މޯދީ އާއި މަސްކް ބައްދަލުކޮށް އިންޑިއާގައި އިންވެސްޓު ކުރުމުގެ މަޝްވަރާ ބާއްވައިފި
އިންޑިއާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ވިސްނަމުންދާ ކަމަށް ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރުމަށް ފަހު ޓެސްލާގެ ޗީފް އެގްޒެކްޓިވް އެލޮން މަސްކް ބުނެފި އެވެ.
މޯދީ މިހާރު އެމެރިކާއަށް ކުރައްވަމުންދާ ރަސްމީ ދަަތުރުގެ ތެރެއިން ނުފޫޒު ގަދަ ބިލިއަނަރާ ބައްދަލުކުރީ އަންގާރަ ދުވަހު އެވެ.
ރޮއިޓާޒް ނޫހުން މަސްދަރަކާ ހަވާލަދީ ބުނީ އިންޑިއާގައި ފެކްޓްރީއެއް ގާއިމްކުރުމާ ބެހޭ މައުލޫމާތު އެ ބައްދަލުވުމުގައި މަސްކް ހިއްސާކުރި ކަމަށެވެ.
ބައްދަލުވުމުގައި މަސްކް ބުނީ ދެމެހެއްޓެނިވި ހަކަތައިގެ ކުރިމަގަށް ބަލާއިރު އިންޑިއާއަކީ ޕޮޓެންޝަލް ވަރުގަދަ ގައުމެއް ކަމަށާއި ސްޕޭސްއެކްސްގެ ސްޓާލިންކް އިންޓަނެޓް ހިދުމަތް ވެސް އިންޑިއާއަށް ފޯރުކޮށްދޭން އުއްމީދު ކުރާ ކަމަށެވެ.
ޓެސްލާއިން އިންޑިއާގައި އިންވެސްޓް ކުރުމަށް މޯދީ ބާރު އަޅުއްވާ ކަމަށް ފާހަގަކޮށް، މަސްކް ބުނީ "ވީ އެންމެ އަވަހަކަށް ޓެސްލާ އިންޑިއާއަށް ދާނެކަމުގެ ޔަގީންކަން އެބަ އޮތް" ކަމަށެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުން އިންޑިއާގެ ޖައްވީ ދާއިރާގެ އިންވެސްޓްމަންޓްތައް އިންޑިއާގެ ކުންފުނިތަކާ ގުޅިގެން އެމެރިކާގެ ބައެއް ކުންފުނިތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ދޭން މިހާރު ދަނީ ވިސްނަމުންނެވެ.
މިދިޔަ މަހު ޓެސްލާގެ ވެރިން ވަނީ އިންޑިއާއަށް ދަތުރުކޮށް މުހިއްމު މަޝްވަރާތަކެއް ކޮށްފަ އެވެ. އެއީ ކާރާއި ކާރު ބެޓެރި އުފައްސާ ފެކްޓްރީއެއް އެޅުމާ ގުޅޭ މަޝްވަރާ އެވެ.