ކިއުބާގައި ޗައިނާގެ ބޭސްއެއް?
ޗައިނާއިން ކިޔުބާގައި ޖާސޫސީ މަރުކަޒެއް ގާއިމުކުރަން އުޅޭކަމަށް އެމެރިކާގެ އޮފިޝަލަކު ކޮށްފައިވާ ތުހުމަތުތައް ޗައިނާއިން ދޮގުކޮށްފިއެވެ. ކިޔުބާގައި ޗައިނާގެ ޖާސޫސީ މަރުކަޒެއް ގާއިމުކުރަން އުޅޭ ކަމުގެ ވާހަކަތައް ފެންމަތިވުމާ ގުޅިގެން ޗައިނާއިން ބުނީ އެމެރިކާއިން ކިޔުބާގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، އެ ފަދަ އަމަލުތައް ހުއްޓައިލުމަށް ވެސް ޗައިނާއިން ވަނީ ގޮވައިލާފައެވެ.
ޗައިނާއިން ކިޔުބާގައި ޖާސޫސީ މަރުކަޒެއް ގާއިމުކުރަން އުޅޭ ކަމުގެ ރިޕޯޓު ފުރަތަމަ ކޮށްފައި ވަނީ އެމެރިކާގެ ނޫހެއް ކަމުގައިވާ ވޯލް ސްޓްރީޓް ޖަރނަލާއި ސީ.އެން.އެންއިންނެވެ. އެ ދެ ނޫހުން މި ކަން ރިޕޯޓުކޮށްފައި ވަނީ ނަން ހާމަކުރަން ނޭދޭ އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލެއް ދީފައިވާ މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށެވެ. ނަމަވެސް، ކިޔުބާގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.
މި ކަމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވޮންގް ވެންބިން ވިދާޅުވީ ޗައިނާއިން ކިޔުބާގައި ޖާސޫސީ މަރުކަޒެއް ގާއިމުކުރަން އުޅޭ ކަމުގެ އެއްވެސް މަޢުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމުގައެވެ. އެއަށްފަހު އޭނާ ވަނީ ކިޔުބާއާ މެދު އެމެރިކާއިން އަމަލުކުރަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"މިހެން ދޮގު މަޢުލޫމާތާއި ދޮގު ޚަބަރުތައް ފެތުރުމަކީ އެމެރިކާއިން އަބަދުވެސް ކުރާ ކަމެއް އެއީ، އެމެރިކާއިން ޢާންމުކޮށް ބޭނުންކުރާ އުކުޅެއް. އެހެން ޤައުމުތަކުގެ ދާޚިލީ ކަންކަމަށް ބާރާއި ނުފޫޒު ފޯރުވުމަކީ ވެސް އެމެރިކާއިން ޢާންމުކޮށް ކުރާ ކަމެއް. އެއީ ޑިމޮކުރަސީއެއް ނޫން. މިނިވަންކަމެއް ވެސް ނޫން. ކިޔުބާގެ ދާޚިލީ ކަންކަމާ ބެހުން ހުއްޓައިލާ، އެ ޤައުމާ ދެކޮޅަށް އިޤުތިޞާދީ ގޮތުންނާއި މާލީ ގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލަން ޖެހޭ،" ވޮންގް ވިދާޅުވިއެވެ.
ވޯލް ސްޓްރީޓް ޖަރނަލާއި ސީ.އެން.އެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗައިނާއިން ގާއިމުކުރާ ޖާސޫސީ މަރުކަޒު މެދުވެރިކޮށް އެމެރިކާގެ ބޮޑު ސަރަޙައްދެއްގެ މުވާސަލާތީ ކަންކަމާއި ސިއްރު މަޢުލޫމާތު އެ ޤައުމަށް ޖާސޫސް ކުރެވޭނެއެވެ. އެމެރިކާގެ އިރުދެކުނުގައިވާ ފްލޮރިޑާގެ އައްސޭރިފަށާ 150 ކިލޯމީޓަރު ދުރުގައި އޮންނަ ކިޔުބާގައި ޗައިނާއިން ޖާސޫސީ މަރުކަޒެއް ގާއިމުކުރުމަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކަލަކަށް ވާނެ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.
ޗައިނާއިން ކިޔުބާގައި އެ ފަދަ މަރުކަޒެއް ގާއިމުކުރަން މަސައްކަތް ކުރާ ކަމުގެ އަޑުތައް ފެތުރިފައި މި ވަނީ، ޗައިނާގެ ދިފާޢީ ނިޒާމުތައް ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ގާއިމުކުރަން އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގް ގޮވައިލައްވާފައިވާ ދަނޑިވަޅެއްގައެވެ. ދާދިފަހުން ޗައިނާއިން ފޮނުވި ޖާސޫސީ ބެލޫނެއް އެމެރިކާގެ ސަރަޙައްދަށް ވަނުމުން އޭތި ވައްޓައިލުމާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސް ކަން އިތުރަށް ހޫނުވިއެވެ.
ކިޔުބާއަކީ، އެމެރިކާއަށް ޖާސޫސް ކުރުމަށް އެ ޤައުމުގެ ހަތުރުން މީގެ ކުރިން ވެސް ބޭނުންކޮށްފައިވާ ޤައުމެއް ކަން ފާހަގަކުރެވެއެވެ. ކުރީގެ ރޫސީ ވިލާތުން ވެސް ވަނީ ކިޔުބާގައި ޖާސޫސީ މަރުކަޒުތަކެއް ގާއިމުކޮށް، އެމެރިކާއަށް ޖާސޫސްކޮށްފައެވެ. އަދި، 1962 ވަނަ އަހަރު ރަޝިޔާއިން ވަނީ ކިޔުބާގައި އެ ޤައުމުގެ ނިއުކްލިޔަރ މިސައިލްތައް ގާއިމުކުރަން މަސައްކަތްކޮށްފައެވެ. ނަމަވެސް، އެ ސަރަޙައްދުގައި ކުއްލި ހާލަތު އިޢުލާނުކޮށް، އެމެރިކާއިން ވަނީ އެ ކަން ހުއްޓުވާފައެވެ.
އެ މައްސަލައިގައި ދެ ޤައުމުން ހަނގުރާމައެއް ފަށާފާނެ ކަމުގެ ބިރު ހީވެގެން ދިޔައެވެ. ރަޝިޔާއިން ކިޔުބާއަށް ނިއުކްލިޔަރ މިސައިލް ފޮނުވަން ނިންމާފައި ވަނީ އެމެރިކާއިން ތުރުކީވިލާތަށް އެ ޤައުމުގެ ނިއުކްލިޔަރ މިސައިލްތައް ފޮނުވުމާ ގުޅިގެންނެވެ. ތުރުކީވިލާތުގައި އެމެރިކާގެ ނިއުކްލިޔަރ މިސައިލްތައް ބެހެއްޓުމަކީ ރަޝިޔާއަށް އޮތް ނުރައްކަލެއްގެ ގޮތުގައި މޮސްކޯއިން ބުނުމުން އެމެރިކާއިން ވަނީ އެ މިސައިލްތައް އަނބުރާ ގެންގޮސްފައެވެ.