ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކެއް ޓައިވާންގެ ވައިގެ ސަރަހަދަށް
ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކެއް ތައިވާނުގެ ވައިގެ ސަރަޙައްދަށް ވަނުމާ ގުޅިގެން އެ ޤައުމުގެ ވައިގެ ދިފާޢީ ނިޒާމު ތައްޔާރީ ހާލަތަކަށް ގެނެސްފިއެވެ. ތައިވާނުން ބުނީ ޗައިނާގެ އަސްކަރީ 37 މަތިންދާބޯޓު އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަދެފައިވާ ކަމުގައެވެ. ބައެއް އުޅަނދުފަހަރު ޕެސިފިކް ކަނޑުގެ ހުޅަނގު ފަޅިއަށް ދަތުރުކޮށްފައިވާ ކަމުގައި ވެސް ތައިވާނުން ބުނެއެވެ.
ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކެއް ތައިވާނުގެ ވައިގެ ސަރަޙައްދަށް ވަދެފައިވާ ކަން ތައިވާނުން ހާމަކޮށްފައި މި ވަނީ ޗައިނާއާއި ރަޝިޔާ ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ބާއްވަމުންދާ ދަނޑިވަޅެއްގައެވެ. އެ ދެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތައް ޖަޕާން ކަނޑާއި އިރުމަތީ ޗައިނާ ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ މަންޒަރުތައް ދައްކައިދޭ ވީޑިޔޯއެއް ރަޝިޔާއިން ވަނީ ޢާންމުކޮށްފައެވެ. އަ ތަމްރީނުތަކުގައި ދެ ޤައުމުގެ ބޮންއަޅާ މަތިންދާބޯޓުތަކުގެ އިތުރުން ހަނގުރާމަތީ މަތިންދާބޯޓުތައް ދަނީ ބޭނުން ކުރަމުންނެވެ.
ފާއިތުވި ތިން އަހަރުގެ ތެރޭގައި ޗައިނާއިން ވަނީ އެތަކެއް ފަހަރެއް މަތިން އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތައް ތައިވާން ކައިރިއަށް ފޮނުވާފައެވެ. ނަމަވެސް، މިއީ ތައިވާނުގެ ވައިގެ ސަރަޙައްދުގެ ތެރެއަށް ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކުން ވަދެފައިވާ ފުރަތަމަ ފަހަރެވެ. ތައިވާނަކީ ޑިމޮކުރަސީގެ ހަމަތަކުގެ މަތިން ވެރިކަން ކުރަމުންދާ ތަނެކެވެ. ނަމަވެސް، ޗައިނާއިން ދެކޭ ގޮތުގައި ތައިވާނަކީ އެ ޤައުމުގެ ބައެކެވެ. އަދި، ކޮންމެ ވެސް ދުވަހަކުން ތައިވާނަށް އަރައި އެ ޤައުމު ހިފާނެކަމަށް ޗައިނާއިން ދަނީ ބުނަމުންނެވެ.
ތައިވާނުގެ ދިފާޢީ ވުޒާރާއިން ބުނީ ޗައިނާގެ އަސްކަރިއްޔާގެ "ޖޭ-11"އާއި "ޖޭ-16" މަރުކާގެ އަސްކަރީ މަތިންދާބޯޓުތަކުގެ އިތުރުން ނިއުކްލިޔަރ ހަތިޔާރު އުފުލުމުގެ ކުޅަދާނަކަން ލިބިފައިވާ އަސްކަރީ މަތިންދާބޯޓުތަކެއް އެ ޤައުމުގެ ވައިގެ ދިފާޢީ ސަރަޙައްދުގެ ތެރެއަށް އެތެރެވެފައިވާ ކަމުގައެވެ. އެ އުޅަނދުތައް ވަދެފައި ވަނީ ތައިވާނުގެ ހުޅަނގުދެކުނު ސަރަޙައްދަށް ކަމުގައި އެ ޤައުމުން ބުނެއެވެ.
އެ އުޅަނދުފަހަރު ތައިވާނުގެ ސަރަޙައްދަށް އެތެރެވުމާ ގުޅިގެން އެ ޤައުމުން ވަނީ ވައިގެ ދިފާޢީ ނިޒާމު އެކްޓިވޭޓްކޮށް ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. އަދި، އެ ސަރަޙައްދަށް އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކާއި މަނަވަރުތައް ފޮނުވާފައެވެ. މި ކަމާ ގުޅޭ ގޮތުން ޗައިނާގެ ދިފާޢީ ވުޒާރާއިން އަދި މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ.
ޖަޕާން ކަނޑުގެ ސަރަޙައްދުގައި ރަޝިޔާއާއި ޗައިނާއިން ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ހިންގަމުންދާތީ ޖަޕާނުން ވެސް ވަނީ އެ ކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ކަމާ ގުޅިގެން އެމެރިކާގެ އެމެރިކަން އިންސްޓިޓިއުޓް އޮފް ތައިވާނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމެރިކާއާއި ތައިވާނާ ދެމެދު އޮތް ގުޅުންތައް ދެމެހެއްޓުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރަނީ އެ ޖަމުޢިއްޔާއިންނެވެ.
އެ ޖަމުޢިއްޔާގެ އިސްވެރިޔާ ލޯރާ ރޮސެންބަރގަރ ކުރިއަށް އޮތް ހަފުތާގައި ތައިވާނަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރާ ގުޅޭ ގޮތުން ތައިވާނުގެ މީޑިޔާތަކަށް ދިން ބަސްދީގަތުމެއްގައި އޭނާ ބުނީ ތައިވާނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމެރިކާއިން ދެމިއޮންނާނެ ކަމުގައެވެ. އަދި، ތައިވާންގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައެވެ.
މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ތައިވާނުގެ ރައީސް ސައި އިންގް-ވެން ވަނީ އެމެރިކާއަށް ދަތުރުފުޅެއް ކުރައްވައި، އެ ޤައުމުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ކެވިން މެކާތީއާ ބައްދަލުކުރައްވާފައެވެ. އެ ކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން ޗައިނާއިން ވަނީ ތައިވާން ވަށައިގެންވާ ކަނޑުގެ ސަރަޙައްދުގައި ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ބާއްވާފައެވެ.