ރިޕޯޓް

ބަލިތަކުން ރައްކާތެރިވުމަށް ޒަމްޒަމްފެނުގެ ބަރަކާތް ހޯއްދެވިދާނެ

ދެން އެމްވީ ، ދެން އޮންލައިން

މުޅި ދުނިޔޭގައި ވެސް ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް މިވަނީ ރާއްޖެއިން ވެސް ފެނިފައެވެ. ރާއްޖެއިން ކޮރޯނާގެ ޕޮސިޓިވް ދެމީހުން ފެނިފައިވާއިރު ބައެއް މީހުން ދަނީ ''ޕެނިކަށް'' ވެއްޓި އަމަލު ކުރަން ނުޖެހޭ ގޮތްގޮތަށް އަމަލު ކުރަމުންނެވެ. ބޭނުން ނުވާ ވަރަށް ކާޑުގެ ބާވަތްތައް ގަތުމާއި މާބޮޑަށް ހާސްވެ ގޮތް ހުސްވުމުގެ އަމަލުތައް ދަނީ ފެންނަމުންނެވެ.

Ads by MWSC

އަޅުގަނޑުމެންނަކީ މުސްލިމުންކަމަށް ވީހިނދު މިދަނޑިވަޅުގައި މުސްލިމުންގެ ސިފަތައް އިސްކުރަން ޖެހެއެވެ. ކެތްތެރިވާން ޖެހެއެވެ. އިސްތިޣްފާރުކޮށް ތެދުވެރި ތައުބާއަކުން ތައުބާ ވާންޖެހެއެވެ. އެހެނީ އެއީ ބަލާމުސީބާތްތަކުން މިންޖުވާން އޮތް މަގެވެ. ހަމައެހެންމެ ﷲތަޢާލާއަށް ކުއްތަންވެ ގިނަގިނައިން ދުޢާ ދަންނަވަން ޖެހެއެވެ. ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުން މަތީ ދެމި ތިބެން ޖެހެއެވެ. ބައްޔާއި އެކި މުސީބާތްތަކުން ރައްކާތެރިވެ ތިބުމަށް ދުޢާކުރަން ޖެހެއެވެ. މިއާއެކު ރައްކާތެރިކަމުގެ ފިޔަވަޅުއަޅާ ޑޮކްޓަރުންނާއި ފަންނީ މާހިރުންގެ އިރުޝާދުތައް އަޑުއަހާ އެއާ އެއްގޮތަށް ޢަމަލު ކުރަންޖެހެއެވެ.

ޒަމްޒަމް ފެނަކީ ބަލިބަލީގެ ފަރުވާއެއްގެ ގޮތުންނާއި ރަނގަޅު ޞިއްޙަތެއްގައި ތިބުމަށް ވެސް ބޭނުން ކުރެވިދާނެ ފެނެކެވެ. އެއީ ބަރަކާތްތެރި މާތް ފެނެކެވެ. އެހެން ނުވާނީ ކީއްވެތޯއެވެ. ޒަމްޒަމް ފެން އަންނަނީ ސުވަރުގޭގެ ކޯރުތަކުގެ ތެރެއިން ކޯރަކުން ކަމުގައި ނަބަވީ ޙަދީޘްތަކުން އެނގެއެވެ.

ޞަޙީޙު މުސްލިމުގައި ރިވާވެގެންވެއެވެ. ރަސޫލު صلى الله عليه وﺴﻠﻡ އަބޫ ޘައްރު އަށް ޙަދީޘް ކުރެއްވިއެވެ. ފަހެ އެކަލޭގެފާނު 40 ދުވަހާއި ރޭ ކަޢުބާގެ ހިޔަލުގައި ޒަމްޒަމް ފެން ފިޔަވައި އިތުރު އެއްޗެއް ކާނެ އަދި ބޯނެ އެއްޗެއް ނެތި ހޭދަކުރެއްވިއެވެ. ޙަދީޘް ކުރެއްވިއެވެ. ތިބާއަށް ކާންދިނީ ކާކު ހެއްޔެވެ؟ އެކަލޭގެފާނު ދެންނެވިއެވެ." އަހަރެންގެ އަތުގައި ޒަމްޒަމް ފެން ފިޔަވައި އިތުރު އެއްޗެއް ނުވެއެވެ. އަދި އަހަރެންގެ ބަނޑުގައި ސަރުބީ ޖަހައި ސަރުބީގެ ފަށަލަތައް ބަނޑުގައި ޖެހިއެވެ. އަދި ބަނޑުހައި ހޫނުކަމުގެ ސަބަބުންވާ އެއްވެސް ވަރުބަލިކަމެއް، އަދި ބަލިކަށިކަމެއް ނުވެއެވެ. އަދި އަހަރެން ނުވެސް ހިކެއެވެ. ނަބީ صلى الله عليه وﺴﻠﻡ ޙަދީޘް ކުރެއްވިއެވެ."ހަމަކަށަވަރުން އެއީ ބަރަކާތް ލެއްވިގެންވާ އެއްޗެކެވެ. އަދި ޞިއްޙަތު ރަނގަޅުކޮށް ވަރުގަދަކުރާ ކާނާއެކެވެ.''(މުސްލިމް 2473)

