ދުނިޔެ

ސަރުކާރުން ބާރު އެޅި ނަމަވެސް ޗައިނާގައި ކައިވެނިތައް ރެކޯޑް މިންވަރަކަށް ދަށަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިދިޔަ އަހަރު ޗައިނާގައި ކައިވެނިކުރި މީހުންގެ އަދަދު 6.83 މިލިއަނަށް ދަށަށް ގޮސްފައިވާއިރު، މިއީ 1986 ވަނަ އަހަރު ރެކޯޑްތައް ފެށުނު ފަހުން އެންމެ ދަށް އަދަދެވެ.

Ads by WAMCO

ސިވިލް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2021 ވަނަ އަހަރާ އަޅާބަލާއިރު 2022 ވަނަ އަހަރު ކައިވެނިކުރި ދެމަފިރިންގެ އަދަދު ގާތްގަނޑަކަށް އަށް ލައްކަ ދަށަށް ގޮސް، އެ އަހަރުގެ ރެކޯޑް މިންވަރަށް ވުރެ ދަށަށް ހިނގައްޖެ އެވެ.

2013 ވަނަ އަހަރު ގާތްގަނޑަކަށް 13.5 މިލިއަން ދެމަފިރިން ކައިވެނިކުރި ފަހުން ފާއިތުވި 10 އަހަރުގެ ތެރޭގައި ޗައިނާގެ ކައިވެނީގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ޗައިނާގެ ސިޔާސަތުތައް ބައްޓަންކުރާ ފަރާތްތަކުން ކަންބޮޑުވަނީ ކައިވެންޏާއި އުފަންވާ މީހުންގެ ނިސްބަތް ދަށަށް ދާތީއެވެ. މިދިޔަ އަހަރު ޗައިނާގެ އާބާދީ ހަ އަހަރު ފަހުން ފުރަތަމަ ފަހަރަށް ދަށަށް ގޮސް، މުއްސަނދިވުމުގެ ކުރިން މުސްކުޅިވާނެ ކަމުގެ އިންޒާރުތައް ވަނީ ދީފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވަލް ސާވިސް ޕްލެޓްފޯމް ކަމަށްވާ Trip.com ބާނީ އަދި ނުފޫޒުގަދަ އިގްތިސާދީ މާހިރެއް ކަމަށްވާ ޖޭމްސް ލިއަންގް މިދިޔަ އަންގާރަ ދުވަހު ވަނީ ޗައިނާގެ އުފަންވާ ރޭޓް ދަށް "ކްރައިސިސް" އާ ބެހޭ ގޮތުން ލިޔުމެއް ޝާއިއުކޮށްފަ އެވެ. ޗައިނާގެ ސްކޫލް ނިޒާމު ދެ އަހަރަށް ކުރުކުރުމަށް ލިއާންގް ގޮވާލެއްވި އިރު، އިގްތިސާދީ އެހެން ފައިދާތަކުގެ ތެރޭގައި އަންހެނުންނަށް "އާއިލާއެއް ފަށައި ދަރިން ލިބުމަށް އިތުރު އަހަރުތަކެއް ލިބޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ. ލިއަންގް ވިދާޅުވީ މިކަމުގެ ސަބަބުން ޗައިނާގެ ދަރިމައިވުމުގެ ނިސްބަތް 30 އިންސައްތަ އަށް އިތުރުވެދާނެ ކަމަށެވެ.

2012 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޝީ ޖިންޕިންގެ ވެރިކަމުގައި ސަރުކާރުން ވަނީ އިތުރު ދަރިން ތަރުބިއްޔަތު ކުރުމަށް ޒުވާން އުމުރުގައި ކައިވެނި ކުރުމަށް އަންހެނުން ނަށް ހިތްވަރު ދޭ ކޮންޒަވޭޓިވް އިޖުތިމާއީ އެޖެންޑާއެއް ކުރިއަށް ގެންގޮސްފަ އެވެ.

ނަމަވެސް 2010 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ދެމެދު ފުރަތަމަ ފަހަރަށް ކައިވެނި ކުރަން އަންހެނުންގެ އެވްރެޖް އުމުރު 24 އިން ގާތްގަނޑަކަށް 29 އަށް ވަނީ އިތުރުވެފަ އެވެ.

2016 ވަނަ އަހަރު ޗައިނާއިން ވަނީ ޒަމާނުއްސުރެ ގެންގުޅުނު އެއް ދަރިންގެ ސިޔާސަތު ދޫކޮށްލައި، މިހާރު އަންހެނުންނަށް ތިން ދަރިން ލިބުމަށް ބާރު އަޅަމުންނެވެ. ހިލޭ އައިވީއެފް އާއި ދެވަނަ އަދި ތިން ވަނަ ކުދިންނަށް ސަބްސިޑީ ދިނުން ފަދަ ގިނަ ދަރިން ހޯދުމަށް ބާރުއެޅުމުގެ ގޮތުން ލޯކަލް ސަރުކާރުތަކުން ވަނީ ގިނަ ސިޔާސަތުތަކެއް ތައާރަފްކޮށްފަ އެވެ.

ދަރިމައިވުމުގެ ނިސްބަތް އިތުރުކުރުމުގެ މައިގަނޑު އަސާސަކީ ހަރުދަނާ އަދި ގިނަ އަދަދެއްގެ ކައިވެންޏެއް ކަމަށް ސަރުކާރުން ދެކެއެވެ. ބައެއް ޕްރޮވިންސްތަކުން މިހާރު އަލަށް ކައިވެނިކުރާ ދެމަފިރިންނަށް މުސާރައިގެ ގޮތުގައި 30 ދުވަހުގެ ކައިވެނީގެ ޗުއްޓީއެއް ދެއެވެ.

ނަމަވެސް މަތީ ތައުލީމު ހާސިލްކޮށްފައިވާ ޒުވާން އަންހެނުން ގިނަ ފަހަރަށް "އަންހެނުންނަށް އަނިޔާކުރާ ފިރިހެން ވަންތަ މުއައްސަސާއެއްގެ ގޮތުގައި ކައިވެންޏަށް ފާޑުކިޔާ" ކަމަށް ޔުނިވާސިޓީ އޮފް މިޝިގަންގެ ސޯޝިއޮލޮޖިސްޓެއް ކަމަށްވާ ޔޫން ޒޫ ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!