ރިޔާސަތާ ހަވާލުނުވާތީ ރައީސް ނަޝީދާ ދެކޮޅަށް އިމްތިޔާޒީ މައްސަލައެއް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނާ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފައިވާ ކަމަށާއި ނަމަވެސް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ރައީސް އިންކާރުކުރައްވާ ކަމަށެވެ. އަދި އެއީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ ޢަމަލެއް ކަމަށެވެ.
"މިއަދާ ހަމައަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އިންކާރުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް ވަނީ އަރާވަޑައިގެން މަޖިލީހުގެ ޤަވައިދާއި ޤާނޫނު އަސާސީއާ ޚިލާފަށް ޢަމަލުކުރައްވާފައިކަން އަޅުގަނޑު ފާހަގަކުރަން،" ޝަރީފް ހުށަހެޅުއްވި މައްސަލައިގައިވެއެވެ.
މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ދެކޮޅު ހެއްދެވުމަށްފަހު ރައީސް ނަޝީދު އިންނަވަނީ މަޖިލީހުގެ ކުޑަ ދަށުގައި ކަމަށް ވިދާޅުވެ، ޝަރީފު ވަނީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މަޖިލީހުގެ އެކި ކަންކަމުގައި ރައީސް ނަޝީދު ހަރަކާތްތެރިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ރައީސް ނަޝީދު ދެކޮޅު ހައްދަވާތީ މަޖިލީހުގެ އީވާގެ މައްސަލަ ވެސް އަދި މަޖިލީހުގެ އެހެން ޖަލްސާތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ދަތިވެފައި ކަމަށެވެ.
"މިއަމަލަކީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 182 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ފަދައިން މުޅި މަޖިލީހުގެ ހައްގަށް އަރައިގަތުން. އަދި މުޅި ޖުމްލަ ގޮތެއްގައި މަޖިލީހުގެ އިމްތިޔާޒަށް އުނިކަން އަންނަ އަމަލެއް. ވީމާ މިއިމްތިޔާޒާ ގުޅުންހުރި މައްސަލައިގައި ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން،" ޝަރީފް މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވިއެވެ.
ޝަރީފް ހުށަހެޅުއްވި މައްސަލަ ބަލައިގަނެ، މަޖިލީހުގައި ބަހުސްކުރުމަށް ރިޔާސަތުން ވޯޓަށް އެހުމުން 37 މެންބަރުން ވަނީ ބަހުސްކުރުމަށް ތާއީދުކުރައްވާ ވޯޓު ދެއްވާފައެވެ. ބަހުސް ކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.
މައްސަލަ މަޖިލީހަށް ބަލައިގަތުމުން އެ މައްސަލަ ހުށަހެޅުމަށް ރިޔާސަތުން ވަނީ ޝަރީފަށް ފުރުސަތު ދެއްވާފައެވެ. އެ ފުރުސަތުގައި މައްސަލަ ހުށަހެޅުމުގެ ކުރިން ޝަރީފް ވަނީ މިމައްސަލަ ނިމެންދެން މަޖިލިސް ޗުއްޓީއަށް ނުގޮސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުށަހަޅުއްވާފައެވެ.