ފީޖީން ޗައިނާއާއެކު ވެފައިވާ އެއްބަސްވުން އުވާލަނީ

ފުލުހުންގެ ތަމްރީނާ ގުޅިގެން ފިޖީން ޗައިނާއާއެކު ވެފައިވާ އެއްބަސްވުން އުވާލުމާގުޅޭ ގޮތުން އެގައުމުން ވިސްނަމުންދާކަމަށް ފިޖީގެ ބޮޑުވަޒީރު ސިޓިވެނީ ރަބުކާ ވިދާޅުވެއްޖެއެވެ.
ފިޖީގެ ބޮޑުވަޒީރު ވަނީ އެގައުމުގެ ކުރީގެ ސަރުކާރުން 2011 ވަނަ އަހަރު ޗައިނާއާއެކު ވެފައިވާ އެއްބަސްވުން ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އަދި މި ރިވިއުއަށްފަހު އެއްބަސްވުން އުވާލުން ނުވަތަ އިތުރަށް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ގޮތެއް ނިންމަވާނެކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.
މިއެއްބަސްވުމުގެ ދަށުން ފިޖީގެ ފުލުހުންނަށް ޗައިނާއަށް ގޮސް ތަމްރީނުވުމުގެ ފުރުސަތު ދެއެވެ. އަދި ޗައިނާގެ އޮފިސަރުން ފިޖީގައި ޑިޕްލޯއިވުމުގެ ފުރުސަތުވެސް ދެއެވެ.
މިއަހަރުގެ ޖެނުއަރީ މަހުވެސް ފިޖީގެ ބޮޑުވަޒީރު ވަނީ ޗައިނާއާއެކު މިފަދަ އެއްބަސްވުމެއް ކުރިއަށްގެންދިއުމުގެ ބޭނުމެއް ނެތްކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭރުވެސް އެއްބަސްވުމާ ގުޅޭގޮތުން ސީދާ ނިންމެވުމެއް ނިންމަވާފައެއް ނުވެއެވެ.