ޗައިނާގެ އާބާދީ މުސްކުޅި ވަނީ, އިންނަ މީހުންގެ އަދަދު ދަށަށް!
ޗައިނާގައި މީހުން ކައިވެނިކުރާވަރު ރިކޯޑު އަދަދަކަށް ދަށަށް ގޮސްފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ޗައިނާގެ ނޫހެއްކަމަށްވާ ޔިކައި އިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާގޮތުން، 2022 ވަނަ އަހަރު ފެށުނު ފަހުން މިއީ މިހާތަނަށް ޗައިނާގައި ކުރާ ކައިވެނީގެ އަދަދު އެންމެ ދަށަށް ދިޔަ މިންވަރެވެ.
ޔިކައި އިން ވަނީ ކޮވިޑް-19ގެ ސަބަބުން އެގައުމުގައި އެޅި ފިޔަވަޅުތަކުގެ ސަބަބުންވެސް ކައިވެނިކުރުމަށް ހުރަށް އެޅުނުނަމަވެސް، ފާއިތުވި ދިހަ އަހަރު ތެރޭގައި ވެސް ކައިވެނީގެ ޖުމްލަ އަދަދު ދަށަށް ގޮސްފައިވާކަމަށް ބުނެފައެވެ.
ޗައިނާގެ ސިވިލް އެފެއާޒް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ކައިވެނީގެ ރަޖިސްޓްރޭޝަން ފުރިހަމަކުރީ އެންމެ 6.83 މިލިއަން ދެމަފިރިންނެވެ.
ޗައިނާގައި ކައިވެނިކުރާ މީހުންގެ އަދަދު މިހާބޮޑަށް ދަށަށްދާން ފަށާފައި މިވަނީ އެގައުމުގައި އުފަންވާ މީހުންގެ އަދަދުވެސް ދަށްވެ، އާބާދީ ދަށަށް ދިއުމުގެ މައްސަލައާ ސަރުކާރުން ކުރިމަތިލަމުން ދަނިކޮށެވެ.
2022 ވަނަ އަހަރު ޗައިނާގެ އާބާދީ 60 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ދަށްވިއިރު، މިއީ އެގައުމުގެ ރައްޔިތުންގެ އަދަދު ދިގު މުއްދަތަކަށް ދަށްވާން ފަށާނެކަމާއި މިއީ އެގައުމުގެ އިގްތިސާދާއި ދުނިޔެއަށް ފުން އަސަރުތަކެއް ކުރާނެކަމެއް ކަމަށް ވެސް ރިޕޯޓުތައް ފާހަގަކުރެއެވެ.
މާހިރުން އިންޒާރުދޭ ގޮތުގައި ޗައިނާ މުއްސަނދިވުމުގެ ކުރިން އެގައުމުގެ އާބާދީ މުސްކުޅިވާނެއެވެ.