އިންޑިއާގެ މައިނޯރިޓީ ހައްގުތަކާ ބެހޭ ގޮތުން އޮބާމާ ދެއްކެވި ވާހަކަތަކަށް ނިރްމަލާ ސިތާރަމަންގެ ރައްދެއް
ބީޖޭޕީގެ ސަރުކާރުގައި އިންޑިއާގެ މައިނޯރިޓީ ހައްގުތަކާ ބެހޭ ގޮތުން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ދެއްކެވި ވާހަކަފުޅަކީ ހައިރާންކުރުވަނިވި ވާހަކައެއް ކަމަށް ޔޫނިއަން ފިނޭންސް މިނިސްޓަރު ނިރްމަލާ ސިތާރަމަން މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ފާހަގަ ކުރެއްވި އެވެ.
"އެންމެންގެ ކުރިމަތީގައި އިންޑިއާގެ ވާހަކަ ބޮޑުވަޒީރު [ނަރެންދުރަ] މޯދީ ދެއްކެވުމުން އަޅުގަނޑު ހައިރާންވި، އެމެރިކާގެ ކުރީގެ ރައީސަކު އޭރު އިންޑިއާގެ މުސްލިމުންނާ ބެހޭ ގޮތުން ވާހަކަ ދައްކަވަނީ،" ނިއު ދިއްލީގައި ހުންނަ ބީޖޭޕީގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިތާރަމަން ވިދާޅުވި އެވެ.
"[އެމެރިކާގެ ރައީސްކަމުގެ] ވެރިކަމުގައި ހަ ގައުމެއް ކަމަށްވާ ސީރިއާ، ޔަމަން، ސައުދީ އަދި އިރާގު އަދި މުސްލިމް އެހެން ގައުމުތަކުގައި ބޮން ގޮއްވާނުލީތޯ؟" އެކަމަނާ ސުވާލު ކުރެއްވި އެވެ. އަދި އެފަދަ ތުހުމަތެއް ކުރާއިރު ރައްޔިތުން އެމަނިކުފާނަށް އިތުބާރު ކުރާނެތޯ އެވެ.
އެކަމަނާ ވިދާޅުވީ މޯދީ އަށް 13 ގައުމަކުން އެންމެ މަތީ މަދަނީ އިނާމު ލިބިވަޑައިގެންފައިވާ ކަމަށާއި އޭގެ ތެރޭގައި މުސްލިމުންގިނަ ހަ ގައުމެއް ހިމެނޭ ކަމަށެވެ.
ސީތާރަމަން ތުހުމަތު ކުރެއްވި ގޮތުގައި މޯދީގެ ވެރިކަމުގައި ބީޖޭޕީ އަށް އިންތިހާބީ ގޮތުން ބަލި ނުކުރެވޭނެތީ އިދިކޮޅު ފަރާތްތަކުގެ އެދުމުގެ މަތިން މައިނޯރިޓީންނާ މެދު އަމަލުކުރާ ގޮތާ މެދު އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކުރުމަށް "އޯގަނައިޒްޑް ކެމްޕޭންތައް" ހިންގަމުން އަންނަ ކަމަށެވެ.
ބުރާސްފަތި ދުވަހު ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި އޮބާމާ ވިދާޅުވީ އިންޑިއާއިން "ނަސްލީ މައިނޯރިޓީންގެ" ހައްގުތައް ހިމާޔަތް ނުކޮށްފިނަމަ ވަކި ހިސާބަކުން ގައުމު ވަކިވާން ފެށުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
އެމެރިކާގެ ކޮމިޝަން އޮން އިންޓަނޭޝަނަލް ރިލިޖަސް ފްރީޑަމް (ޔޫއެސްސީއައިއާރްއެފް) އިން ކުރާ ތުހުމަތުތަކަށް ވެސް ސިތާރަމަން ވަނީ ރައްދު ދެއްވައި، އިންޑިއާ އިން އެމެރިކާއާ އެކު ރަނގަޅު ގުޅުމެއް ބާއްވަން ބޭނުންވާ ކަމަށާއި ނަމަވެސް އެފަދަ ވާހަކަތައް އަޑުއިވުމުން ހައިރާންވާ ކަމަށް ވިދާޅުވެފަ އެވެ.