މުޅި ލަންކާ ކަނު އަނދިރީގައި!

އަވަށްޓެރި ސްރީލަންކާ އިން ކަރަންޓު ކެނޑިއްޖެއެވެ.
އެ ގައުމުގެ މިނިސްޓަރ އޮފް ޕަވާ ވިދާޅުވީ ކަރަންޓު ކެނޑުނީ ވެރިރަށް ކޮލަމްބޯގެ ޕަވާ ސްޓޭޓަނަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.
މުޅި ލަންކާއިން ކަރަންޓު ކެނޑިފައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ. އަދި ގަޑިއިރެއް ފަހުން ބައެއް ހިސާބުތަކަށް ކަރަންޓު ލިބުނު ނަމަވެސް ވެރިރަށް ކޮލަމްބޯ އަށް ރޭގަނޑުވި އިރުވެސް ކަރަންޓު ނާދެއެވެ.
މީގެ ކުރިން 2016 ވަނަ އަހަރުގައި މުޅި ލަންކާއިން ކަރަންޓު ކެނޑި، ގާތްގަނޑަކަށް 8 ގަޑިއިރަށް ވުރެ ގިނަ އިރު ރައްޔިތުން ކަނު އަނދިރީގައި ތިބެން ޖެހުނެވެ.
ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ އަދި އޭނާގެ ބޭބެ، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ޕޮޑުޖަނަ ޕާޓީއަށް މިދިޔަ ހަފްތާގެ އާންމު އިންތިހާބުގައި ބޮޑު އަޣުލަބިއްޔަތެއް ލިބުނު އިރު، ބޮޑުވަޒީރުކަމުގެ ހުވާ މަހިންދަ ރާޖަޕަކްސަ ކުރެއްވީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުއެވެ.
އަދި ރާޖަޕަކްސަ ކެބިނެޓް އެކުލަވާލީ އެއާއިލާއިން އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ކުރިމަތިލައި ގޮނޑި ކާމިޔާބުކުރި އެންމެން ހިމަނައިގެންނެވެ.