ބޮޑު ޢީދުގައި އާއްމުން އެދޭ ސަރަހައްދުތައް ބަންދު ކުރަނީ

ކުރިއަށް އޮތް އަޟްޙާ އީދާ ގުޅިގެން އެކިއެކި ހަރަކާތްތައް ބޭއްވުމަށް ޢީދު ދުވަހާއި ދެވަނަ ދުވަހު، އާންމުން އެދޭ ސަރަހައްދުތައް ބަންދު ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި ނިންމުން ނިންމީ އެކިއެކި މީހުން ދިރިއުޅޭ ސަރަހައްދު ބަންދުކޮށްގެން އީދު ފާހަގަ ކުރުމަށް ކުދިކުދި ހަރަކާތް ހިންގުމަށް މަގު ފަހި ކުރުމަށް ކަމަށެވެ.
އަދި ކުރީ ފަހަރުތަކާއި ޚިލާފަށް ހުރިހައި މަގެއްގައި ދުއްވާތަކެތި ދުއްވުން މަނާ ކުރުމުން އާންމު ފަރާތްތަކަށް ދިމާވާ ދަތިތައް ނައްތާލުމަށް ކަމަށްވެސް ކައުންސިލުން ބުނެއެވެ.
މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ މިގޮތަށް ކަންތައް ކުރުމުގެ ސަބަބުން އީދު ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް އެދޭ މީހުންނަށާއި ތުއްތުކުދިން ގޮވައިގެން ހިނގާލަން ނުކުންނަން ބޭނުންވާ މީހުންނަށާއި ދުއްވާތަކެތީގައި އުޅޭ މީހުންގެ މަސައްކަތަށް ވެސް ބުރޫނާރާ ގޮތަކަށް މި ދެ ދުވަހުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ބޮޑު ޢީދު ދުވަހަކީ އަންނަ ބުދަ ދުވަހެވެ.