ދުނިޔެ

އަފްގާނިސްތާނުގައި ކައިވެނި ހަފްލާތަކުގައި ވެސް ލަވަ ޖެހުން މަނާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ތާލިބާނުންގެ ދީނީ ފުލުހުން އަފްޣާނިސްތާނުގެ ކާބުލްގައި ހުންނަ ކައިވެނީގެ ހޯލްތައް ވަށާލަނީ މިފަދަ ހަފްލާތަކުގައި އިސްލާމީ ޙުކުމްތަކާ ޚިލާފު ކަމަށް ބުނާ މިއުޒިކް ކުޅުން މަނާކުރުމަށް ކަމަށް ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފިއެވެ.

Ads by Sosun Fihaara

ޖަރުމަނުގެ ޕްރެސް އެޖެންސީ ޑީޕީއޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮންލައިންކޮށް ނެރުނު ބަޔާނެއްގައި މިނިސްޓްރީ ފޯ ދަ ޕްރޮޕެގޭޝަން އޮފް ވާޗު އެންޑް ދަ ޕްރިވެންޝަން އޮފް ވައިސް އިން ބުނީ ކައިވެނީގެ ޕާޓީތަކުގައި އިތުރު މިއުޒިކެއް ނުބޭއްވޭ ގޮތަށް ހޯލްތަކުގެ ވެރިންނަށް އަންގާފައިވާ ކަމަށެވެ.

މިދިޔަ އަހަރު ތާލިބާނުން ވިޔަފާރިވެރިންނަށް އާންމުން އެއްވެ އުޅޭ ތަންތަނުގައި މިއުޒިކުން ދުރުހެލިވުމަށް ނަސޭހަތްތެރިވި ނަމަވެސް އެ ހުކުމަށް މާ ބޮޑު އަދަބެއް ދީފައެއް ނުވެ އެވެ.

"ކައިވެނީގެ ހަފްލާއެއްގައި މިއުޒިކެއް ނެތް ނަމަ ކައިވެނީގެ ހަފްލާއަކާއި ޖަނާޒާގެ ހަފުލާއެއްގެ ތަފާތަކީ ކޮބައިތޯ؟" އަފްޣާނިސްތާނުގެ ވެރިރަށުގައި ހުންނަ ފެސްޓިވަލްސް ހޯލެއްގެ މެނޭޖަރު ހޯމަ ދުވަހު ޑީޕީއޭއާ ސުވާލު ކުރެއްވި އެވެ. އޭނާގެ ނަން ހިފަހައްޓާފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ.

2021 ވަނަ އަހަރުގެ އޮގަސްޓް މަހު ތާލިބާނުން ވެރިކަމަށް އައުމާއެކު ގިނަ ފަންނާނުންނާއި މިއުޒިޝަނުން ވަނީ އަފްޣާނިސްތާނު ދޫކޮށް ހުޅަނގުގެ ގައުމުތަކުން ހިމާޔަތް ހޯދާފައެވެ.

ތާލިބާނުން ދެކޭ ގޮތުގައި މިއުޒިކަކީ އިސްލާމް ދީނުގެ އިލްމުތަކާ ހިލާފު ކަމެކެވެ. އެ ޖަމާޢަތުގެ ހަރުކަށި މާނަގައިވާ ގޮތުން މިއުޒިކް އުފައްދަންޖެހޭނީ ހަމައެކަނި އިންސާނާގެ އަޑުންނެވެ - އަދި ހަމައެކަނި الله ތަޢާލާއަށް ތަޢުރީފުކުރުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!