އިބުނުލް ޤައްޔިމް (رحمه الله) ވިދާޅުވިއެވެ." އަހަރެންނާއި އެހެނިހެން ބޭކަލުން ޒަމްޒަމް ފެނުން ފަރުވާ ހޯއްދެވީމެވެ. އަދި ވަރަށް އަޖައިބު ކުރަނިވި ކަންތައްތައް ފެނިވަޑައިގަތެވެ." އަހަރެން ވަރަށް ގިނަ ބަލިތަކުން އެއިން ފަރުވާ ހޯއްދެވީމެވެ. އަދި ﷲ ގެ އިޒުނަ ފުޅާއެކު އަހަރެން ފަސޭހަވިއެވެ. ކާނާއެއްގެ ގޮތުގައި އެތައްދުވަސްތަކެއް ވަންދެން، އެއީ ބައި މަސް ނުވަތަ އެއަށްވުރެ ގިނަ ދުވަހު ހަމައެކަނި ޒަމްޒަމްފެން ބޭނުން ކުރި މީހަކު އަހުރެން ދުށީމެވެ. އަދި އޭނާގެ ބަނޑުހައި ކަމެއް ނުވެއެވެ. އޭނާ އެހެންމީހުންފަދައިން ތަވާފުކޮށް އުޅެއެވެ. އޭނާ ތިމަންނާއަށް ބުންޏެވެ. ތިމަން ޒަމްޒަމްފެން ފިޔަވައި އިތުރު އެއްޗެއް 40 ދުވަސްވަންދެން ބޭނުން ނުކުރަމެވެ. އަދި އަނބިމީހާއާއެކު އެއްދާންކޮށް، ރޯދަ ހިފައި އެތަށް ފަހަރަކު ތަވާފުކޮށް އުޅެމުއެވެ."(ޒާދުލް މަޢާދު)

އިބްނުލް ޤައްޔިމް ރަޙިމަހުއް الله ވިދާޅުވިއެވެ:

ތިމަންކަލޭގެފާނު މައްކާއިން ބޭސްވެރިއެއް ފެނި ނުލެއްވީމާ ސޫރަތުލް ފާތިޙާ ފެނަށް ކިޔަވައިގެން ކިތަންމެ ފަހަރަކު ހިއްޕަވަމެވެ. (އެގޮތަށް ޒަމްޒަމްފެން ބުއިމުން) ބަލި ފަސޭހަވަމުން ގޮސް ބަލިމަޑުކަން އެއްކޮށް ފިލައިގެން ދާކަން ތިމަންކަލޭގެފާނަށް ފާހަގަވެފައިވެއެވެ.(އައްޠިއްބު އައްނަވަވީ)

ރާއްޖޭގެ ދެކުނު އަތޮޅެއްގެ ރަށެއްގެ އަންހެނަކު ބޭސް ފަރުވާއަށް ރޭޑިއޭޝަން ދެމުން ދިޔައިރު ހަންގަނޑު ކަޅުވާތީ ރޭޑިއޭޝަން ދިނުމުގެ ކުރިން ހަންގަނޑުގައި ޒަމްޒަމް ފެން އުނގުޅިއެވެ. މިކަމުގެ ސަބަބުން އޭނާގެ ހަންގަނޑު ކުލަ ބަދަލުނުވެ ހުރި ގޮތަށް ހުރިއެވެ.

ޒަމްޒަމް ފެނަކީ މިދަނޑިވަޅުގައި ވެސް އަޅުގަނޑުމެންގެ ރައްކާތެރިކަމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އޭގެ މާތްކަން ގަބޫލުކޮށް ރައްކާތެރިކަން އަދައިގެން އެބޭނުން ކޮށްފިނަމަ އޭގެ ހެޔޮ ނަތީޖާ ، އިންޝާﷲ ފެންނާނެއެވެ. އަދި ގިނަގިނައިން މިދުޢާ ކުރައްވާށެވެ!

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبَرَصِ، وَالْجُنُونِ، وَالْجُذَامِ، وَمِنْ سَيِّئِ الأَسْقَامِ އޭ ﷲ ! ބަރަޞް ބަލިންނާއި، ބުއްދިފިލައި ދިއުމުންނާއި، ޖުޒާމު ބަލިންނާއި، ނުބައިވެގެންވީ ބަލިތަކުން، އިބަރަސްކަލާނގެ ޙަޟްރަތުން މިއަޅާ ރައްކާތެރިކަމަށް އެދެމެވެ!

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!