ދުނިޔެ

ވޯލްޑް ބޭންކްގެ ރައީސަކަށް އިންޑިއާ ނަސްލުގެ އަޖޭ ބަންގާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއަން އެމެރިކަން އަޖޭ ބަންގާ ވޯލްޑް ބޭންކުގެ ރައީސްކަމާ ހުކުރު ދުވަހު ހަވާލުވެވަޑައިގެންފައިވާއިރު، އޭނާ ވެފައިވަނީ ދުނިޔޭގެ ދެ މާލީ އިދާރާ ކަމަށްވާ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ތެރެއިން އެއް މުއައްސަސާގެ އެންމެ އިސްވެރިއަކަށް ހުންނެވި ފުރަތަމަ ކުލައިގެ ބޭފުޅާއަށެވެ. ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުން ވަނީ ފަސް އަހަރުގެ ދައުރަކަށް ވޯލްޑް ބޭންކުގެ 14 ވަނަ ރައީސަކަށް އުމުރުން 63 އަހަރުގެ ބަންގާ ހޮވައިފަ އެވެ.

Ads by Sosun Fihaara

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ވޯލްޑް ބޭންކުގެ އިސްވެރިއަކަށް އެމެރިކާއިން ބަންގާ ނޮމިނޭޓް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

"ވޯލްޑް ބޭންކް ގްރޫޕްގެ އާ ރައީސަކަށް އަޖޭ ބަންގާ އަށް މަރުހަބާ ދެންނެވުމުގައި އަޅުގަނޑުމެންނާ ބައިވެރިވާ. ދިރިއުޅެވޭނެ ޕްލެނެޓެއްގައި ފަގީރުކަމުން ސަލާމަތްވެފައިވާ ދުނިޔެއެއް އުފެއްދުމަށް އަޅުގަނޑުމެން މިތިބީ އަޒުމް ކަނޑައަޅައިގެން،" ހުކުރު ދުވަހު ބަންގާ ބޭންކުގެ ހެޑްކުއާޓަރަށް ވަންނަ ފޮޓޯއަކާ އެކު ވޯލްޑް ބޭންކުން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

ބަންގާ އެންމެ ފަހުން ހުންނެވީ ޖެނެރަލް އެޓްލާންޓިކްގެ ވައިސް ޗެއާމަންގެ މަގާމުގަ އެވެ. މީގެ ކުރިން އޭނާ ހުންނެވީ ގާތްގަނޑަކަށް 24،000 މުވައްޒަފުން ހިމެނޭ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ މާސްޓާކާޑުގެ ރައީސް ކަމާއި ސީއީއޯގެ މަގާމުގަ އެވެ.

އޭނާގެ އިސްނެންގެވުމުގެ ދަށުން މާސްޓާކާޑުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަމަހަމަ އަދި ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމާއި ފައިނޭންޝަލް އިންކްލޫޝަން ކުރިއަށް ގެންދާ ސެންޓާ ފޯ އިންކްލޫސިވް ގްރޯތް އިފްތިތާހުކޮށްފަ އެވެ. އިންޓަނޭޝަނަލް ޗެމްބާ އޮފް ކޮމާސްގެ އޮނަރަރީ ޗެއާމަންގެ މަގާމު ފުރުއްވައި، 2020-2022 އަށް ޗެއާމަންކަން ކުރެއްވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!