ދުނިޔެ

ރޭލު އެކްސިޑެންޓް ބައްލަވާލެއްވުމަށް މޯދީ އޮޑިޝާއަށް ފުރާވަޑައިގެންފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓްރިޕަލް ރޭލު އެކްސިޑެންޓާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އޮޑިޝާއަށް ފުރާވަޑައިގެންނެވީ ހާލަތު ބައްލަވާލެއްވުމަށެވެ.

Ads by WAMCO

ޕީއެމްއޯއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އޮޑިޝާއަށް ފުރާވަޑައިގަންނަވަނީ ރޭލު އެކްސިޑެންޓާ ގުޅިގެން ހާލަތު ބައްލަވާލައްވާނެ ކަމަށެވެ. މީގެ ކުރިން މޯދީ ވަނީ އޮޑިޝާގެ ތިން ރޭލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 238 މީހުން މަރުވި ހާދިސާގެ ހާލަތު ބައްލަވާލެއްވުމަށް މަތީ ފެންވަރުގެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓަވާފަ އެވެ.

ބޮޑުވަޒީރު ގޮވާލެއްވި މި ބައްދަލުވުމުގައި ޔޫނިއަން ހޯމް މިނިސްޓަރު އަމިތު ޝާހު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ސައުތު އީސްޓާން ރޭލްވޭގެ އެންމެ ފަހުގެ އަންދާޒާތައް ދައްކާ ގޮތުން ބެންގަލޫރު-ހާވަރާ އެކްސްޕްރެސް އަދި ޝާލިމާރް-ޗެންނާއީ ކޮރޮމަންޑެލް އެކްސްޕްރެސް އާއި ބާލަސޯރުގައި މުދާ އުފުލާ ރޭލެއް ޖެހި ހިނގި ރޭލު އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދަކީ 261 އެވެ.

ސައުތު އީސްޓަން ރޭލްވޭއިން ބުނީ ޒަހަމްވި 650 އެއްހާ ފަސިންޖަރުން ގޯޕާލްޕޫރު، ޚާންތާޕަރާ، ބަލަސޯރު، ބަދްރަކް އަދި ސޯރޯގެ ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށެވެ.

ސްޓޭޓް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިބްތިދާއީ ރިޕޯޓުގައިވާ ގޮތުން 900 އެއްހާ މީހުން ޒަހަމްވެފައިވެ އެވެ. މަރުވި މީހުންނާއި ޒަހަމްވި މީހުން ނެރުމަށް އިންޑިއާގެ ވައިގެ އަސްކަރިއްޔާއިން ވަނީ އެމްއައި-17 ހެލިކޮޕްޓަރުތައް ހަރަކާތްތެރިވެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ މިދިޔަ ހުކުރު ދުވަހު ވަނީ މަރުވި މީހުންގެ އާއިލާތަކަށް ދެ ލައްކަ ރުޕީސްގެ އެކްސް ގްރެޝިއާ އެއް ދޭން ނިންމައިފަ އެވެ.

ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކްސް ގްރެޝިއާ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ބޮޑުވަޒީރުގެ ނޭޝަނަލް ރިލީފް ފަންޑު (ޕީއެމްއެންއާރްއެފް) އިން މަރުވި މީހުންގެ ގާތް ތިމާގެ މީހުންނަށް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!