ދުނިޔެ

އަފްޣާނިސްތާނުގެ އަންހެނުންނަށް ޖައްސާ ހާލަކީ އިންސާނިއްޔަތާ ދެކޮޅު ކުށަކަށް ހަދަންޖެހޭ: އދ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފްޣާނިސްތާނުގައި ވެރިކަން ކުރާ ޠާލިބާނުން އެ ޤައުމުގެ އަންހެނުންނަށް ޖައްސަމުންދާ ނިކަމެތި ހާލާއި، ކުރަމުންދާ ފުރައްސާރައަކީ ބައިނަލްއަޤުވާމީ ފެންވަރުގެ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް އެ ޤައުމުގެ އިންސާނީ ހައްޤުތަކާ ބެހޭ ކަންކަން ބެލެހެއްޓުމަށް އ.ދއިން ކަނޑައަޅާފައި ހުންނަވާ އިސް އޮފިޝަލް ރިޗަރޑް ބެނެޓް ގޮވައިލައްވައިފިއެވެ. އޭނާ މި ކަމަށް ގޮވައިލައްވާފައި ވަނީ އ.ދގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ads by Sosun Fihaara

އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލާ ޠާލިބާނުން އެ ޤައުމުގެ ވެރިކަމާ ހަވާލުވެފައި ވަނީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. އަދި، އެ ޤައުމުގެ އަންހެނުންގެ ހައްޤުތައް ހަނިކޮށް ޠާލިބާނުން ވަނީ އެ މީހުންނަށް ކުރިން ލިބެމުން ދިޔަ ގިނަ ފުރުޞަތުތަކެއް ނަގައިލާފައެވެ. ސެކަންޑްރީ ސްކޫލްތަކާއި ޔުނިވަސިޓީ އަދި ކޮލެޖުތަކުގައި ކިޔެވުމުގެ ހައްޤުން އެ މީހުން މަހުރޫމް ކުރުވާފައެވެ. އަދި، ވަޒީފާ އަދާކުރުމާއި މަދަނީ ޖަމުޢިއްޔާތަކުގައި މަސައްކަތް ކުރުމުގެ ހައްޤު ވެސް ނަގައިލާފައެވެ.

މިއީ، އިންސާނިއްޔަތާ ޚިލާފު ކުށްތަކެއްގެ ގޮތުގައި ސިފަ ކުރައްވަމުން ބެނެޓް ވިދާޅުވީ މި ކުށްތަކަށް ޠާލިބާނުން ޖަވާބުދާރީ ކުރުން ޖެހޭ ކަމުގައެވެ. އަދި، އެ ޤައުމުގެ އަންހެނުން ދިރިއުޅެމުންދާ ހާލު ނުފެންނަ ކަމަށް ހަދައިގެން ތިބެވެން ނެތް ކަމަށާއި، މިއީ ވަކި ޖިންސަކާ ދެކޮޅަށް ޠާލިބާނުން ހިންގަމުންދާ ނަލީ އިމްތިޔާޒުތަކެއް ކަމުގައި އޭނާ ސިފަކުރެއްވިއެވެ.

"އަފްޣާނިސްތާނުގެ އަންހެނުންގެ ހާލަތު އޮތީ ވަރަށް ދަށު ދަރަޖައެއްގައި. އެ މީހުން ލިބެމުންދާ އަނިޔާތައް އިތުރަށް ތަހުޤީޤު ކުރަން ޖެހޭ. ބައެއް އަންހެނުން ދިރިހުއްޓާ ވަޅުލާފައި އެބަހުރި. މި ކަންކަން ދިރާސާކޮށް ރަނގަޅަށް ބަލަން ޖެހޭ،" އަފްޣާނިސްތާނުގެ އިންސާނީ ހައްޤުތަކާ ބެހޭ ކޮމިޝަނުގެ ކުރީގެ އިސްވެރިޔާ ޝެހެރްޒާދް އަކްބަރު ވިދާޅުވިއެވެ. "އަފްޣާނިސްތާނަކީ އަންހެނުންނާއި އަންހެން ކުދިންނަށް ކަށްވަޅަކަށް ޠާލިބާނުން މި ވަނީ ބަދަލުކޮށްލާފައި."

އަފްޣާނިސްތާނުގެ އަންހެނުންނާ ދެކޮޅަށް ޠާލިބާނުން ހިންގަމުންދާ ޖަރީމާތަކަކީ ނަސްލީ އިމްތިޔާޒުތަކެއްގެ ގޮތުގައި އ.ދއިން މިހާރު އޮތީ ކަނޑައަޅާފައެވެ. ނަމަވެސް، ޠާލިބާނުން ހިންގަމުންދާ އަމަލުތަކަކީ ބައިނަލްއަޤުވާމީ ފެންވަރުގެ ކުށެއް ކަމުގައި ކަނޑައަޅާފައެއް ނެތެވެ. ޠާލިބާނުންގެ މި އަމަލުތަކަކީ ބައިނަލްއަޤުވާމީ ކުށްތަކެއްގެ ގޮތުގައި ހުރިހާ ޤައުމަކުން ވެސް ބަލައިގަންނަން ޖެހޭ ކަމުގައި ބެނެޓް ވިދާޅުވިއެވެ.

އަކްބަރު ވެސް ވަނީ ބެނެޓްގެ ގޮވައިލެއްވުން ތަކުރާރު ކުރައްވައި، ޠާލިބާނުންގެ އަމަލުތަކަކީ ކޮންވެންޝަން އޮން ކްރައިމްސް އަގެއިންސްޓް ހިޔުމެނިޓީ ނުވަތަ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ކުށްތަކާ ބެހޭ މުއާހަދާގެ ދެލިކޮޕީގައި ހިމެނުމަށް ގޮވައިލައްވާފައެވެ. ބައެއް ޤައުމުތަކުން މި ގޮވައިލުމަށް ތާޢީދުކޮށްފައިވާއިރު، އޭގެ ތެރޭގައި ދެކުނު އެފްރިކާ ހިމެނެއެވެ. ދެކުނު އެފްރިކާއަކީ ވެސް ނަސްލީ އިމްތިޔާޒުތަކާ ދެކޮޅަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ޤައުމެއް ކަން ފާހަގަކުރެވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!