ދުނިޔެ

ޕާކިސްތާނުގެ އަސްކަރީ ކޯޓުގައި 100 މީހަކާ ދެކޮޅަށް ޝަރީއަތްކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ތާޢީދުކުރާ މީހުންގެ ތެރެއިން 102 މީހެއްގެ ޝަރީއަތް އެ ޤައުމުގެ އަސްކަރީ ކޯޓެއްގައި ފަށައިފިއެވެ. ޕާކިސްތާން ސަރުކާރުން ދަޢުވާ އުފުލާފައި ވަނީ ޚާން ހައްޔަރުކުރުމާ ގުޅިގެން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މީހުންނާ ދެކޮޅަށެވެ. އެ މީހުންނާ ދެކޮޅަށް ޝަރީއަތް ކުރަން ފަށާފައިވާ ކަން ހާމަކޮށްފައި ވަނީ އެ ޤައުމުގެ އަސްކަރިއްޔާއިންނެވެ.

Ads by WAMCO

ކޮރަޕްޝަންގެ ތުހުމަތުގައި ޚާން ހައްޔަރުކޮށްފައި ވަނީ މޭ މަހުގެ 9 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކުރުމާ ގުޅިގެން އޭނާއަށް ތާޢީދުކުރާ މީހުންނާއި އޭނާގެ ޕާކިސްތާން ތަހްރީކް އަލް-އިންސާފު (ޕީ.ޓީ.އައި) ޕާޓީގެ މެންބަރުން ވަނީ ވެރިރަށް އިސްލާމްއާބާދާއި ބޮޑެތި އެހެން ރަށްތަކުގެ މަގުތަކަށް ނިކުމެ މުޒާހަރާކޮށްފައެވެ. އަދި، ސަލާމަތީ ބާރުތަކާ ކުރިމަތިލައި ހަމަނުޖެހުން ހިންގައި މުދަލާއި ތަކެއްޗަށް ގެއްލުންދީފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ އަސްކަރީ މަރުކަޒުތަކުގައި ހުޅުޖަހާފައެވެ.

ޚާން ހައްޔަރުކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް އެ ޤައުމުގެ ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން ތިން ދުވަސް ފަހުން އޭނާ ވަނީ ކަފާލާތުގެ ދަށުން މިނިވަންކޮށްފައެވެ. ނަމަވެސް، ހަމަނުޖެހުން ހިންގުމުގެ ކުށުގައި ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ވަނީ ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އެ ހަމަނުޖެހުންތަކަށް ފުރުޞަތު ދިނުމުގެ ކުށުގައި ޕާކިސްތާނުގެ އަސްކަރިއްޔާގެ ތިން އޮފިސަރަކު މަގާމުން ވަކިކޮށްފައިވާ ކަމުގައި އަސްކަރިއްޔާއިން ބުނެއެވެ. މަގާމުން ދުރުކޮށްފައިވާ އޮފިސަރުންގެ ތެރޭގައި ލެފްޓިނެންޓް ޖެނެރަލެއް ވެސް ހިމެނެއެވެ. އަދި، އިތުރު 15 އޮފިސަރުންނަށް އަދަބުދީފައިވާ ކަމުގައި ވެސް އަސްކަރިއްޔާއިން ބުނެއެވެ. އޭގެ ތެރޭގައި މޭޖަރ ޖެނެރަލަކާއި ހަތް ބްރިގޭޑިއަރުން ހިމެނެއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން އަދިވެސް ދަނީ ޕީ.ޓީ.އައިގެ މެންބަރުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އަދި، އަސްކަރިއްޔާއިން މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅަމުންދާ ކަމަށް ޕީ.ޓީ.އައިއިން ދަނީ ތުހުމަތު ކުރަމުންނެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މޭޖަރ ޖެނެރަލް އަޙްމަދު ޝަރީފް ޗައުދްރީ ވިދާޅުވީ އަސްކަރީ ކޯޓުގައި ދަޢުވާ އުފުލާފައި ވަނީ ބޮޑެތި ކުށްވެރިންގެ މައްޗަށް ކަމުގައެވެ. އެ މީހުންނަކީ ޕާކިސްތާނުގެ އަސްކަރިއްޔާގެ 200 އެއްހާ މަރުކަޒަށް ޙަމަލާދިނުމުގެ ފަހަތުގައިވާ ބަޔެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަދި، ޕާކިސްތާނުގެ އަސްކަރިއްޔާއާ ދެކޮޅަށް ނަފުތަރު އުފައްދައި، ޕާކިސްތާންގެ ހަމަނުޖެހުމާއި ސުލްޙަ ނަގައިލަން އެ މީހުން މަސައްކަތް ކޮށްފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ ޢާންމު އިންތިޚާބު އޮކްޓޫބަރު މަހުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާއިރު، ޕީ.ޓީ.އައިގެ މެންބަރުންނާ ދެކޮޅަށް ޝަރީއަތް ފަށާފައި ވަނީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމުގައި ޚާން ވިދާޅުވިއެވެ. އަސްކަރީ ކޯޓުތަކުގައި ޢާންމު ރައްޔިތުންގެ ޝަރީއަތް ހިންގަމުންދާތީ އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްނެސްޓީ އިންޓަރނޭޝަނަލުން ވަނީ، އެއީ އިންސާނީ ހައްޤުތަކަށް އަރައިގަތުމުގެ ގޮތުން ދެކޭ ކަމަށް ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!