ބައިޑަން ވާހަކަ ދެއްކެވީ އަޅުގަނޑުމެން އެންމެންގެ ހައްގުގައި : އެންތަނީ ބްލިންކެން
އެމެރިކާގެ ރައީސް ޖޯ ބައިޑަން މިދާކަށް ދުވަހު ވިދާޅުވި ގޮތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އަކީ ޑިކްޓޭޓަރެކެވެ.
ބައިޑަންގެ މި ވިދާޅުވުމަކީ މިހާރު ވެސް އުދާސްވެފައި އޮތް -- ޗައިނާ އާއި އެމެރިކާގެ ގުޅުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވާނެ ކަމެއް ނަމަވެސް، ބައިޑަން ސަރުކާރުގެ ވަޒީރުން ވެސް ތިއްބެވީ ބައިޑަންގެ މި ސިފަކުރެއްވުން ދިފާއުކުރެއްވުމުގަ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވި ގޮތުގައި ބައިޑަންގެ އެ ވިދާޅުވުމަކީ މަޖަލަކަށް ވިދާޅުވި ވިދާޅުވުމެއް ނޫނެވެ.
ޝީ ޖިންޕިންގެ ގަދަރު ކުޑަވާ ގޮތަށް ޖޯ ބައިޑަން ދެއްކެވި ވާހަކަތަކަށް ތާއީދުކުރައްވައި ބްލިންކެން ވިދާޅުވީ "އޭނާ ވާހަކަދެއްކެވީ އަޅުގަނޑުމެން އެންމެންގެ ހައްގުގައި" ކަމަށެވެ.
އެމެރިކާގެ ނޫސްތަކަށް މައުލޫމާތު ދެއްވަމުން ބްލިންކެން ވިދާޅުވީ ޗައިނާގެ އޮފިޝަލުން ވެސް އެމެރިކާއަށް ކަމުނުދާ ކިތަންމެ ވާހަކައެއް ދައްކާ ކަމަށާއި އެމެރިކާގެ އޮފިޝަލުން ވެސް ހަމަ އެ ބީދައިން ވާހަކަދައްކާ ކަމަށެވެ.
ބައިންޑަންއާ އެކު 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެވިއްޖެ ކަމަށް ވިދާޅުވެ ބްލިންކެން ވިދާޅުވީ ބައިޑަން ދައްކަވާ ސީރިއަސް ވާހަކަތަކާއި މަޖާ ވާހަކަތައް އަދި ޖައްސަވާ ޖޯކުތައް އޭނާއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
ޝީ ޖިންޕިން އަކީ ޑިކްޓޭޓަރެއް ކަމަށް ބައިޑަން އެ ވިދާޅުވީ އެއީ އެކަން އޮތް ގޮތް ކަމަށް ވާތީ ކަމަށް ބްލިންކެން ވިދާޅުވި އެވެ.
ޝީ ޖިންޕިން އަކީ ޑިކްޓޭޓަރެއް ކަމަށް ބައިޑަން އަބަދުވެސް ވިދާޅުވެ އެވެ. މިކަމުގައި ބަޔަކަށް އާކަމެއް ނެތެވެ.
އެހެން ނަމަވެސް، ބައިޑަން މި ގޮތަށް ޝީ ޖިންޕިންގެ ގަދަރު ކުޑަކުރެއްވީ -- ޗައިނާ އާއި އެމެރިކާއާ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސްކަން ހައްލުކުރެއްވުމަށް ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން އެންތަނީ ބްލިންކެން ޗައިނާއަށް ދަތުރެއް ކުރައްވައި އެނބުރި އެމެރިކާއަށް ހަމަ ވަޑައިގަތް ތަނުންނެވެ.
ޗައިނާއާ އެމެރިކާއާ ދެމެދު ދެކެވުނު ވާހަކަތަކަށް އަދި ކުރެވުނު މަޝްވަރާތަކަށް އެއްވެސް ވަރަކަށް އިހުތިރާމް ކުރެއްވުމެއް ނެތި އަދި މިފަދަ ސިފަކުރެއްވުމަކަށް މުނާސަބު ނޫން ވަގުތެއްގައި -- ޝީ ޖިންޕިން އަކީ ޑިކްޓޭޓަރެއް ކަމަށް ވިދާޅުވުމުން ދޭހަވަނީ އެމެރިކާގެ ކިބާގައި އިޚުލާސްތެރިކަމެއް ނެތް ކަމެވެ.
އެންތަނީ ބްލިންކެން ޗައިނާއަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިންގްއާ ވެސް ބައްދަލުކުރެއްވި އެވެ. އަދި ޚާރިޖީ ވަޒީރާ ވެސް ބައްދަލުކުރެއްވި އެވެ. މިއީ ގައުމުމެއްގެ ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގައި އެންމެ އިސް ދެ ވެރިންނެވެ.
ދެ ގައުމުގެ ގުޅުން އާ ސަފުހާއަކުން ފެއްޓެވުމަށް ވައުދުވެ އެނބުރި ވަޑައިގެން އެތިފަހަރަކުން ޖެއްސެވުމުން އެ ސަފުހާ އިރައިގެން ދާނެކަން ބައިޑަންއަށް ވެސް ވިސްނިވަޑައި ނުގަތީ އެވެ.