ޚަބަރު

ބިންވެރިޔާ ސްކީމުން މާލެ ސަރަޙައްދުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިން ޕްރޮގްރާމުގެ ތެރެއިން ހިންގާ ބިންވެރިޔާ ސްކީމުގެ ތެރެއިން ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފިއެވެ.

Ads by STELCO

މާލެ ރައްޔިތުންނަށް ޚާއްސަކޮށް މާލެ ސަރަޙައްދުން 5000 ގޯތި ދޭނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައެވެ. މީގެތެރެއިން ފުރަތަމަ ދޫކުރާ 3000 ގޯތި ދޫކުރަނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ.

އެއީ ހުޅުމާލެ ދެވަނަ ދިޔަވަހިން ދޫކުރާ 1000 ގޯތި އަދި ގުޅީފަޅުން ދޫކުރާ 2000 ގޯއްޗެވެ. މާލެ ރައްޔިތުންނަށް ޚާއްސަކޮށް 3000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތުގައި 15،000 އަށްވުރެ ގިނަ ފޯމު ހުށައެޅިއެވެ.

ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ދޭން ހަމަޖެހިފައިވާ ގޯތީގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރ އަސްލަމް ވިދާޅުވީ މި ވަގުތަށް އިއުލާން ކުރާ 5000 ގޯތި ލިބޭ މީހުންގެ އިތުރުން މި މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ރައީސް އިބްރާހިމް މުހަންމަދު ޞާލިޙް ނިންމަވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ދެއްކި ޕްރެޒެންޓޭޝަންގައިވާ ގޮތުން ޝަރުތު ހަމަވެފައިވަނީ 12،794 ފޯމެވެ. އެއީ 19،857 މީހުންނެވެ. ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކިން ފޯމް ހުށައަޅައިފައިވާ ފަރާތްތަކަށް ޖޮއިންޓްވުމުގެ ފުރުޞަތު ދިނުމަށް ވަނީ ނިންމާފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މިއަދު އިޢުލާނުކުރި ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10314 މީހުން ހިމެނިފައިވެއެވެ. އަދި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ޖުލައިމަހުގެ 15ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!