ޚަބަރު ސަރުކާރު

އިންޑިއާ ސަރުކާރުގެ އެހީގައި 9 މަޝްރޫއެއް ކުރިއަށް ގެންދަން ސޮއިކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އައްޑޫ ސިޓީގައި ތަރައްގީގެ މަޝްރޫއެއް ފެށުމަށް ފޮރިން މިނިސްޓަރާއި އިންޑިއާ ސަރުކާރުގެ ވަފުދު

އިންޑިއާ ސަރުކާރުން "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ސްކީމް" ގެ ދަށުން ދޫކުރާ ގްރާންޓުގައި ނުވަ މަޝްރޫއެއް ކުރިއަށް ގެންދަން ފޮރިން މިނިސްޓްރީއާއެކު ސޮއިކޮށްފިއެވެ.

Ads by MWSC

ފޮރިން މިނިސްޓްރީއާއި އިންޑިއާ ސަރުކާރާއި ދެމެދު މިއަދު ސޮއިކުރި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ އަތޮޅުތެރޭގެ ރަށްތަކުގެ ތަރައްގީގެ މަޝްރޫއުތަކެވެ. މާލޭގައި ކުރިއަށް ގެންދަން ރާވާފައިވަނީ އެ ސްކީމްގެ ދަށުން އެންމެ މަޝްރޫއެކެވެ. އެއީ މާލޭގައި އާޓް ސެންޓަރެއް ގާއިމް ކުރުމެވެ.

މިއީ ރާއްޖެއަށް އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޖައިޝަންކަރު ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދޭން އެއްބަސްވި 100 މިލިޔަން ޑޮލަރުގެ ގްރާންޓްގެ ދަށުން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކެކެވެ.

މިއަދު ސޮއިކޮށްފައިވަނީ ޅ. ހިންނަވަރުގެ ކައުންސިލް އޮފީސް ހިންގަން އާ އިމާރާތެއް ގާއިމް ކުރުމުގެ މަޝްރޫއާއި އެރަށުގައި ހުންނަ ޅ. އަތޮޅު ތައުލީމީ މަރުކަޒު ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއު އެވެ.

މީގެ އިތުރުން އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މެންޓަލް ހެލްތު ޔުނިޓެއް ގާއިމް ކުރުމަށާއި ނ. ކެނދިކުޅުދޫ، ލ. ގަން، ކުޅުދުއްފުށި ސިޓީގެ އިތުރުން ފުވައްމުލައް ސިޓީގައި ސްކޫލު ބަހުގެ ހިދުމަތް ދިނުމުގެ މަޝްރޫއުގައިވެސް މިއަދު ވަނީ ސޮއިކޮށްފަ އެވެ.

ށ. މިލަންދޫގައި ދުވާ ޓްރެކެއް ތަރައްގީ ކުރުމާއި އައްޑޫ ސިޓީގައި ދެ އައުޓް ޑޯ ޖިމްއެއް ހެދުމުގެ އިތުރުން ގދ. ވާދޫ، އަދި ހއ. ދިއްދޫ މިއިން ކޮންމެ ރަށެއްގައި އެއް އައުޓްޑޯ ޖިމް ހެދުމަށްވެސް އިންޑިއާ އާއިއެކު ފޮރިން މިނިސްޓްރީން ސޮއި ކުރި އެވެ.

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ސްކީމް އަކީ މުޅި މުޖުތަމައުއަށް ތަރައްގީ ލިބޭނެ ފަދަ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ފަންޑު ދޫކުރާ ސްކީމް އެކެވެ. މީގެ ކުރިންވެސް މި ސްކީމްގެ ދަށުން ގިނަ މަޝްރޫއުތަކެއް ރާއްޖޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!