ކުށްވެރިވާ އެންމެނަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް މޯދީ ވިދާޅުވެއްޖެ

ފާއިތުވި 10 އަހަރުގެ ތެރޭގައި އިންޑިއާގައި ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 288 މީހަކު މަރުވެ 800 މީހަކު ޒަހަމްވެފައި ވާ އިރު، އިހުމަލުވާ އެންމެނަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ ވަނީ، އެކްސިޑެންޓް ހިނގި ސަރަހައްދަށް ވަޑައިގެން އަމިއްލަފުޅަށް ބައްލަވާލައްވާފައެވެ. އަދި ޒަހަމްވެ ހޮސްޕިޓަލްތަކަށް ގެންގޮސްފައި ވާ މީހުންނަށް ޒިޔާރަތް ކުރައްވާ ހާލު ބައްލަވާފައި ވާ އިރު، އޭނާ ވިދާޅުވީ، އެމީހުންނަށް ފަރުވާ ދިނުމަށްޓަކައި "ނުފުރޮޅާނެ އެންމެ ގަލެއްވެސް ނުބާއްވާނެ" ކަމަށެވެ. ނުވަތަ ދެވެން އޮތް އެންމެ ރަނގަޅު ފަރުވާ ދެއްވާނެ ކަމަށެވެ.
އަދި އެ ހާދިސާ އަކީ 'ހިތްދަތި" ހާދިސާއެއް ކަމަށާއި ޒިންމާވާ ފަރާތްތަކަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިހާތަނަށް ސާފުވަމުން ދާ ހަބަރުތައް ބުނާގޮތުން، ގާތްގަނޑަކަށް 2000 މީހުން ދަތުރު ކުރަމުން ދިޔަ ދެ ރޭލު ޖެހެން ދިމާވީ، ކަލްކަތާ އިން ޗެންނާއި އަށް ދިޔަ ކޮރޮމޮންޑަލް އެކްސްޕްރެސް ރޭލު، ދަތުރު ކުރަމުން ދިޔަ ދަގަނޑު، ބަލަސޯރު އަވަށާ ހަމައިން ބަދަލު ކުރުމުން، އެހެން ދަގަނޑެއްގައި ޕާކު ކޮށްފައި އޮތް މުދާ އުފުލާ ރޭލެއްގައި ޖެހި، ކޮރޮމޮންޑަލް އެކްސްޕްރެސް ގެ ކޯޗްތައް ދަގަނޑުން ކައްސާލައިގެން ދެފަރާތަށް ގޮސްފައި އޮތް ވަގުތު އަނެއްކޮޅުން އައި ހޮއުރާ ސުޕާފާސްޓް އެކްސްޕްރެސް އެ ކޯޗުތަކުގައި ޖެހިގެންނެވެ. ހޮއުރާ ރޭލު ދަތުރު ކުރަމުން އައީ ޔަޝްވަންތްޕޫރުން ހޮއުރާއަށެވެ.