ދުނިޔެ

ޗައިނާގެ އަސްކަރީ ހަރަކާތްތައް ޓައިވާން ސަރަހައްދުގައި އިތުރުވުމުން އެގައުމުގެ ކަންބޮޑުވުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓައިވާން ސަރަހައްދުގައި ޗައިނާ އަސްކަރިއްޔާގެ ހަރަކާތްތައް އިތުރުވަމުންދާތީ ޓައިވާނުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Ads by WAMCO

ޓައިވާނާއި ޗައިނާގެ ގުޅުމަށް ހުރަސްތަކެއް އެޅެމުންމިދާ ދަނޑިވަޅުގައި، މިދިޔަ ހަފުތާގައި އެކަނިވެސް ޗައިނާ އަސްކަރިއްޔާގެ 11 މަނަވަރު ޓައިވާން ސަރަހައްދުގައި ހަރަކާތްތެރިވެފައިވާކަމަށް ޓައިވާނުން ބުނެއެވެ. އަދި ޗައިނާ އަސްކަރިއްޔާގެ އަށް އެއަރކްރާފްޓް ވެސް އަސަރަހައްދުގައި ހަރަކާތްތެރިވެފައިވާކަމަށް ޓައިވާނުން ވަނީ ބުނެފައެވެ.

މެއި މަހަަށް އެކަނި ބަލާލި ކަމުގަ ވީނަމަވެސް ޗައިނާއިން ވަނީ ޓައިވާން ސަރަހައްދަށް 304 އަސްކަރީ އެއަރ ކްރާފްޓާއި 131 އަސްކަރީ މަނަވަރު ފޮނުވާފައެވެ.

ޗައިނާއިން ޓައިވާން ސަރަހައްދުގައި އެގައުމުގެ އަސްކަރީ ހަރަކާތްތައް މަޑުމަޑުން އިތުރުކުރަން ފަށާފައި ވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ. އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ކުރީގެ ސްޕީކަރ ނޭންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ރަސްމީ ދަތުރުފުޅާއެކު އެސަރަހައްދުގައި ޗައިނާ އަސްކަރިއްޔާގެ ހަރަކާތްތައް އިތުރު ކުރިއެވެ.

ޓައިވާނުން މަސައްކަތްކުރަނީ ޗައިނާގެ ބާރު ނުހިނގާ އަމިއްލަ، މިނިވަން ޑިމޮކްރަޓިކް ގައުމަކަށް ވުމަށެވެ. ނަމަވެސް ޗައިނާއިން ގަބޫލުކުރާ ގޮތުގައި ޓައިވާނަކީ އެގައުމުގެ ބައެކެވެ. އެއީ ޗައިނާގެ ވަން ޗައިނާ ޕޮލިސީގެ ދަށުން އެކަން އޮންނާނެ ގޮތްކަމަށް ޗައިނާއިން ބުނެއެވެ. އަދި ޗައިނާއާ ވަކިން، ގައުމުތަކުން ޓައިވާނާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމަކީ ޗައިނާ ރުހޭ ކަމެއް ނޫނެވެ.

ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ބޭއްވުމަށް، އަސްކަރީ ބާރު ބޭނުންކުރަން ޖެހިއްޖެނަމަ އެކަން ކުރަންވެސް ތައްޔާރުކަމަށް ޗައިނާ އިން ވަނީ މީގެ ކުރިން އިޝާރާތް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!