
މިއާއެކު ބައެއް މީހުން ވަނީ ''ޕެނިކަށް'' ގޮސް ކުރަން ނުޖެހޭ އެތައްކަމަކަށް އަވަސް ވެގެންފައެވެ. އެގޮތުން ކާބޯތަކެތި ''ގުދަން''ކުރުމަށް ވެސް ބައެއް މީހުން އަވަސްވެ ގަތްތަން ސުޕަމާކެޓްތަކުން ވަނީ ފެނިގެން ގޮސްފައެވެ. ހަމައެހެންމެ ބައެއް ވިޔަފާރި ވެރިންގެ ފަރާތުން ގަބޫލު ކުރަން ދަތި ، ނިހާޔަތަށް ހިތާމަ ކުރަންޖެހޭ ކަންކަން ވެސް ފެނިގެން ގޮސްފައެވެ. އެގޮތުން ކާބޯތަކެއްޗާއި ސާފުތާހިރު ވުމަށް ބޭނުންކުރާ ތަކެތި ބައެއް ފިހާރަތަކުގައި އަގުބޮޑު ކޮށްފައިވެއެވެ.
އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި އަޅުގަނޑުމެންގެ ޢަމަލު ކުރަންވީ ގޮތްތައް ދީނުގައި ވަނީ ސާފުކޮށް އަންގަވާފައެވެ. އެގޮތުން ބަލިމަޑުކަމެއް ފެތުރޭނަމަ އެރަށަކަށް އަރާ ފޭބުން ހުއްޓާލުމަކީ ދީނުގައި ކަނޑައަޅާފައިވާ ހަރުދަނާ ސިޔާސަތެކެވެ. ހަމައެހެންމެ އަޅުގަނޑުމެންނަށް އޮތީ ކެތްތެރިވުމާއެކު ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުމެވެ. އިސްތިޣްފާރު ކުރުމާއި ތަވްބާވުމެވެ. ހަމައެއާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ. ޑޮކްޓަރުންނާއި ފަންނީ މާހިރުން ދެއްވާ ލަފާގެ މަތިން ޢަމަލު ކުރުމެވެ.
ވިޔަފާރިވެރިންގެ މުއްސަދި ކަމަކީ އެއުރެންގެ މޮޅު ކަމަކުން އެއުރެންނަށް ލިބުނު ކަންކަމެއް ނޫނެވެ. އެއީ އެ ވިޔަފާރި ވެރިޔާއަށް ﷲ ދެއްވި އިނާޔަތެކެވެ. އެ އިނާޔަތުން އިބްރަތް ލިބިގަނެ ، އެކަމަކީ އޭނާގެ ހަލާކަކަށް ނުވަތަ ދިރުމަކަށް ވެސް ހެދުމުގެ ފުރުސަތު އެބައޮތެވެ. ފަހެ، ހެޔޮކަން ބޮޑީ ރައްޔިތުންނަށް އިހްސާންތެރިވެ ހޭދަކުރުން ނޫންތޯއެވެ.
ﷲ ތަޢާލާ ވަހީ ކުރައްވާފައިވެއެވެ. ﴿ الَّذِينَ يُنفِقُونَ أَمْوَالَهُم بِاللَّيْلِ وَالنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿٢٧٤﴾ سورة البقرة.
މާނައީ: "އެއުރެންނީ، ރެއާއިދުވާލު، ސިއްރާއި ފާޅުގައި، އެއުރެންގެ މުދާތައް ހޭދަކުރާ މީހުންނެވެ. ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި އެއުރެންގެ ދަރުމަ، އެއުރެންނަށް ހުށްޓެވެ. އަދި، އެއުރެންގެ މައްޗަކަށް ބިރެއް ނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް އެއުރެން ނުމެވޭމެއެވެ.''
މުއްސަދިން ، ވިޔަފާރިވެރިން ނުވަތަ ތަނަވަސްކަމުގެ އަހުލުވެރިން މިފަދަ ބަސްތަކުން ރޫހު އާލާކޮށް އެގޮތުގައި ކުރިއަށް ދިޔުމުން އެއޮތީ ކޮންފަދަ ބޮޑު އުފަލެއްތޯއެވެ.