އިންޑިއާގެ އެގްރިމް ބޭންކުން އެފްރިކާއަށް އެހީވަނީ
އިންޑިއާގެ އެކްސްޕޯޓް-އިމްޕޯޓް ބޭންކުން ވިޔަފާރީގެ ގުޅުންތައް ފުޅާކުރުމަށް އެޅި ފިޔަވަޅެއްގެ ދަށުން، ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެފްރިކާގެ މާކެޓްތަކަށް ވަނުމަށް ބޭނުންވާ އިންޑިއާގެ ކުންފުނިތަކަށް ފައިނޭންސް ކުރުމަށް ސަރުކާރުގެ އެހީގައި ހިންގާ ލައިން އޮފް ކްރެޑިޓް ޕްރޮގްރާމްގެ ދަށުން އިންވެސްޓްމަންޓްތައް އިތުރުކުރަން ނިންމާފައިވާ ކަމަށް އެ ބޭންކުގެ އިސް އޮފިޝަލް ވިދާޅުވި އެވެ.
ޗައިނާގެ ވާދަވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް އެހީ އާއި އިންޑިއާގެ ކުންފުނިތަކުން އަމިއްލަ އިންވެސްޓްމަންޓްތަކަށް އެހީ ދީގެން އެފްރިކާގެ ގައުމުތަކާ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ތައް ވަރުގަދަ ކުރައްވައިފަ އެވެ.
އެފްރިކާ އަކީ ބޮޑު ކޮންސިއުމް ކޮންޓިނެންޓަކަށް ވަމުން އަންނަ އިރު، އެތަނުގައި އިންޑިއާގެ ކުންފުނިތަކަށް މާކެޓެއް ހޯދުމުގެ ފުރުސަތު ވަރަށް ބޮޑު،" އިންޑިއާ-އެފްރިކާ ގްރޯތު ޕާޓްނާޝިޕްގެ 18 ވަނަ ސީއައިއައި-އެގްޒިމް ބޭންކް ކޮންކްލޭވްގެ ހަވާސާގައި ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި އެކްސްޕޯޓް އިމްޕޯޓް (އެގްޒިމް) ބޭންކް އޮފް އިންޑިއާގެ މެނޭޖިން ޑިރެކްޓަރު ހަރްޝާ ބަންގާރީ ވިދާޅުވި އެވެ.
އެހެން ގައުމުތަކަށް އެކްސްޕޯޓް ފައިނޭންސިން އާއި ސަރުކާރުން ޑައިރެކްޓް ކޮށްގެން ލޯނު ދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ސަރުކާރު ހިއްސާވާ އެގްޒިމް ބޭންކުން އެފްރިކާގެ ގައުމުތަކުގައި ވިޔަފާރި ފުޅާކުރުމަށް އިންޑިއާގެ 300 އަށް ވުރެ ގިނަ ކުދި ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
"ކްރެޑިޓް އެންޑް ޓްރޭޑް ފައިނޭންސްގެ ލައިންތައް އިތުރުކުރުމުގައި އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ދެމެހެއްޓެނިވި އަދި ހަމަޖެހޭ ޓްރެންޑެއް،" އެފްރިކާގެ 42 ގައުމަކަށް މިހާތަނަށް އެގްޒިމް ބޭންކުން 12.8 ބިލިއަން ޑޮލަރުގެ ކްރެޑިޓް ކޮމިޓްމަންޓެއް ދީފައިވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
އަދި މިއަހަރުގެ ތެރޭގައި 3-3.5 ބިލިއަން ޑޮލަރާއި ދެމެދުގެ އަދަދަކަށް ފައިސާ ހޯދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އިންޑިއާގެ ކުންފުނިތަކުން ގާތްގަނޑަކަށް 75 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކާއެކު އިންޑިއާ އަކީ އެފްރިކާގެ އެންމެ ބޮޑު ފަސް އިންވެސްޓަރުންގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށް ސަރުކާރުގެ އޮފިޝަލުން އެފްރިކާގެ ލީޑަރުންނަށް ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސަމިޓުގައި ވިދާޅުވި އެވެ.
އިންޑިއާ އާއި އެފްރިކާއާ ދެމެދު ވިޔަފާރީގެ މުއާމަލާތްތައް 2023 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ގާތްގަނޑަކަށް 100 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދު 200 ބިލިއަން ޑޮލަރަށް އިތުރުކުރުމެވެ.
އިންޑިއާގެ އިގްތިސާދީ ޑިޕްލޮމަސީގެ ދަށުން އެފްރިކާގެ އެކި ސަރުކާރުތަކާ އެކު އެގްޒިމް ބޭންކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި މޮރިޝަސްގައި މެޓްރޯ ރޭލް ޕްރޮޖެކްޓަކާއި އިންޑިއާއިން ސެނެގާލަށް ބަސް އެކްސްޕޯޓް ކުރުމާއި ގެމްބިއާގެ ކަރަންޓުގެ ޕްރޮޖެކްޓެއް ހިމެނޭ ކަމަށް ބަންގާރީ ވިދާޅުވި އެވެ.
"ދެމެހެއްޓެނިވި ގޮތެއްގައި ތެލާއި މިނަރަލްސް، ދަތުރުފަތުރާއި އިއާދަކުރަނިވި އަދި ސާފު ހަކަތައާއި ކްލައިމެޓް ސްމާޓް އެގްރިކަލްޗަރގެ އިތުރުން އެފްރިކާގެ ގައުމުތަކަށް ލޯނު ދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތައް ފާހަގަކުރެވިފައި ވޭ،" އެކަމަނާ ވިދާޅުވި އެވެ.