ދުނިޔެ

އިންޑިއާ-ބަންގްލަދޭޝް ބޯޑަރު މަޝްވަރާތައް އާދީއްތަ ދުވަހު ދިއްލީގައި ފަށަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ އާއި ބަންގްލަދޭޝްގެ ބޯޑަރު ބަލަހައްޓާ ސިފައިންގެ މެދުގައި ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން ބައިއެނުއަލް މަޝްވަރާތައް ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި މަޝްވަރާތަކުގައި ދެ ފަރާތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ ކްރޮސް ފްރޮންޓިއާ ކްރައިމްތައް ހުއްޓުވުމާ ގުޅޭ ގިނަ ކަންތައްތަކާއި، މިހާރަށްވުރެ ރަނގަޅު ގުޅުމެއް އުފެއްދުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންނެވެ.

Ads by WAMCO

ބޯޑާ ގާޑް ބަންގްލަދޭޝް (ބީޖީބީ)ގެ ޑިރެކްޓަރ ޖެނެރަލް (ޑީޖީ) މޭޖާ ޖެނެރަލް އޭކޭއެމް ނަޒްމުލް ހަސަން އިސްވެ ހުންނަވައިގެން އެ ޖަމިއްޔާގެ 15 މެމްބަރުންގެ ވަފުދެއް ހޮނިހިރު ދުވަހު ދިއްލީއަށް ޖައްސައިފި އެވެ. ބޯޑާ ސެކިއުރިޓީ ފޯސް (ބީއެސްއެފް) ގެ ޑީޖީ ސުޖޯއި ލާލް ތައޮސެން އާއި ސިފައިންގެ އިސް އޮފިސަރުން އެއާޕޯޓުން އެ މީހުންނަށް މަރުހަބާ ދެންނެވި ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަޝްވަރާތައް ނިންމާލާނީ ޖޫން މަހުގެ 14 ވަނަ ދުވަހު ދިއްލީގެ ހުޅަނގު ދެކުނުގެ ޗަވްލާ ސަރަހައްދުގައި ހުންނަ ބީއެސްއެފް ގެ ކޭމްޕެއްގަ އެވެ.

"މި ކޮންފަރެންސަކީ ބޯޑަރާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް، ބޯޑަރު ބަލަހައްޓާ ދެ ސިފައިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބާއްވާ ކޮންފަރެންސެއް."

ބީއެސްއެފްގެ ތަރުޖަމާނު ވިދާޅުވެފައިވަނީ ޓްރާންސް ބޯޑަރުގެ އެކި އެކި ޖަރީމާތައް ގުޅިގެން ހުއްޓުވުމާއި ބޯޑަރު ބަލަހައްޓާ ދެ ސިފައިންގެ މެދުގައި ވަގުތުން މައުލޫމާތު ހިއްސާކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

މީގެ އިތުރުން ތަރައްގީއާއި އުމްރާނީ މަސައްކަތްތަކާއި، ކޯޑިނޭޓެޑް ބޯޑާ މެނޭޖްމަންޓް ޕްލޭން (ސީބީއެމްޕީ) އަދި ކޮންފިޑެންސް ބިލްޑިން މެސަރސް (ސީބީއެމް) ހަރުދަނާގޮތެއްގައި ތަންފީޒުކުރުމަށް ގުޅިގެން ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

މިއީ މި މަޝްވަރާތަކުގެ 53 ވަނަ އެޑިޝަން ކަމަށާއި މިފަދަ އެންމެ ފަހު ބައްދަލުވުން ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ބީއެސްއެފްގެ ވަފުދު ޑާކާއަށް ދިޔަ އިރު ކަމަށެވެ.

އިންޑިއާގެ އިރުމަތީ ފަރާތުގައި ބަންގްލަދޭޝްއާ އެކު އޮންނަ 4،096 ކިލޯމީޓަރުގެ ދިގު ބައިނަލްއަގުވާމީ ބޯޑަރު ބަލަހައްޓަނީ ބީއެސްއެފުންނެވެ.
1975 ވަނަ އަހަރުން ފެށިގެން 1992 ވަނަ އަހަރާ ދެމެދު ކޮންމެ އަހަރަކު ވެސް މި މަޝްވަރާތައް ބާއްވަމުން އައި ނަމަވެސް 1993 ވަނަ އަހަރު އެ މަޝްވަރާތައް ދެ ފަރާތަށް ވެސް ދެ ފަރާތުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އާއި ޑާކާއަށް ދަތުރުކޮށް، އެ މަޝްވަރާތައް ވަނީ ދެ ފަހަރެއްގެ މަތިން ކުރިއަށް ގެންގޮސްފަ އެވެ.

ބީއެސްއެފްގެ އިސް އޮފިސަރަކު މީގެ ކުރިން ޕީޓީއައިއަށް ވިދާޅުވީ ދެ ގައުމުގެ ބޯޑަރު ސިފައިންގެ ގުޅުން ވަރަށް ރަނގަޅު ކަމަށާއި މި ކޮންފަރެންސްގެ ސަބަބުން އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. މި ކޮންފަރެންސް ނިމުމުން ދެ ފަރާތުން "ޖޮއިންޓް ރެކޯޑް އޮފް ޑިސްކަޝަންސް" ގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!