ލައިފްސްޓައިލް

ކޮރޯނާގެ ވާހަކައިން ސިކުނޑި ހާސް ނުކޮށް ހިނގާ ކޮފީއިން ހަންގަނޑު އަލިކޮށްލަން!

ދެން އެމްވީ ، ދެން އޮންލައިން

ކޮފީއަކީ މުޅި ދުނިޔޭގައި ވެސް ވަރަށް ގިނަ މީހުން ގަޔާވާ އެއްޗެކެވެ. ކޮންމެ ދުވަހެއްގެ ފެށުމަކަށް ކޮފީ ނުބޯނަމަ، މުޅި ދުވަސް ހަރާބުވާ މީހުންވެސް މަދެއް ނޫނެވެ. ސިއްޙީ ގޮތުން ވެސް ކޮފީއަކީ ހަށިގަނޑަށް ފައިދާ ހުރި އެއްޗެއް ކަމަށް ސިއްޙަތާއިބެހޭ މާހިރުން ބުނެއެވެ.

Ads by MWSC

ކޮފީ ބުއިމުން އިންސާނާ ފިކުރުތަކާއި ދުރުވެ، ސިކުނޑި ތަނަވަސްވެ، ހިތުގެ އެކި މައްސަލަތައް ޖެހުމުން ވެސް ދުރުކޮށްދޭ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. ހަށިގަނޑަށް ފައިދާވުމުގެ އިތުރުން، ކޮފީއަކީ ހަންގަނޑަށް ވެސް ފައިދާ ހުރި އެއްޗެއްކަން ދިރާސާތަކުން މިވަނީ ދައްކާފައެވެ. ކޮފީއިން ހަންގަނޑު އަލިކޮށްދީ، އޮމާން ކޮށްދިނުމުގެ އިތުރުން، ހަންގަނޑުގައި ހުންނަ ރޫތައް ދިލުވާލަދޭ ކަމަށް އިންޓަރނޭޝަނަލް ޖާނަލް އޮފް ޑަރމަޓޮލޮޖީ އިން 2015 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ.

ކޮފީ ބޭނުން ކޮށްގެން ތައްޔާރު ކުރެވޭ ސްކްރަބް އަކީ، ގޭގައި ވަރަށް ފަސޭހައިން ތައްޔާރު ކުރެވޭ، ގިނަ އެއްޗެއް އެއަށް އަޅަން ނުޖެހޭ ސްކްރަބެކެވެ. އެހެންވީމާ ، ކޮރޯނާގެ ވާހަކައިން ސިކުނޑި ހާސްނުކޮށް ކޮފީއިން މޫނު އަލިކޮށްލުން ކީއްހެއްޔެވެ؟

ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ތިން "ކޮފީ ސްކްރަބް" އެއް:

•ކޮފީ އާއި ކާށިތެޔޮ ސްކްރަބް: މިސްކްރަބް ތައްޔަރު ކުރަން ބޭނުން ކުރާނީ މުގުރާފައި ހުންނަ ކޮފީއެވެ. ދަޅުގައި ބަންދު ކޮށްފައި ހުންނަ ކޮފީވެސް ބޭނުން ކުރެވިދާނެއެވެ. އެންމެ ފުރަތަމަ، ދެ ސައިސަމުސާ ކޮފީ ކުޑަ ބޯތައްޓަކަށް އަޅާނީއެވެ. ދެން ދެ މޭޒުމަތީ ސަމުސާ ކާށިތެޔޮ (ބޮޑަށް ރަނގަޅު ވާނީ އެކްސްޓްރާ ވަރޖިން ކާށިތެޔޮ) ކޮފީ އެބޯތަށީ ތެރެއަށް އަޅެމަށްފަހު ޕޭސްޓަކަށް ވަންދެން ގިރާލާށެވެ. ކޮފީއާއި ކާށިތެޔޮ ސްކްރަބް ތައްޔާރު ކުރެވުނީއެވެ. މި ސްކްރަބް މޫނުގައި އުނގުޅުމަށްފަހު 30-20 މިނެޓު ވަންދެން ބެހެއްޓުމަށް ފަހު މޫނު ދޮވެލާށެވެ.

• ކޮފީ އާއި ޔޯގަޓް ސްކްރަބް: މިސްކްރަބް ވެސް ތައްޔާރު ކުރަން ބޭނުން ކުރާނީ މުގުރާފައި ހުންނަ ނުވަތަ ދަޅުގައި ހުންނަ ކޮފީއެވެ. އެންމެ ފުރަތަމަ ބޯތައްޓަކަށް އެއް ސައިސަމުސާ ކޮފީ އެޅުމަށްފަހު، އޭގެ ތެރެއަށް އެއް ސައިސަމުސާ އާދައިގެ ޔޯގަޓް އަޅާށެވެ. ޔޫގަޓް އެޅުމުގެ ކުރިން، އޭގައި ހުންނަ ދިޔާ ފެންތައް އުކާލަން ވާނެއެވެ. ކޮފީއާއި ޔޯގަޓް ޕޭސްޓަކަށް ވަންދެން ރަނގަޅަށް އެއްކުރުމަށްފަހު މޫނުގައި އުނގުޅާށެވެ. މިސްކްރަބް ވެސް 30-20 މިނެޓޫ ވަންދެން މޫނުގައި އުނގުޅާފައި ބެހެއްޓުމަށްފަހު މޫނު ދޮވެލާށެވެ.

• ކޮފީއާއި ކާށި ކިރު ސްކްރަބް: ކާށިކިރަކީ ވެސް ހަންގަނޑަށް ވަރަށް ފައިދާ ކުރާ އެއްޗެކެވެ. ކޮފީއާއި ކާށި ކިރު އެއްކުރުމުން ހަންގަނޑަށް މާބޮޑަށް ފައިދާ ކުރާނެ ކަމޭ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ. އެންމެ ފުރަތަމަ ބޯތައްޓަކަށް ދޭއް ނުވަތަ ތިން ސައިސަމުސާ ކޮފީ އެޅުމަށްފަހު ދޭއް ނުވަތަ ތިން ސައިސަމުސާ ކާށި ކިރު އަޅާށެވެ. ދެން ޕޭސްޓަކަށް ވަންދެން ގިރާލުމަށްފަހު، ސްކސްރަބް ތައްޔާރުވުމުން މޫނުގައި އުނގުޅާލާށެވެ. މިސްކްރަބް ވެސް އުނގުޅާފައި ބަހައްޓާނީ 30-20 މިނެޓު ވަންދެންނެވެ. މީގެ ކޮންމެ ސްކްރަބް އެއް ވެސް މޫނުގައި އުނގުޅުމުގެ ކުރިން، ރީތިކޮށް މޫނު ދޮވެ، ތެލާއި މޭކަޕްފަދަ ތަކެތި ފިލުވަން ސަމާލުކަމެއް ދޭން ވާނެއެވެ. އަދި ހަފްތާއަކު އެއް ފަހަރު ނުވަތަ ދެފަހަރު މިފަދައިން މޫނު ސްކްރަބް ކުރުމުން، އެދެވިގެންވާ ނަތީޖާ ހަންގަނޑުން ފެންނާނެއެވެ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!