އީވީ އުފެއްދުމަށް ފޮކްސްކޮންގައި އެދެން އިންޑިއާގެ ވަފުދެއް ޓައިވާނުގައި
އިކޮނޮމިކް ޓައިމްސްގެ ރިޕޯޓެއްގައި ބުނެފައިވަނީ އިންޑިއާގެ ވަފުދެއް ޓައިވާނަށް ގޮސް، ފޮކްސްކޮންގެ ޓައިވާންގެ ކޮންޓްރެކްޓް އުފައްދާ ކުންފުނީގެ ވެރިންނާ ބައްދަލުކޮށް އިލެކްޓްރިކް ވެހިކަލް އުފެއްދުމުގައި އިންޑިއާ އަކީ ހިތްގައިމު މަންޒިލެއްގެ ގޮތުގައި ފާހަގަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން އީވީ އުފެއްދުމަށް މުހިންމު ލިތިއަމް، މެންގަނީޒް، ކޮބާލްޓް އަދި ނިކެލް ފަދަ މިނިރަލް ރިޒާވްތައް ހޯދުމާއި އިވެލުއޭޓް ކުރުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް އިންޑިއާގެ އޮފިޝަލުން ފޮކްސްކޮންއާ ބެހޭ ގޮތުން އަޕްޑޭޓް ދޭނެ ކަމަށް ރިޕޯޓުގައި ވެ އެވެ.
މިއީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ދަތުރުފަތުރަށް އެ ސެންޓަރުން ކުރާ މަސައްކަތާ އެއްގޮތްވާ ގޮތުގެ މަތިން ފޮކްސްކޮން އިން މި އަހަރު އިންޑިއާގެ އީވީ އުފެއްދުމުގެ ދާއިރާއަށް ވަންނަން ނިންމާފައިވާ ކަމަށް ދާދި ފަހުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
މިދިޔަ އަހަރު ފޮކްސްކޮންގެ އިސްވެރިން ޒިޔާރަތްކުރިއިރު، ތެލަންގަނާ، މަހާރަޝްތުރާ، އަންދްރަ ޕްރަދޭޝް އަދި ޓެމިލް ނާޑޫގެ އޮފިޝަލުން ވަނީ އެ ކުންފުނީގެ އީވީ އުފެއްދުމުގެ ޕްލޭންތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ. މީގެ އިތުރުން މިއަހަރުގެ ކުރީކޮޅު ޖިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާއިން ވަނީ ކަޝްމީރުގެ ރިއާސީ ޑިސްޓްރިކްޓުން 5.9 މިލިއަން ޓަނުގެ ލިތިއަމް ރިޒާވް ހޯދާފައެވެ.
މީގެ އިތުރުން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފޮކްސްކޮން އާއި ވެދާންތާ އިން ވަނީ އިންޑިއާގައި ސެމިކޮންޑަކްޓަރުތައް އުފެއްދުމަށް ޖޮއިން ވެންޗާއެއް ވެސް އިއުލާނުކޮށްފަ އެވެ.