ދުނިޔެ

ޕާކިސްތާންގައި ފެންބޮޑުވެގެން ހިނގި ހާދިސާތަކުގައި ގިނަ ބަޔަކު މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ހުޅަނގުއުތުރުގައިވާ ޚައިބަރް ޕަޚްތުންޚްވާ ޕުރޮވިންސަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކެއްގައި 25 މީހުން މަރުވެއްޖެއެވެ. ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އެ ޕުރޮވިންސުގެ ބަންނޫ، ލައްކީ މަރްވަތް އަދި ކަރަކް ޑިސްޓްރިކްޓަށެވެ. ބޯ ވާރެޔާއެކު އެ ސަރަޙައްދަށް ހޭލް ނުވަތަ ގަނޑުފެން ވެސް ފައިބާފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.

Ads by Sosun Fihaara

ފެންބޮޑުވުމާ ގުޅިގެން ބައެއް ސަރަޙައްދުތަކުގައި ގިނަ ޢަދަދެއްގެ ގެދޮރު ވަނީ ވެއްޓިފައެވެ. މި ހާދިސާތަކުގައި 145 އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވާ ކަމުގައި އެ ޕުރޮވިންސުގެ އޮފިޝަލެއް ކަމުގައިވާ ޚަތީރް އަޙްމަދު ވިދާޅުވިއެވެ. އަދި، ވައިގަދަވުމުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތްދިނުމަށް ބޭނުންކުރާ ޓްރާންސްފޯމަރުތަކާއި ޓަވަރުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި ހާދިސާތަކުގައި ޒަޚަމުވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. ހުސްވި މޭ މަހުގެ ތެރޭގައި ބޯކޮށް ސްނޯ ފޭބުމާ ގުޅިގެން ކުރިމަތިވި އައިސް ފޭބުމުގެ ހާދިސާއެއްގައި ވެސް އެ ސަރަޙައްދުން ގިނަ ޢަދަދެއްގެ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

ފެންބޮޑުވުމާ ގުޅިގެން ގިނަ ޢަދަދެއްގެ ބަޔަކު މަރުވުމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ ހިތާމަ ފާޅުކުރައްވާފައެވެ. އަދި، މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ދަންނަވާފައެވެ. އޭނާ ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ވެސް ގޮވައިލައްވާފައެވެ.

ޕާކިސްތާނުގެ ހުޅަނގުއުތުރުގެ ސަރަޙައްދުތަކަށް މޫސުން ގޯސްވެފައި މި ވަނީ ޢަރަބި ކަނޑުގައި އުފެދިފައިވާ ބާރުގަދަ ތޫފާން ބިޕާރްޖޯއިގެ ސަބަބުންނެވެ. އެ ތޫފާނާ އެކު ގަޑިއަކު 150 ކިލޯމީޓަރަށް ވައިބާރުވެފައިވާ ކަމުގައި މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ. ޕާކިސްތާނުގެ ދެކުނުގެ ސަރަޙައްދުތަކާ ދިމާލަށް ތޫފާން ބިޕާރްޖޯއި ދަތުރުކުރަމުންދާ ކަމުގައި އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނެއެވެ.

ފަހުގެ ތާރީޚެއްގައި ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ އެންމެ ބޮޑު އަދި ނުރައްކާތެރި ހާދިސާ ހިނގާފައި ވަނީ ހުސްވި 2022 ވަނަ އަހަރުއެވެ. އެ އަހަރު އެ ޤައުމުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެ، ކުރިމަތިވި އެކި ހާދިސާތަކުގައި 1,739 މީހުން މަރުވިއެވެ. އޭގެ ތެރޭގައި 647 ކުޑަކުދިން ހިމެނޭއިރު، ފެންބޮޑުވުމާ ގުޅިގެން އަސަރު ކޮށްފައިވާ މީހުންގެ ޢަދަދު 33 މިލިޔަނަށް އަރައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!