ޕާކިސްތާނާ ދެކޮޅަށް ޖެނީވާގައި މުޒާހަރާއެއް
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ޖެނީވާގައި ހުންނަ އދ. އޮފީސް ކުރިމަތީގައި 'އެންޓި-ޕާކިސްތާން' މުޒާހަރާއެއް ކޮށްފިއެވެ.
ހޯމަ ދުވަހު، ޖެނީވައި ކުރި މިމުޒާހަރާގައި، އިމްރާން ޚާންގެ ސަޕޯޓަރުން ވަނީ ޕާކިސްތާނުގައި އިންސާނީ ހައްގުތަކާ ޚިލާފުވާ މައްސަލަތައް ފާހަގަކޮށް އަޑު އުފުލާފައެވެ.
މުޒާހަރާގެ ބައިވެރިން އދ. އޮފީސް ކުރިމައްޗަށް އެއްވެފައި ވަނީ އިމްރާން ޚާން ނިސްބަތްވާ ޕާކިސްތާން ތަހްރީކީ އިންސާފް ޕާޓީގެ ދިދައާއި އިތުރު ޕޯސްޓަރުތައް ވެސް ހިފައިގެންނެވެ.
މިދިޔަ މެއި މަހު، އިމްރާން ޚާން ގޮވާލެއްވުމަށް އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ ޕާކިސްތާނުގެ މަގުތައް މައްޗަށް ނުކުމެ މުޒާހަރާތައް ކޮށްފައެވެ.
ހައްޔަރުކުރުމަށްފަހު, ކަފާލާތުގެ ދަށުން އިމްރާން ޚާން ދޫކޮށްލުމާއެކު، އެމަނިކުފާނު ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކުރައްވައި، އެމަނިކުފާނުގެ ސަޕޯޓަރުން އަޑު އުފުލުމަށް މަގުތައް މައްޗަށް ނުކުތުމަށް ގޮވާލައްވާފައެވެ. އެގޮތުން އިމްރާން ޚާން ވަނީ އާންމުން މަގުތައް މައްޗަށް ނުކުންނައިރު، "ހަގީގީ އާޒާދު" (ހަގީގީ މިނިވަންކަން)، "އާޔެން ބަޗާއޯ" (ގާނޫނުއަސާސީ ސަލާމަތްކުރޭ) އަދި "ޕާކިސްތާން ބަޗާއޯ" (ޕާކިސްތާން ސަލާމަތްކުރޭ)، މި ސްލޯގަންތައް ލިޔެފައިވާ ޕެލެކާޑްތައް ހިފައިގެން ސަޕޯޓަރުން މަގުމައްޗަށް ނުކުތުމަށް އެދިވަޑައިގެންފައެވެ.
މިދިޔަ އަހަރު މަގާމުން ވަކިކުރެއްވުނުފަހުން އިމްރާން ޚާންގެ މައްޗަށް ވަނީ ކޮރަޕްޝަންގެ އެތައް ދައުވާއެއް އުފުލާފައެވެ. އަދި މޭ 1 ވަނަ ދުވަހު އެންޓިކޮރަޕްޝަން ބިއުރޯއިން ވަނީ އިމްރާން ހައްޔަރުކުރުމުގެ އަމުރެއްވެސް ނެރެފައެވެ.
އުމުރުފުޅުން 70 އަހަރުގެ އިމްރާން ޚާން މަގާމުން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހު، މަޖިލީހުގައި ނެގުނު އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އެދުވަހުން ފެށިގެންވެސް އޭނާ ގެންދަވަނީ އަވަސް އިންތިޚާބަކަށް ގޮވާލައްވައި ކެމްޕެއިން ކުރައްވަމުންނެވެ.
މިހާރު އޮތް ގޮތުން ޕާކިސްތާނުގެ އިންތިޚާބު ބާއްވާނީ އަންނަ އޮކްޓޯބަރު މަހުއެވެ.