މޯދީ އިންޑިއާއަށް ދަތުރު ކުރެއްވުމުން ޗައިނާގެ ކަންބޮޑުވުން
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު ހުންނެވީ -- އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެއްވި ރަސްމީ ދައުވަތަކަށް، ވޮޝިންގްޓަންގަ އެވެ. މިއީ މޯދީ އަށް އަދި އިންޑިއާއަށް ވެސް ވަަރަށް މުހިންމު ދަތުރަކަށް ވާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.
ނަރެންދުރަ މޯދީ އިންޑިއާގެ ބޮޑުވަޒީރުގެ މަގާމާ 2014 ގައި ހަވާލުވެ ވަޑައިގަތް ފަހުން އެމެރިކާއަށް ފަސް ދަތުރެއް ވަނީ ކުރައްވާފަ އެވެ. ޖޯ ބައިޑަންގެ ޒައާމަތުގައި މިއީ މޯދީ ކުރައްވާ ތިންވަނަ ދަތުރެވެ. އަދި މިއީ އިންޑިއާގެ ބޮޑުވަޒީރަކު ރަސްމީ ހައިސިއްޔަތުން އެމެރިކާ އަށް ކުރައްވާ ތިންވަނަ ދަތުރު ވެސް މެއެވެ.
މިހެން ކަން އޮތް ނަމަވެސް، މޯދީ މިފަހަރު ކުރައްވާ ދަތުރަށް އެމެރިކާ އިން ވަނީ ޚާއްސަ ގަދަރެއް ދީފަ އެވެ. އަދި ބޭރު ގައުމެއްގެ ވެރިއަކަށް އަރުވާނެ އެންމެ މަތީ ޝަރަފުވެސް މި ދަތުރުގައި މޯދީ އަށް އަރުވާނެ އެވެ.
ނަރެންދުރަ މޯދީގެ މި ދަތުރާ ބެހޭ ގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ތަރުޖަމާން ވިދާޅުވީ މިއީ އިންޑިއާއާ މެދު އެމެރިކާ ދެކޭ ގޮތް ބަދަލުނުވާ ކަމުގެ ހެއްކެއް ކަމަށެވެ.
އިންޑިއާ އަކީ އެމެރިކާ އިން ރާވައި ތަންފީޒުކުރަމުން ގެންދާ ދިފާއީ އަދި އިގުތިސާދީ ސިޔާސަތުގެ އެއް ތަނބު ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
ނޫސްވެރިންގެ ސުވާލަކަށް ވެފައި އޮތީ މޯދީއަށް މާ ކަމޭހިތާކަން ދައްކައި ވޮޝިންޓަނަށް ދައުވަތުދިނުމުގެ ބޭނުމަކީ ޗައިނާ އަށް ކަމެއް ވިސްނައިދިނުމަށް އެމެރިކާ ކުރި ކަމެއްތޯ އެވެ. އަދި މޯދީ އަކީ މާގަދަރުވެރިއެއް ގޮތުގައި ތިޔަ ހިތަނީ ކީއްވެތޯ އެވެ.
ޖޯން ކާބީ ވިދާޅުވީ މޯދީ އަށް ދެއްވި ދައުވަތާ ޗައިނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި މޯދީގެ ދަތުރަކީ އެމެރިކާއާ އިންޑިއާއާ ގުޅިގެން ޗައިނާއާ ދެކޮޅަށް އެއްވެސް ކަމެއް ތަންފީޒުކުރަން ކުރެވޭ ދަތުރެއްވެސް ނޫން ކަމަށެވެ.
ތަރުޖަމާން ވިދާޅުވި ގޮތުގައި އިންޑިއާ އަކީ އެމެރިކާގެ ސިޔާސަތުގެ ހިއްސާދާރެކެވެ. އަދި ބޮޑުވަޒިރު މޯދީއަށް ދެވޭ އިއްޒަތުން ދޭހަކޮށްދެނީ އިންޑިއާގެ ރައްޔިތުންނާ މެދު އެމެރިކާ ދެކޭ ގޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮތީ ހަރުދަނާ ގުޅުމެއް ކަމަށް ސިފަކުރައްވައި ތަރުޖަމާން ވިދާޅުވީ ކުރިއަށް އޮތް ޖީލުތަކަށް ވެސް މި ގުޅުން ދެމިއޮންނާނެ ކަމަށެވެ.
އިންޑިއާއާ ގުޅިގެން ދުނިޔޭގައި ސިޔާސަތު ތަންފީޒުކުރަން ޖަމާއަތްތައް އުފައްދާފައި އޮތްއިރު މަޝްވަރާކުރާނެ މައުލޫތައް ހުންނާނެ ކަމަށްވެސް ޖޯން ކާބީ ވިދާޅުވި އެވެ. މިސާލަކަށް އޭނާ ނެންގެވީ ކުއަޑް ގުރޫޕެވެ.
ކުއަޑްގައި ހިމެނެނީ އެމެރިކާ، އިންޑިއާ އޮސްޓްރޭލިއާ އަދި ޖަޕާން އެވެ.
މިއީ އިންޑޯ ޕެސިފިކްގައި -- ޚާއްސަކޮށް އިރުމަތީ އޭޝިއާގައި ވަކި ގާނޫނެއް ހިންގައި ތަންފީޒުކުރަން އެމެރިކާ އިސްވެ އުފައްދާފައި އޮތް ޖަމާއަތެކެވެ. މިއީ އޭޝިއާގެ ނޭޓޯގެ ގޮތުގައި ބައެއް ލިޔުންތެރިން ބުނެއުޅެ އެވެ.