އަފްޣާނިސްތާނުގެ މިސްކިތެއްގައި އެއްޗެއް ގޮއްވާލައިގެން 11 މީހުން މަރުވެއްޖެ
އަފްޣާނިސްތާނުގެ އުތުރުގެ މިސްކިތެއް ކައިރީގައި އެއްޗެއް ގޮއްވާލި ހާދިސާގައި ތާލިބާނުންގެ ޕްރޮވިންޝަލް ޑެޕިއުޓީ ގަވަރުނަރުގެ ހަނދާނީ ހަފްލާއެއްގައި 11 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ނަބަވީ މިސްކިތް ކައިރީގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ތާލިބާން ފުލުހުންގެ ކުރީގެ އޮފިޝަލަކު ވެސް ހިމެނޭ ކަމަށާއި 30 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ތާލިބާނުން އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު އަބްދުލް ނާފީ ޓަކޯރު ވިދާޅުވި އެވެ.
ތަކޯރު ވިދާޅުވީ މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ.
ބޮން ގޮއްވާލާފައިވަނީ މިދިޔަ އަންގާރަ ދުވަހު ދިން ކާރު ބޮމުގެ ހަމަލާއެއްގައި މަރުވި ބަދަޚްޝަންގެ ޑެޕިއުޓީ ގަވަރުނަރު ނިސާރު އަހްމަދު އަހުމަދީގެ ހަނދާނީ ޚިދުމަތުގެ ތެރެއިންނެވެ. ބަދަޚްޝަންގެ ވެރިރަށް ފާއިޒާބާދުގައި ދިން އެ ހަމަލާގައި ޑެޕިއުޓީ ގަވަރުނަރުގެ ޑްރައިވަރު ވެސް މަރުވެ އިތުރު 10 މީހަކު ޒަޚަމްވި އެވެ.
އިންފޮމޭޝަން އެންޑް ކަލްޗާ ހިންގުމާ ހަވާލުވެ ހުންނެވި ތާލިބާނުންގެ އޮފިޝަލް މުއައްޒުއްދީން އަހުމަދީ ވިދާޅުވީ ބުރާސްފަތި ދުވަހު ދިން ބޮމުގެ ހަމަލާގައި މަރުވެފައިވަނީ ބަގްލާންގައި ހުންނަ ތާލިބާނުންގެ ކުރީގެ ޕޮލިސް ޗީފް ސާފިއުالله ސާމިމް ކަމަށެވެ.
އަފްޣާނިސްތާނުގެ ކުރީގެ ރައީސް ހާމިދު ކަރްޒާއީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިސްކިތްތަކަށް ބޮން އެޅުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެއީ އިންސާނީ އަދި އިސްލާމީ މިންގަނޑުތަކާ ހިލާފު އަމަލެއް ކަމަށެވެ.
މި ހަމަލާގެ ޒިންމާ އަދި އުފުލާފައެއް ނުވެއެވެ. މިދިޔަ އަންގާރަ ދުވަހު ދިން ކާރު ބޮމުގެ ހަމަލާގެ ޒިންމާ އައިއެސްގެ ހަތިޔާރު އެޅި ޖަމާއަތުން ވަނީ އުފުލާފަ އެވެ.
ތާލިބާން ސަރުކާރުން ދަނީ އާބަން ސެންޓަރުތަކަށް ބޮޑެތި ހަމަލާތަކެއް ދިން ކަމަށް ބުނާ އައިއެސްގެ މެމްބަރުންނާ ދެކޮޅަށް ހަމަލާތައް ދެމުންނެވެ.